ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް

ޒެނީޝާއާ ބަޝީރު ދޫކޮށްލައި 13 މީހަކަށް ދައުވާކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކުޑަކުދިންގެ ހިޔާގައި ތިބި ކުދިންތަކަކަށް އަނިޔާކޮށް ގަވާއިދާ ހިލާފަށް އެކުދިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މައްސަލައިގައި ދައުވާ ކުރަން ފޮނުވާފައިވާ ކުރީގެ ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ އާއި ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން (އެފްސީޕީ) ގެ ވެރިޔާ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރުގެ މައްޗަށް ދައުވާ ނުކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމައިފި އެވެ.

ކުޑަކުދިންގެ ހިޔާގައި 2017 ވަނަ އަހަރު ހިނގި ހަމަނުޖެހުމަކާ ގުޅިގެން އެކަމުގައި ބައިވެރިވި ބައެއް ކުދިން ހިޔާ އިން ނެރެގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައިރު ގާނޫނީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަކޮށްފައި ނުވާތީ އެ މައްސަލަ އެޗްއާރްސީއެމަށް ހުށަހެޅި އެވެ. އެ ކުދިން ގެންދިޔައިރު ބައެއްް ކުދިންނަށް ޖިސްމާނީ ގޮތުން އަނިޔާވެފައިވާ މައްސަލަތަކެއް ވެސް ތަހުގީގަށް ފާހަގަކުރެވުނު ކަމަށް އެނގިފައިވެ އެވެ.

އެޗްއާރްސީއެމުން މައްސަލަ ތަހުގީގުކުރުމަށްފަހު ޒެނީޝާ އާއި ބަޝީރު ހިމެނޭހެން 30 މީހުންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވި އެވެ.

ނަމަވެސް ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަހުމަދު ޝަފީއު މިއަދު ވިދާޅުވީ މި މައްސަލައިގައި ދައުވާކުރީ ކުށުގެ އަމަލު ހިންގުމުގައި އަމަލީ ގޮތުން ބައިވެރިވިކަމުގެ ހެކި ގަރީނާ ލިބުނު މީހުންގެ މައްޗަށް ކަމަށެވެ. އެހެންކަމުން މި މައްސަލައިގައި ތުހުމަތުކުރެވުނު ކުރީގެ ޖެންޑާ މިނިސްޓަރު ޒެނީޝާ އާއި ބަޝީރުގެ މައްޗަށް ދައުވާކުރެވޭ މިންވަރަށް ހެކި ގަރީނާ ލިބިފައި ނުވާތީ، އެ ދެ މީހުންގެ މައްޗަށް ދައުވާކޮށްފައި ނުވާނެ ކަމަށް ވިދާޅުވި އެވެ.

މި މައްސަލައިގައި ދައުވާ އުފުލާފައި ވަނީ 13 ފުލުހެއްގެ މައްޗަށެވެ. ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް މިއަދު ވިދާޅުވީ ކުޑަކުދިންގެ ހިޔާގައި ތިބި ކުދިންތަކެއް ގަވާއިދާ ހިލާފަށް ބިޑިއަޅުވައި، ޓޯޗާގެ އަމަލެއް ހިންގިކަމުގެ ތުހުމަތުގައި، އެކަމުގައި އަމަލީގޮތުން ބައިވެރިވިކަމަށް ހެކި ލިބުނު 13 މީހެއްގެ މައްޗަށް ދައުވާ އުފުލާފައިވާ ކަމަށެވެ.

މި 13 ފުލުހުންގެ މައްޗަށް އުފުލާފައި ވަނީ ރަޙުމްކުޑަ ލާއިންސާނީ އިހާނެތި އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ އެވެ.

އެކުދިންނަކީ ދައުލަތުން ހާއްސަ ހިމާޔަތެއް ދޭން ޖެހޭ ކުދިންތަކެއް ކަމަށް ވެސް ޝަމީމް ވަނީ ވިދާޅުވެފަ އެވެ.

ކުޑަކުދިންގެ ހިޔާގެ މައްސަލައެއްގައި ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ވިންގުގެ ވެރިޔަކަށް އަދިވެސް ހުންނެވީ ބަޝީރެވެ. ނަމަވެސް އެ ވިންގުގެ ބައެއް އޮފިސަރުން އެހެން ޑިޕާޓްމަންޓްތަކަށް ބަދަލުކޮށްފައިވާ ކަމަށް އަވަސް އަށް އެނގިފައިވެ އެވެ.