ރ. މަޑުއްވަރި

މިނިސްޓަރާ ސުވާލުކުރަން ހުށަހެޅުމުން މަޑުއްވަރި ސްކޫލަށް ޕްރިންސިޕަލަކު ހޯދަނީ

ރ. މަޑުއްވަރީ ސްކޫލުގައި ޕްރިންސިޕަލަކު ނެތިގެން ރައްޔިތުންގެ މަޖިލީހުގައި އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއާ ސުވާލުކުރަން ހުށަހަޅާފައި ވަނިކޮށް އެ ސްކޫލަށް ޕްރިންސިޕަލަކު ހޯދަން އިއުލާންކޮށްފި އެވެ.

މިއަހަރުގެ މޭ މަހުން ފެށިގެން މަޑުއްވަރީ ސްކޫލުގައި ޕްރިންސިޕަލަކު ނެތް ކަމަށް ބުނެ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރަން ހުށަހެޅުއްވީ އެ ދާއިރާ ތަމްސީލުކުރައްވާ މެމްބަރު އަދި އެޑިކޭޝަންގެ ކުރީގެ ސްޓޭޓް މިނިސްޓަރު އާދަމް ޝަރީފް އެވެ. އެ ސްކޫލަށް ޕްރިންސިޕަލަކު ނުލިބިގެން އުޅޭ ސަބަބާއި ޕްރިންސިޕަލަކު ހަމަޖެހޭނެ ތާރީހަކާ ގުޅޭ ގޮތުން އާދަމް ޝަރީފް ސުވާލުކުރައްވައިފައި ވެއެެވެ.

މިނިސްޓަރާ ސުވާލުކުރެއްވުމަށް އާދަމް ޝަރީފް މަޖިލީހަށް ހުށަހެޅުއްވީ މިދިޔަ މަހުގެ 30 ވަނަ ދުވަހު އެވެ.

މަޖިލީހުގައި އެ މައްސަލަ އޮއްވައި އިއްޔެ ވަނީ މަޑުއްވަރީ ސްކޫލު ހިމެނޭ ގޮތަށް 13 ސްކޫލަކަށް ޕްރިންސިޕަލަކު ހޯދަން އެޑިޔުކޭޝަން މިނިސްޓްރީން އިއުލާންކޮށްފަ އެވެ.

މަޑުއްވަރީ ސްކޫލު ހިންގުމާ މިވަގުތު ހަވާލުވެ ހުންނެވީ އެ ސްކޫލުގެ ލީޑިން ޓީޗަރު އަހްމަދު ޝަކީބް އެވެ.