ލައިފްސްޓައިލް

އާއިލާއަށް ފިލައިގެން އުޅުނު ސައޫދީ ދެބެންގެ ގޮތް ނޭނގޭ މަރު

އާއިލާއަށް ފިލައިގެން އޮސްޓްރޭލިޔާ އަށް ގޮސް އުޅުނު ސައޫދީ އަރަބިޔާގެ ޒުވާން ދެ އަންހެނުން ގޮތް ނޭނގޭ މަރަކުން މަރުވެ ކުނިވެފައި އޮއްވާ ފެނިއްޖެ އެވެ. އެބަނޑު އެއްބަފާ ދެބެން ކަމަށްވާ އަސްރާ އަބްދުﷲ އަލްސެހްލީ، 24، އާއި އަމާލް އަބްދުﷲ އަލްސެހްލީ މަރުވެ ކުނިވެފައި އޮއްވާ ފެނިފައިވަނީ ކެންޓްބަރީގައި އެ މީހުން ދިރިއުޅުނު އެޕާޓްމަންޓުން މިދިޔަ ޖޫން މަހުގެ 7 ވަނަ ދުވަހު އެވެ.

އޮސްޓްރޭލިޔާގެ ޑީޓެކްޓިވް ކްލައުޑިއާ އޯލްކްރޮފްޓް މިދިޔަ ބުދަ ދުވަހު ބުނި ގޮތުގައި އެ ދެބެން ފެނުނުއިރު އެމީހުން މަރުވިތާ މަހަކަށް ވުރެ ގިނަ ދުވަސް ވެފައިވާ ކަމަށް ތަހުގީގުން ދައްކާ ކަމަށެވެ.

މި ދެބެން މަރުވެފައި ތިއްބާ ފެނިފައިވަނީ އެމީހުންގެ ހާލު ބަލަން އެ ގެޔަށް ދިޔަ ވެލްފެއާ އޮފިސަރުންނަށެވެ.

މި ދެބެން މަރުގެ ހަގީގަތް ހޯދުމަށް މަސައްކަތް ކުރަމުންދާއިރު އެ މީހުން އެންމެ ފަހުން ފެނިފައިވަނީ ކޮން ބަޔަކަށްތޯ އާއި އެމީހުންގެ ހަރަކާތްތައް ހުރި ގޮތެއް ބެލުމަށް ތަހުގީގު ޓީމުން ގެންދަނީ އަވަށްޓެރިންނާއި ކައިރި ހިސާބުތަކުގައި ހުރި ވިޔަފާރިކުރާ ތަންތަނުގެ މީޙުންނާ ސުވާލު ކުރަމުންނެވެ.

އަސްރާ އާއި އަމާލުގެ ހަށިގަނޑު ފެނުނުއިރު އެ މީހުން ތިބީ ވަކި ދެ އެނދެއްގައި ނިދަން އޮށޯވެ ތިބި ފަދަ ގޮތަކަށް ތިއްބާ މަރުވެފަ އެވެ. އެމީހުންގެ ޚަބަރު ދަބަރު އޮޅުން ފިލުވަން ވެލްފެއާ އޮފިސަރުން އެ ތަނަށް ދިޔައީ އެ މީހުން ދިރިއުޅޭ ތަނަށް ކުލި ނުދައްކާތާ ހަތަރު ހަފުތާ އަށް ވުރެ ގިނަ ދުވަސްވެގެން އެ ގޭގެ ވެރިފަރާތުން އެކަމުގެ ޝަކުވާ ކޮށްގެންނެވެ.

ވެލްފެއާ އޮފިސަރުން ދިޔައިރު އެ އެޕާޓްމަންޓުގެ ބޭރުގައި އެ ދެބެންނަށް އައިސްފައި ހުރި ގިނަ ގުނަ ޕޯސްޓްތައް ވެސް ފުނި ޖެހިފައި ހުއްޓެވެ.

