ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ޗައިނާ

ކޮވިޑް ސިޔާސީ ނުކުރަން ޗައިނާ ގޮވާލައިފި

ކޮވިޑް އުފެދުނު ގޮތް ކަމަށް ބުނެ އެމެރިކާގެ އިންޓެލިޖެންސް ކޮމިއުނިޓީން ތައްޔާރުކުރި ރިޕޯޓް އޮތީ މާބޮޑަށް ވެސް ސިޔާސީ ކޮށްފަ ކަމަށް ޗައިނާއިން ބުނެފި އެވެ.

ޗައިނާއިން ބުނީ ސިޔާސީ ކުރުމުގެ އިތުރުން ސައިންސްގެ ގޮތުން އަސްލެއް ނެތް، ނުރުހުމުގައި ވިޔަސް އިތުބާރު ކުރެވޭނެ މިންވަރު ވެސް ރިޕޯޓްގައި ނެތް ކަމަށެވެ.

ވޮޝިންޓަންގެ ފިކުރު ތަޣައްޔަރު ވެފައި އޮތް ކަމަށް ޗައިނާ ބުނެ އެވެ. އަދި ބުނީ އެމެރިކާގެ މަކަރުވެރި ރޭވުންތަކެއްގެ ސަބަބުން ކޮވިޑް ބަލިމަޑުކަމާ ދެކޮޅަށް ދުނިޔޭގެ ފެންވަރުގައި ކުރަމުންދާ މަސައްކަތްތަކަށް ގެއްލުން ލިބެމުންދާ ކަމަށެވެ.

ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ވަންގް ވެންބިން އާދީއްތަ ދުވަހު ވިދާޅުވި ގޮތުގައި ޗައިނާގެ ބޮލުގައި ކޮންމެވެސް ކަމެއް އެޅުވުމަކީ އެމެރިކާއަށް ޖެހިފައި އޮތް ބައްޔެކެވެ. ދައްކާ ވާހަކަ ދެކޮޅު ނުޖެހި ފަލީހަތް ވަމުން ދާއިރު ވެސް ރަނގަޅު ބުއްދިއެއް ކުރަން ނޭނގޭތީ ހިތާމަކުރެ އެވެ.

ކޮވިޑް އުފުދުނު ގޮތް ކަމަށް ބުނާ ދިރާސާއެއް މިއަހަރު އޮގަސްޓްގައި އެމެރިކާގެ ސްޕެޝަލް ސާވިސަސް އިން ޝާއިއުކުރި އެވެ. ޗައިނާއިން މި ރިޕޯޓަަށް އެއިރު ވެސް ވަރަށް ބޮޑަށް ދެކޮޅު ހެދި އެވެ. ތަރުޖަމާން ވިދާޅުވީ ދޮގުތައް ތަކުރާރު ކުރެވޭ އިރުވެސް ވޮޝިންގްޓަނަކަށް ނޭނގެ އެވެ.

ތަރުޖަމާނު އިތުރަށް ވިދާޅުވީ ދިރާސާ ކުރުމަށް ވަކި ބަޔަކު ހާއްސަ ކުރުމަކީ ވެސް މައްސަލަ ސިޔާސީ ކޮށްފައި އޮތްކަން ސާބިތު ކޮށްދޭ ކަމެއް ކަމަށެވެ.

"އެމެރިކާ ހަދާ ދޮގުތަކުގެ ސަބަބުން ކޮވިޑްގެ އަސްލު ދިރާސާކުރާ ދުނިޔޭގެ ސައިންޓިފިކް ކޮމިއުނިޓީ އަށް އިތުރު ގެއްލުންތަކެއް ލިބޭނެ،" ތަރުޖަމާން ވިދާޅުވި އެވެ. "މި ބަލިމަޑުކަމާ ދެކޮޅަށް ބައިނަލްއަގުވާމީ އެއްބާރުލުން ނުލިބި، އަޅާލުން ކުޑަވުމުގެ ސަބަބުން އިންސާނުންގެ ފުރާނައަށް ނުރައްކާވާ މިންވަރު އިތުރުވެދާނެ" އޮފިޝަލް ވިދާޅުވި އެވެ.

ކޮވިޑް އުފެދުނު ގޮތް ކަމަށް ބުނެ އެމެރިކާގެ ޑިރެކްޓަރު އޮފް ނެޝަނަލް އިންޓެލިޖެންސްގެ އޮފީހުން ދެގޮތެއްގެ މައްޗަށް އަލިއަޅުވާލައި ހުކުރު ދުވަހު ރިޕޯޓެއް ޝާއިއުކުރި އެވެ،

ރިޕޯޓްގައި ބުނާ އެއްގޮތަކީ ގުދުރަތީ ގޮތުން ބަލި އުފެދިނާނެ ވިސްނުމެކެވެ. ލެބޯޓަރީގައި ބަލި އުފެދުމަކީ ވެސް އޮތް ފުރުސަތެއް ކަމަށް ރިޕޯޓް ބުނެ އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކޮވިޑް އުފެދުނު ގޮތާ ބެހޭ ފުރިހަމަ ރިޕޯޓެއް ނެރެފައި ވާއިރު، ކޮވިޑަކީ ލެބޯޓްރީ ލީކުވި ވައިރަހެއް ކަމަށް ނުބެލެވޭ ކަމަށް އެ ޖަމިއްޔާއިން ވަނީ ބުނެފަ އެވެ