ސަރުކާރު ސްކޫލްތަކުގެ ޕްރިންސިޕަލުން ވަޒީފާއަދާކުރާ ސްކޫލް ކަނޑައެޅުމުގެ އުސޫލަށް ގެނައި ބަދަލަކީ ގާނޫނީ އަސާސީ އާއި ވަޒީފާއާބެހޭ ގާނޫނާ ހިލާފު އުސޫލެއްކަމަށް ބުނެ، އެކަން ރައްޔިތުންގެ މަޖިލީހުގެ ކަމާގުޅޭ ކޮމިޓީން ބަލައިދިނުމަށް މަޑުއްވަރީ ދާއިރާގެ އިދިކޮޅު މެެންބަރު އާދަމް ޝަރީފް އުމަރު އެދިވަޑައިގެންފި އެވެ.
މިދިޔަ ހަފްތާގައި އާއްމު ކުރި 'ސަރުކާރު ސްކޫލްތަކުގެ ޕްރިންސިޕަލުން ވަޒީފާއަދާކުރާ ސްކޫލް ކަނޑައެޅުމުގެ އުސޫލު'ގައިވާ ގޮތުގެ މަތިން ޕްރިންސިޕަލުން ވަޒީފާ އަދާކުރާނެ ސުކޫލު ކަނޑައަޅާނީ ފަސް މެންބަރުންގެ ކޮމެޓީއަކުންނެވެ.
އެއް ސުކޫލެއްގައި ޕްރިންސިޕަލްގެ މަގާމުގައި އެކަކަށް އެންމެ ގިނަވެގެން ހުރެވޭނީ އަށް އަހަރުގެ މުއްދަތަކަށް ކަމަށާއި ސަރުކާރު ސުކޫލެއްގައި ޕްރިންސިޕަލް މަގާމުގައި ތިބޭ މުވައްޒިފުންގެ ޓެނުއާޝިޕް މުއްދަތަކީ ހަތަރު އަަހަރު ކަމަށް އުސޫލުގައި ބުނެ އެވެ.
އެކަމާ ގުޅިގެން ތައުލީމީ ދާއިރާގެ ގިނަ ބަޔަކު ކަންބޮޑުވުންފާޅު ކުރަމުންދާ ދަނޑިވަޅެއްގައި، އެކަން މަޖިލީހުން ބަލައިދިނުމަށް އެދި އާދަމް ޝަރީފް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ ކޮމިޓީއަކުން ޕްރިންސިޕަލުން ވަޒީފާ އަދާ ކުރާ ސްކޫލު ކަނޑައެޅުމަކީ ގާނޫނު އަސާސީގެ ރޫހާ ހިލާފު ކަމެއް ކަމަށެވެ.
އޭގެ އިތުރުން، ވަޒީފާ އަދާކުރާތަން ވަޒީފާ ބަޔާނުގައި ކަނޑައަޅާފައި އޮންނަންޖެހޭ ކަމަށް ވަޒީފާއާބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާއިރު، ކޮމިޓީއަކުން ޕްރިންސިޕަލުން ވަޒީފާ އަދާ ކުރަންޖެހޭތަން ކަނޑައަޅާ ގޮތަށް އުސޫލު އެކުލަވާލުމަކީ ވަޒީފާއާބެހޭ ގާނޫނާ ތައާރުޒުވާކަމެއް ކަމަށްވެސް އެ ސިޓީގައި ބުނެފައިވެ އެވެ.
"މަޖުބޫރުން މަސައްކަތް ކުރުވައިގެން ނުވާނެކަމަށް ވަޒީފާއާބެހޭ ގާނޫނުގެ ތިން ވަނަ މާއްދާގައި ބަޔާންކޮށްފައިވާއިރު، ކޮމިޓީން ބުނާ ތަނެއްގައި ވަޒީފާ އަދާކުރަންޖެހުމަކީ ވަޒީފާއާބެހޭ ގާނޫނާ ތައާރުޒުވާކަމެކެވެ،" އާދަމް ޝަރީފް ވިދާޅުވެފައިވެ އެވެ.
އެ ސިޓީގައި އިތުރަށް ބުނީ މި އުސޫލުގެ ސަބަބުން ގާބިލު ޕްރިންސިޕަލުން ލިބުން ދަތިވެ، ސްކޫލުތަކުގެ ހިންގުން ހީނަރުވެ، ދަރިވަރުންގެ ކިޔުވުމަށް އެކަމުގެ ނޭދެވޭ އަސަރުކުރުމުގެ ފުރުސަތު ބޮޑުވެގެންދާނެތީ، އެ އުސޫލުގައިވާ ގާނޫނީ އަދި އިޖުރާއީ މައްސަލަތައް މަޖިލީހުގެ ކަމާގުޅޭ ކޮމިޓީން ބަލައިދޭން ވަނީ އެދިފަ އެވެ.
އެޑިއުކޭޝަނުން ގެނައި ކުއްލި ބަދަލާއެކު ބައެއް ޕްރިންސިޕަލުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
އަަދި، އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އަދި އެމިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުންވެސް ތިއްބަވާ އެ ގުރޫޕްގައި ބައެއް ޕްރިންސިޕަލުން ވަނީ އާ އުސޫލާއެކު އެ ބޭފުޅުންގެ ވަޒީފާގެ ޔަގީންކަން ގެއްލިފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި އެންމެ ފަސް މެންބަރުން ތިއްބަވާ ކޮމެޓީއަކުން ބޭނުންވާހާ ގޮތަކަށް ޕްރިންސިޕަލުން އެއް ސުކޫލުން އަނެއް ސުކޫލަށް ބަދަލު ކުރުމަކީ ޕްރިންސިޕަލުންނަށް ކުރެވޭ ވަރަށް ބޮޑު ބޭއިންސާފެއް ކަމަށް ވިދާޅުވެފައިވެ އެވެ.
ނަމަވެސް، މި އުސޫލުގެ ސަބަބުން އެއްވެސް ޕްރިންސިޕަލެއްގެ ހައްގަކަށް އުނިކަމެއް ނާންނާނެކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ޔަގީންކަން ދީފަ އެވެ.