ލައިފްސްޓައިލް

ގޮނޑިއެއްގައި އިންދާ މަރުވި މީހަކު ފެނުނީ އަހަރު ފަހުން

އިޓަލީގެ 70 އަހަރުގެ އަންހެނަކު ގޮނޑިއެއްގައި އިންދާ މަރުވެ، ދެ އަހަރު ވަންދެން އެގޮތަށް އިނދެއްޖެ އެވެ.

މި މީހާއަކީ އެކަނި މާއެކަނި ދިރިއުޅުނު މީހެކެވެ. އެހެންވެ އޭނާ މަރުވިކަން އެއްވެސް މީހަކަށް ނޭނގޭތީ ދެ އަހަރު ވަންދެން އޭނާ މަރުވެފައި އިން ގޮތަށް އެ ގޮނޑީގައި އިނދެ އިނީ މުޅިން ހިކި މަމީއަކަށް ވެފަ އެވެ.

މަރަނެއްލާ ބަރެއްޓާގެ އާއިލާގެ އެކަކުވެސް މިހާރު ދުނިޔެއަކު ނެތެވެ. އެހެންވެ އޭނާ މަރުވެގެން ގޮނޑީގައި އިން ދެ އަހަރު ތެރޭ ވެސް އޭނާގެ ޚަބަރެއް ބަލާލާނެ މީހަކު ނުވީ އެވެ.

ފުލުހުންނަށް ބަރެއްޓާ ފެނުނީ އެ ސަރަހައްދަށް ވަރަށް ބޮޑަށް ވައިގަދަވެ އަންހެން މީހާގެ ގޭގެ ގޯތި ތެރޭގައި އެތައް ދުވަހެއް ވަންދެން އަޅާ ނުލާ ދޫކޮށްލާފައި ހުރި ގަސްތައް މުލުން ލުހިދާނެކަމުގެ ބިރު ހީވެގެން އެ ގޭ މީހުން ހޯދަން ކުރި މަސައްކަތުންނެވެ.

އިޓަލީގެ މީޑީއާއިން ބުނި ގޮތުގައި މަރުވެ، ހިކިފައިވާ މަރަނެއްލާގެ ހަށިގަނޑު ފެނުނުއިރު އޭނާގެ އަވަށްޓެރިންނަށް އޭނާގެ ޚަބަރެއް ނުވާތާ ދެ އަހަރާ ހަ މަސް ވެއްޖެ އެވެ.

ބަރެއްޓާގެ އެކަނިވެރި އަދި އެހާ ހިތްދަތި މަރަކީ އިޓަލިގައި އުޅޭ ދުވަސްވީ މިފަދަ އެކަނިވެރި އެތައް މިލިއަން ބައެއްގެ ހާލަތު ބަޔާންކޮށްދޭ ކަމެއް ކަމަށް ވެސް އެ ގައުމުގެ މީޑިއާ އިން ބުނެ އެވެ.

އިޓަލީގެ ފެމެލީ މިނިސްޓަރު ވިދާޅުވީ މިފަދަ މީހުންނަށް ސަރުކާރުން ޚާއްސަ ސަމާލުކަމެއް ދީގެން ބަލަހައްޓަން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި އެއްވެސް މީހަކަށް މިހާ އެކަނިވެރި ދިރިއުޅުމެއް އުޅުނަ ނުދީ ވޭތޯ ކަންތައްތައް ކުރަން ޖެހޭނެ ކަމަށެވެ.

އިޓަލީގެ ރަސްމީ އިދާރާތަކުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އެ ގައުމުގައި ދިރިއުޅޭ 75 އަހަރުން މަތީގެ އާބާދީގެ 40 ޕަސެންޓް ދިރިއުޅެނީ އެކަނި މާއެކަންޏެވެ.

ބަރެއްޓާ އަކީ އިޓަލީގެ ދުވަސްވީ މީހުންގެ އެކަނިވެރިކަމުގެ ނަމޫނާ މިސާލެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ބަރެއްޓާގެ އަވަށްޓެރިން ބުނެފައިވާ ގޮތުގައި އެމީހުންނަށް އޭނާ އެންމެ ފަހުން ފެނިފައިވަނީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު ހިސާބުގަ އެވެ. އަވަށްޓެރިންނަށް ބަރެއްޓާ ނުފެންނަން ފެށުމުން އޭނާ އެހެން ހިސާބަކަށް ދިރިއުޅުން ބަދަލުކުރީ ކަމަކަށް ހީވެ އޭނާ ކޮބައިތޯ ނުބަލައި ތިބީ އެވެ. އަދި އެ ދުވަސްވަރު ކޮރޯނާވައިރަހުގެ ޕެންޑެމިކް ލައިގަނެ އިޓަލީ ލޮކްޑައުން ކުރުމުންނާއި އެތައް ބަޔަކު އެ ބަލީގައި އުޅެން ޖެހުމުން އެއްވެސް މީހަކަށް ބަރެއްޓާގެ ހާލު ބަލާލެވޭ ގޮތް ނުވީ އެވެ.