އިޓަލީގެ މަގެއް މަތީގައި އެއް ތަނެއްގައި 47 އަހަރު ވީއިރުވެސް އޮތް ކާރެއް ވަރަށް ފުރިހަމަ މޮނިއުމަންޓަކަށް ހަދައިފި އެވެ.
މި ކާރު ބަލަން މީގެ ކުރިން ގިނަ އަދަދެއްގެ ޓޫރިސްޓުން ޒިޔާރަތް ކުރަމުން އައިސްފައިވެ އެވެ.
މި ކާރު އެހާ ޚާއްސަ އެއްޗަކަށްވީ ކީއްވެ ހެއްޔެވެ؟ މިކާރު އެ އޮތް ތަނުގައި އޮންނަތާ މިހާރު ބައި ގަރުނު ވާން ވަނީ ގާތްވެފަ އެވެ.
އިޓަލީގެ ޓްރެވީސޯ ޕްރޮވިންސްގެ ކޮނެގްލިއާނޯ ކިޔާ ކުޑަ އަވަށެއްގައި ދިރިއުޅޭ އެންޖެލޯ ފްރެގޯލެންޓް އާއި އޭނާގެ އަންހެނުން ބާޓިއްލާ މޮޑޯލޯ އަކީ ނޫސް ވިއްކާ ފިހާރައެއް ހިންގި ބައެކެވެ. މި ކާރުގެ ވެރިންނަކީ މި ދެމަފިރިންނެވެ.
ލެންސިއާ ފުލްވިއާ ބްރޭންޑްގެ މި ކާރަކީ 1962 ގައި މި ދެމަފިރިން، ނޫސް ޗާޕްކުރާ ތަނުން ފިހާރައަށް ވިއްކަން ނޫސް ގެންދަން ބޭނުންކުރި ކާރެކެވެ.
އެންޖެލޯ އާއި ބާޓިއްލާ 40 ވަރަކަށް އަހަރު ވަންދެން މި ވިޔަފާރިކުރި އެވެ. އަދި އޭގެ ފަހުން ދެ މީހުން ރިޓަޔާ ވީއެވެ. އެމީހުން ރިޓަޔާވެ، ނޫސް ވިއްކި ކިއޮސްކް ބަންދުކުރިޔަސް އެތަނުގެ ބޭރުގައި އެ ކާރު ބާއްވަން އެ ދެމަފިރިން ނިންމި އެވެ. އަދި އޭގެ ފަހުން އެ ކާރު އޮތީ އެތަނުގަ އެވެ. ކާރު އެތާނގައި އޮންނަތާ 47 އަހަރުވީއިރު ޓޫރިސްޓުން ވަރަށް ގިނައިން ބަލަން އަންނަ، އެމީހުން ވަރަށް ގަޔާވާ މަޝްހޫރު ތަނަކަށް މި ކާރާއި އެ އޮތްތަން ވަނީ ވެފަ އެވެ.
ނަމަވެސް އެ ސަރަހައްދުގެ ކާރޫބާރޫ ބޮޑުވެ އެތަނުގައި ކާރު އޮތުމުން މީހުންނަށާއި ދުއްވާ އެއްޗިއްސަށް އުނދަގޫވާން ފެށުމުން މިހާރު އެ ކާރު ވަނީ އެހެން ތާކަށް ބަދަލުކޮށްފަ އެވެ. ކާރު އެހެން ތާކަށް ގެންދިޔަ ޚަބަރު އިވިގެން ކާރަށް ޚާއްސަ މޮނިއުމަންޓެއް ހަދަން ކާރު ވިޔަފާރިކުރާ ދެ މީހަކު ވޮލަންޓިއާ ކުރީ އެވެ. މިހާރު ކާރު އޮތީ ކެރޭއްޓީ ޓެކްނިކަލް އިންސްޓިޓިއުޓްގައި މޮނިއުމަންޓެއް ހަދާ އެތަނުގައި ބާއްވާފަ އެވެ.
މި އިންސްޓިޓިއުޓް ހުންނަނީ އެންޖެލޯ އާއި ބާޓިއްލާގެ ގޭގެ ކުރިމަތީގައި ކަމުން ކާރުގެ މޮނިއުމަންޓުގެ މަސައްކަތް މުޅިން ނިމި އެ ބަލާލުމުގެ ފުރުސަތު ލިބުމުން މި ދެމަފިރިންނަށް ވެސް ކާރު ބަލާލާނެ ފުރުސަތު ލިބޭނެ އެވެ.