މަރުވެފައިވާ ދެބެންގެ ހަށިގަނޑުގައި އެއްވެސް ކަހަލަ ޒަޚަމެއްގެ ނިޝާނެއް ނެތް ކަމަށް ތަހުގީގު ޓީމުން ބުނެފައި ވެއެވެ. އަދި އެމީހުން ދިރިއުޅޭ ތަނަށް މީހަކު ނުވަތަ ބަޔަކު ގަދަކަމުން ވަދެފައިވާ ކަމުގެ ނިޝާނެއް ވެސް ފެންނަން ނެތް ކަމަށާއި އެ ތަން ހުރީ އެތެރޭން ތަޅުލާފައި ކަމަށް ވެއެވެ.

އަމިއްލަ ގައުމު ސައޫދީ އަރަބިޔާގައި ފިރިހެނުންގެ ބާރު ގަދަކަމުން ބައްޕަ އާއި ބޭބެމެން އަދި ބޮޑުބޭބެމެންގެ ނުފޫޒުން ސަލާމަތްވާން ބޭނުންވެގެން އަސްރާ އާއި އަމާލް އެ ގައުމުން ފިލައިގެން އޮސްޓްރޭލިޔާ އަށް ދިޔައީ 2017 ގައެވެ. އޭރު އަސްރާ އަށް 19 އަހަރެވެ. އަމާލް އަށް 18 އަހަރެވެ.

ފާއިތުވީ ފަސް އަހަރު އެ ދެބެން އުޅެފައިވަނީ ރެފިއުޖީންގެ ޚިދުމަތުގަ އެވެ. އެއީ ރެފިއުޖީންގެ ޚިދުމަތުގައި އުޅުމަކީ އޮސްޓްރޭލިޔާ އިން ހިމާޔަތް ހޯދަން ފަސޭހަވާ ކަމަކަށް ވާތީ އެވެ.

ފިލައިގެން އޮސްޓްރޭލިޔާ އަށް ދިއުމަށްފަހު މި ދެބެންނާއި ސައޫދީގައި ތިބި އެމީހުންގެ އާއިލާގެ އެއްވެސް މީހަކާ ގުޅުމެއް ނޯންނަ ކަމަށް ވެއެވެ.

ދެބެން މަރުވިއިރު ވެސް އެ މީހުންނަށް އޮސްޓްރޭލިޔާ އިން އެސައިލަމް ލިބިފައެއް ނުވެ އެވެ.

އޮސްޓްރޭލިޔާގެ ގާނޫނު އޮންނަ ގޮތުން ބަޔަކު ކުލި ނުދައްކާ ގިނަ ދުވަސް ވާނަމަ އެ ކަން ހުށަހަޅަން ޖެހެނީ ކޯޓަށެވެ. އެ މީހަކަށް ކުލި ހޯދައިދޭން މަސައްކަތް ކުރަނީ ކޯޓުންނެވެ.

މި ދެބެން މަރުވެފައި ތިބޭތާ ގިނަ ދުވަސްތަކެއް ވެއްޖެކަން އެނގުނީ ވެސް އެ މީހުން ކުލި ނުދައްކައިގެން ގޭގެ ވެރި ފަރާތުން ކޯޓުގައި މައްސަލަ ޖެއްސުމުން ކޯޓުން ފޮނުވި އޮފިސަރުން އެ ގެއަށް ގޮސް ބެލި ބެލުމުންނެވެ.

އެ ދެބެން ދިރިއުޅުނު ހިސާބުގަނޑުގެ ބައެއް މީޙުން ބުނި ގޮތުގައި ބުރުގާ ނާޅާ އުޅުނު ދެބެންގެ ތެރެއިން އެކަކުގެ އިސްތަށިގަނޑުގައި ހުންނަނީ މުށިކުލައެއް ޖައްސާފަ އެވެ. އަނެކަކުގެ އިސްތަށިގަނޑު ހުންނަނީ ރަން ކުލައެއްގަ އެވެ. ދެބެން އާންމުކޮށް އުޅެނީ ވަރަށް މަޑުމައިތިރިކޮށް ކަމަށާއި ނަމަވެސް މީހަކު ސުވާލެއް ކޮށްފިނަމަ ވަރަށް އިހުތިރާމާއެކު ޖަވާބު ދޭ ކަމަށް ވެއެވެ.