ހަބަރު

ގަވައިދު ހަދަން އެޗްއާރްސީމްއަށް ޕީޖީން އަންގައިފި

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް)އިން ހަދަން ޖެހޭ ގަވައިދުތައް މިހާތަނަށް ވެސް ހަދާފައިނުވާތީ އެކަން ކުރުމަށް ޕްރޮސިކިއުޓާ ޖެނަރަލް އަމުރު ކުރައްވައިފި އެވެ.

ޕްރޮސިކިއުޓާ ޖެނަރަލް އޮފީހުގެ މީޑިއާ އޮފިޝަލް ޕަބްލިކް ޕްރޮސިކިއުޓާ އަހުމަދު ޝަފީއު ވިދާޅުވީ، އެ ގަވައިދުތައް 30 ދުވަހުގެ ތެރޭގައި ހެދުމަށް އަންގައި މިއަދު އެޗްއާރްސީއެމްއަށް ޕްރޮސިކިއުޓާ ޖެނަރަލް ސިޓީއެއް ފޮނުއްވާފައިވާ ކަމަށެވެ.

ޕްރޮސިކިއުޓާ ޖެނަރަލް ހުސެއިން ޝަމީމް، އެޗްއާރްސީއެމްއަށް މި އަމުރު ކުރައްވާފައިވަނީ ގާނޫނު އަސާސީގެ 223 ވަނަ މާއްދާއިން ލިބިދޭ ބާރުތަކުގެ ދަށުންނެވެ. އެ މާއްދާގައިވާ ގޮތުން ޖިނާއީ ކުށެއް ކަމަށް ތުހުމަތުކުރެވޭ އަމަލުތަކާ ގުޅިގެން ބަލާ ބެލުންތަކާއި ހިންގާ ތަހުގީގުތައް ބަލައި އެ ކަންކަން ހިންގަނީ ގާނޫނާ އެއްގޮތަށްތޯ ބެލުމަކީ ޕްރޮސިކިއުޓާ ޖެނަރަލްގެ މަސްއޫލިއްޔަތެކެވެ.

އެޗްއާރްސީއެމްއަކީ ވެސް ތަހުގީގު އިދާރާއެކެވެ. އެ އިދާރާއަށް ވެސް ތަހުގީގު ހިންގުމަށްފަހު ދައުވާކޮށް ދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް މައްސަލަ ފޮނުވުމުގެ ބާރު އޮވެ އެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 24 ވަނަ މާއްދާގެ (ނ)ގައިވާ ގޮތުން ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގެ ގާނޫނީ ބާރު ލިބިފައިވާ ކޮންމެ ފަރާތަކުން ވެސް އެ ފަރާތަށް މައްސަލަ ހުށަހެޅޭނެ އިޖުރާއަތުތައް ބަޔާންކުރާ ގަވާއިދެއް، އިޖުރާއަތު ގާނޫނަށް އަމަލުކުރަން ފަށާތާ ތިން މަސް ދުވަހުގެ ތެރޭގައި ހަދަން ޖެހޭނެ އެވެ.

އެ މުއްދަތުގައި ފުލުހުންނާއި ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން އިޖުރާއަތު ގަވައިދުތައް ހަދައި އާންމުކުރި އެވެ. ސުޕްރީމް ކޯޓަށް ވެސް ގަވައިދުތަކެއް ހަދަން އެ ގާނޫނުގައި ލާޒިމްކޮށްފައިވާއިރު، އެ ގަވައިދުތައް ވެސް ވަނީ ހަދާފަ އެވެ. ނަމަވެސް އެއީ މުއްދަތު ފަހަނައަޅަދިޔަ ފަހުންނެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަމަލު ކުރަން ފެށީ، ކުރިން އަމަލު ކުރަން އޮތް މުއްދަތު ބަދަލުކޮށް 2017 ވަނަ އަހަރުގެ ޖުލައި މަހުގެ ދެވަނަ ދުވަހު އެވެ. އެހެންކަމުން އެ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވައިދުތައް ހަދަން ލާޒިމްވާނެ އެވެ.

ނަމަވެސް ގަވައިދަށް އަމަލު ކުރަން ފެށިތާ ދެ އަހަރަށްވުރެ ގިނަ ދުވަސްވެފައިވާއިރު ވެސް އެޗްއާރްސީއެމްއަށް އެ ގަވައިދުތައް ހަދައި އާންމުކުރެވިފައެއް ނުވެ އެވެ. ގަވައިދުތައް ހެދުން މިހާ ލަސްވެގެން ދިޔަ ސަބަބެއް ސާފެއް ނުވެ އެވެ. އެޗްއާރްސީއެމްއިން އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކާފައެއް ނުވެ އެވެ.