ޖިންސީ ގޯނާ

ޖިންސީގޯނާ ކުރާ މީހުންގެ މައްސަލަ އަވަހަށް ނިންމަންޖެހޭ: ޕީޖީ

ކުޑަކުދިންނަށް ޖިންސީގޯނާ ކުރާ ކަމަށް ތުހުމަތު ކުރެވޭ މީހުންގެ މައްސަލަތައް އަވަހަށް ތަހުގީގުކޮށް ދައުވާ ކުރުމަކީ މުހިންމު ކަމެއް ކަމަށް ޕްރޮސެކިއުޓަރު ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.

ޕީޖީ މިހެން ވިދާޅުވެފައިވަނީ ދެކުނު ރަށެއްގައި ދެ އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް، ދެ ފިރިހެނަކު ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާއި ގުޅިގެން އެ ދެ މީހުން ހައްޔަރުކޮށްފައިވަނިކޮށެވެ. ހައްޔަރުކޮށްފައިވަނީ ކުޑަ އަންހެން ކުއްޖާގެ ކާފައާއި މުނިކާފަ ކަމަށް އެނގިފައިވެއެވެ. އެ ދެ މީހުން އެ މީހުންގެ ކާފަ ދަރިފުޅަށް ޖިންސީ އަނިޔާކޮށްފައިވާ ކަމަށް ވަނީ ބެލެވިފައެވެ.

ޝަމީމް ވިދާޅުވީ ކުޑަކުދިންނަށް ޖިންސީގޯނާ ކުރާ ކަމަށް ތުހުމަތު ކުރެވޭ މީހުންގެ މައްސަލަތައް އަވަހަށް ތަހުގީގުކޮށް ދައުވާ ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. އެ މަސައްކަތް މިހާރުވެސް ފުލުހުންގެ މުއައްސަސާއާއި ޖެންޑާ ގުޅިގެން ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ.

"އަވަހަށް ޝަރީއަތް ނިންމުމަކީވެސް އެހާ މުހިންމު ކަމެއް. ނިޒާމު ހިނގާކަން އިހްސާސް ވާންޖެހޭ." ޝަމީމް ވިދާޅުވިއެވެ.

ދެ އަހަރުގެ ކުއްޖާއަށް ޖިންސީ ގޯނާ ކުރި މައްސަލާގައި ހައްޔަރުކޮށްފައިވަނީ 62 އަހަރުގެ ފިރިހެނަކާއި 82 އަހަރުގެ ފިރިހެނެކެވެ.

އަވަސްއާއި ވާހަކަދެއްކި އެ ރަށުގެ ބައެއް މީހުން ބުނީ ކުޑަ ކުއްޖާއަށް ޖިންސީ ގޯނާ ކުރުމުގައި އެ ކުއްޖާގެ ބައްޕަ، ކާފަ އަދި މުނިކާފަވެސް ބައިވެރިވެފައިވާ ކަމަށެވެ. އަދި އެކަން ކުއްޖާގެ ވާހަކަތަކުން އެނގޭ ކަމަށެވެ.

ދެ އަހަރުގެ ތުއްތު ކުއްޖާއަށް ޖިންސީ ގޮތުން ބޮޑެތި އަނިޔާތަކެއް ވަނީ ލިބިފައެވެ. މިވަގުތު އެ ކުއްޖާއަށް ޖެންޑާާ މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުރިއިރު އެ ކުއްޖާއަށް އައިޖީއެމްއެޗްގައި ދަނީ ފަރުވާ ދެމުންނެވެ.