މޯލްޑިވްސް ޕޮލިސް ސާވިސް

ފުލުހުންތަކަކަށް ދައުވާ ކުރާތީ ފުލުސް ކަންބޮޑުވެއްޖެ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކުޑަކުދިންގެ ހިޔާގައި ތިބި ކުދިންތަކަކަށް އަނިޔާކޮށް ގަވާއިދާ ހިލާފަށް އެކުދިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަަށް ބުނާ މައްސަލައިގައި ފުލުހުންތަކެެއްގެ މައްޗަށް ދައުވާ ކުރަން ނިންމުމުން ދިވެހި ފުލުހުންގެ ހިދުމަތުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ކުޑަކުދިންގެ ހިޔާގައި 2017 ވަނަ އަހަރު ހިނގި ހަމަނުޖެހުމަކާ ގުޅިގެން އެކަމުގައި ބައިވެރިވި ބައެއް ކުދިން ހިޔާ އިން ނެރެގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައިރު ގާނޫނީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަކޮށްފައި ނުވާތީ އެ މައްސަލަ އެޗްއާރްސީއެމަށް ހުށަހެޅި އެވެ. އެ ކުދިން ގެންދިޔައިރު ބައެއްް ކުދިންނަށް ޖިސްމާނީ ގޮތުން އަނިޔާވެފައިވާ މައްސަލަތަކެއް ވެސް ތަހުގީގަށް ފާހަގަކުރެވުނު ކަމަށް އެނގިފައިވެ އެވެ.

އެޗްއާރްސީއެމުން މައްސަލަ ތަހުގީގުކުރުމަށްފަހު ޒެނީޝާ އާއި ބަޝީރު ހިމެނޭހެން 30 މީހުންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވި އެވެ.

ނަމަވެސް ޕީޖީ އޮފީހުން މިއަދު ވިދާޅުވީ މި މައްސަލައިގައި ދައުވާކުރީ ކުށުގެ އަމަލު ހިންގުމުގައި އަމަލީ ގޮތުން ބައިވެރިވިކަމުގެ ހެކި ގަރީނާ ލިބުނު މީހުންގެ މައްޗަށް ކަމަށެވެ. އެހެންކަމުން މި މައްސަލައިގައި ތުހުމަތުކުރެވުނު ކުރީގެ ޖެންޑާ މިނިސްޓަރު ޒެނީޝާ އާއި ބަޝީރުގެ މައްޗަށް ދައުވާކުރެވޭ މިންވަރަށް ހެކި ގަރީނާ ލިބިފައި ނުވާތީ، އެ ދެ މީހުންގެ މައްޗަށް ދައުވާކޮށްފައި ނުވާނެ ކަމަށް ވިދާޅުވި އެވެ.

މި މައްސަލައިގައި ދައުވާ އުފުލާފައި ވަނީ 13 ފުލުހެއްގެ މައްޗަށެވެ. ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް މިއަދު ވިދާޅުވީ ކުޑަކުދިންގެ ހިޔާގައި ތިބި ކުދިންތަކެއް ގަވާއިދާ ހިލާފަށް ބިޑިއަޅުވައި، ޓޯޗާގެ އަމަލެއް ހިންގިކަމުގެ ތުހުމަތުގައި، އެކަމުގައި އަމަލީގޮތުން ބައިވެރިވިކަމަށް ހެކި ލިބުނު 13 މީހެއްގެ މައްޗަށް ދައުވާ އުފުލާފައިވާ ކަމަށެވެ.

މި 13 ފުލުހުންގެ މައްޗަށް އުފުލާފައި ވަނީ ރަޙުމްކުޑަ ލާއިންސާނީ އިހާނެތި އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ އެވެ.

އެކަމާއި ގުޅިގެން ފުލުހުން ދެންމެ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ 2017 ވަނަ އަހަރު ތުލުސްދޫގައި ހިންގި ކޭންޕްގައި ފުލުހުންގެ ފަރާތުން ކުދިންތަކަކަަށް އަނިޔާވި މައްސަލައެއްގައި 8 ފުލުހެއްގެ މައްޗަށް ޖިނާއީ ދައުވާ ކުރަން ފޮނުވާފައިވާކަން އެޗްއާރުސީއެމުން އޮކްޓޫބަރު 5، 2021 ގައި އަންގާފައިވާ ކަމަށެވެ. އެ ދަތުރުގެ ބައިވެރިން ކޮންޓްރޯލް ކުރުމަށް އެ ކުދިންގެ އަތުގައި ބިޑިއަޅުވާފައިވުމާއި ބާރަށް ހަޅޭލަވާފައިވާ ކަމަށް ތުހުމަތު ކުރެވޭތީ ރަހުމުކުޑަ ލާއިންސާނީ އަމަލު ހިންގުމުގެ ކުށުގެ ދައުވާ 13 ފުލުހެއްގެ މައްޗަށް ކޮށްފައިވާ ކަމުގެ މައުލޫމާތު ނޮވެންބަރު 1، 2021 ގައި ޕީޖީ އޮފީހުން އަންގާފައިވާ ކަމަަށެވެ. އަދި ތިން ފުލުހެއްގެ މައްޗަށް ދައުވާ ނުކުރަން ނިންމާ އެކަންވެސް އަންގާފައިވާ ކަމަށެވެ.

ފުލުހުންގެ ބަޔާނުގައި ބުނެފައިވަނީ އެ މުއައްސަސާއަށް ލިބިފައިވާ މައުލޫމާތުތަކުން އެ ކޭމްޕްގައި ފުލުހުން އަމަލުކޮށްފައިވަނީ ގަވާއިދާ އެއްގޮތަށް ކަމަށް އެނގިފައިވާ ކަމަަށެވެ. އެހެން ކަމުން ފުލުހުންތަކެއްގެ މައްޗަަށް ދައުވާ ކުރުމަށް ނިންމާފައިވާ ނިންމުމާމެދު ފުލުހުން ކަންބޮޑުވާ ކަމަށެވެ. އަދި އެޗްއާރްސީއެމްގެ ތަހުގީގުގެ މައުލޫމާތު ހިއްސާކޮށް ދިނުމަށް އެ ކޮމިޝަންގައި އެދިފައިވާ ކަމަަށްވެސް އެ ބަޔާނުގައިވެއެވެ.