ރ. މަޑުއްވަރީ ސުކޫލުގައި ޕްރިންސިޕަލަކު ނެތި ހަ މަސް ދުވަސް ފާއިތުވެފައިވާ ސަބަބު ސާފުކުރުމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މަޖިލީހަށް ހާޒިރުކޮށްގެން ސުވާލުކުރަން ހުށަހަޅުއްވައިފި އެވެ.
މިނިސްޓަރާ ސުވާލުކުރެއްވުމަށް ހުށަހެޅުއްވީ މަޑުއްވަރީ ދާއިރާގެ މެންބަރު އަދި އެޑިޔުކޭޝަން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު އެވެ.
އާދަމް ޝަރީފް މަޖިލީހަށް ފޮނުއްވާފައިވާ ސުވާލުގައި ވިދާޅުވެފައިވަނީ މިއަހަރު ކުރީކޮޅުން ފެށިގެން މަޑުއްވަރީ ސްކޫލު ހިންގަނީ ޕްރިންސިޕަލަކު ނެތި ކަމަށެވެ. އެހެންވެ އާދަމް ޝަރީފް އެދިވަޑައިގެންފައިވަނީ ޕްރިންސިޕަލެއް ނުލިބިގެން އުޅޭ ސަބަބަކާއި، ޕްރިންސިޕަލެއް ލިބޭނެ ތާރީހަކާ އަދި ޕްރިންސިޕަލުން ނުލިބޭ ރަށްރަށް ނުވަތަ ޕްރިންސިޕަލުން ހަރުލުން ދަތި ރަށްރަށާ މެދު ރާއްވަވާ ގޮތްތަކަކީ ކޮބައިތޯ އޮޅުންފިލުއްވުމަށެވެ.
އާދަމް ޝަރީފް ފަހުން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއަހަރުގެ މެއި މަހުން ފެށިގެން މަޑުއްވަރީ ސްކޫލުގައި ޕްރިންސިޕަލަކު ނެތް ކަމަށާއި އެއީ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.
"ބައެއް ރަށްރަށަށް ހާޑްޝިޕް ހާއްސަ އިނާޔަތެއް ހަމަޖައްސައިގެން ނަމަވެސް ރަނގަޅު ޕްރިންސިޕަލުން ތިބޭނެ ގޮތެއް ކޮންމެހެން ހަދަންޖެހޭ. އަދި ބައެއް ރަށްރަށުގައި ޕްރިންސިޕަލް ހަރުނުލާ މައްސަލަ ބަލަންޖެހޭ،" އާދަމް ޝަރީފް ވިދާޅުވެފައިވެ އެވެ.
މަޑުއްވަރީ ސްކޫލު ހިންގުމާ މިވަގުތު ހަވާލުވެ ހުންނެވީ އެ ސްކޫލުގެ ލީޑިން ޓީޗަރު އަހްމަދު ޝަކީބް އެވެ.