އިޓަލީގެ ފަރުބަދަމަތީ ރަށެއް ކަމަށްވާ ލިގީރިއާގައި ދެ ފައްޅިއަކާ އިންވެގެން އޮތް މީހުން ވަޅުލާފައިވާ ގަބުރުސްތާނެއްގެ ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން 200 ވަރަކަށް ސަންދޯއް ކަނޑައިގެން ދިޔަ ބިންގަނޑާއެކު ކަނޑަށް ފައިބައިގެން ހިނގައްޖެ އެވެ.
އުސް ފަރުބަދައެއްގެ ކުރީގައިވާ ކަމޯގްލީ ކިޔާ އަވަށުގައި ހިނގި މި ހާދިސާގައި އިތުރު އެއްވެސް މީހަކަށް ގެއްލުން ނުވާ ކަމަށް އިޓަލީގެ ފަޔާ ސާވިސް އިން ބުނެފައި ވެއެވެ. އަދި ބިންގަނޑު ކަނޑައިގެން ގޮސް ވެއްޓުނު ގަބުރުސްތާނުގެ ބައި ފިޔަވައި އެހެން ބިލްޑިންގަކަށް ވެސް ގެއްލުމެއް ނުވެ އެވެ.
މިދިޔަ ހޯމަ ދުވަހުން ފެށިގެން މި ސަރަހައްދު ބަންދުކޮށްގެން ކަމާ ބެހޭ ފަރާތްތަކުން ދަނީ ބޯޓުތަކުގައި ނުކުމެ ސަންދޯއްތައް ކަނޑުން ނެގުމުގެ މަސައްކަތް ކުރަމުންނެވެ.
ބައެއް މީހުންގެ މޯބައިލް ފޯނުތަކުން ނަގާފައިވާ ވީޑިއޯތައް މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު މި ވީޑީއޯ ތަކުގައި ފެންނަނީ ބިންގަނޑު ވަރަށް ބޮޑަށް ވައިބްރޭޓް ވަމުން ގޮސް ބާރު އަޑުފައްގަނޑަކާއެކު ގަބުރުސްތާނުގެ ބިންގަނޑުގެ ބޮޑު ބައެއް ކަނޑައިގެން ގޮސް ކަނޑަށް ފައިބަގެންދާ ތަނެވެ.
ސަންދޯއްތަކުގައި ހުރި ގަބުރުތައް ހޯދަން މަސައްކަތްކުރާ މީހުންނަށް ހުރަސް އެޅިފައިވަނީ މި އެކްސިޑެންޓަކީ އަދިވެސް ނުނިމޭ ހާދިސާއަކަށް ވާތީ އެވެ. ކަމާ ބެހޭ އޮފިޝަލުން ލަފާ ކުރަނީ ބިންގަނޑު ކަނޑައިގެން ގޮސް ކަނޑަށް ފައިބައިގެން ދިޔަ ފަސްގަނޑުގެ ދަށުގައި ގިނަ ސަންދޯއްތަކެއް ވަޅުލެވިފައި ވެދާނެ ކަމަށެވެ.
ސަންދޯއްތައް މިގޮތަށް ކަނޑަން ފައިބައިގެން ދިޔަ މަންޒަރަކީ އެ ސަންދޯއްތަކުގައި އަޅާފައި ތިބި މީހުންގެ އާއިލާތަކަށް ވަރަށް ހިތްދަތި ތަޖުރިބާއަކަށް ވަނީ ވެފަ އެވެ.