ލައިފްސްޓައިލް

މިސް ޔުނިވާސް 2022 ފައިނަލިސްޓް ސިއެނާ ވިއާ މަރުވެއްޖެ

އޮސްޓްރޭލިޔާގެ ރީތީގެ ރާނީ އަދި މިސް ޔުނިވާސް 2022ގެ ފައިނަލިސްޓެއް ކަމަށްވާ ސިއެނާ ވިއާ މަރުވެއްޖެ އެވެ.

އުމުރުން 23 އަހަރުގެ ސިއެނާ މަރުވީ އަސް ދުއްވަނިކޮށް ދިމާވި އެކްސިޑެންޓެއްގަ އެވެ.

މިދިޔަ މަހު ހިނގި މި އެކްސިޑެންޓްގައި އޮސްޓްރޭލިޔާގެ ފެޝަން މޮޑެލް ސިއެނާ އަށް ވަރަށް ބޮޑަށް އަނިޔާވެ ގިނަ ދުވަސް ތަކަކު ހޮސްޕިޓަލުގައި ފަރުވާ ދީފައި ވެއެވެ.

ދަ ނިއު ޔޯކް ޕޯސްޓްގައިވާ ހަބަރެއް ބުނާ ގޮތުގައި ސިއެނާއަށް އަނިޔާވީ ފާއިތުވީ އެޕްރިލް ދެވަނަ ދުވަހު އޮސްޓްރޭލިޔާގެ ވިންޑްސޯ ޕޯލޯ ގްރައުންޑްގައި އޮތް އަސް ދުއްވުމުގެ މުބާރާތެއްގައި އަސް ދުއްވަނިކޮށް އޭގެ މަތިން ވެއްޓިގެންނެވެ.

އަހުން ވެއްޓުމުން ސިއެނާ އަށް ބޮޑެތި އަނިޔާތަކެއް ލިބި އެތައް ހަފުތާއަކު ލައިފް ސަޕޯޓްގައި ބާއްވާފައި ވެއެވެ. އެންމެ ފަހުން އޭނާގެ ލައިފް ސަޕޯޓް ކަނޑާލައި މަރުވީ ކަމަށް ނިންމާފައިވަނީ މި ހިނގާ މޭ މަހުގެ ހަތަރުވަނަ ދުވަހު އެވެ.

ސިއެނާގެ މޮޑެލިން އެޖެންސީން ވެސް ވަނީ އޭނާ މަރުވިކަން އިއުލާންކޮށް އާއިލާއަށް ތައުޒިޔާ ކިޔާފަ އެވެ.

ސިއެނާ އަކީ އަސް ދުއްވުމަށް އިންތިހާއަށް ލޯބިކުރި މީހެކެވެ. މިސް ޔުނިވާސް އޮސްޓްރޭލިޔާ މުބާރާތުގައި ވާދަކުރި 27 ފައިނަލިސްޓުންގެ ތެރޭގައި އޭނާ ހިމެނެ އެވެ.

ސިޑްނީ ޔުނިވަސިޓީން ކިޔަވައި ސިއެނާ ޑަބަލް ޑީގްރީ ނަގާފައި ވެއެވެ. އިންގްލިޝް ލިޓްރެޗާ އާއި ސައިކޮލޮޖީ އިންނެވެ.