އޮފްބީޓް

ޗުއްޓީ ނިންމާފައި ދިޔައިރު ގެ އޮތީ ތަޅާ ސުންނާފަތިކޮށްފައި

ޗުއްޓީއެއް ނިންމާފައި އެނބުރި ގައުމަށް ދާއިރު ދިރިއުޅޭ އަމިއްލަ ގެ ބިމާ ހަމަކޮށްލާފައި ހުއްޓާ ފެނުމަކީ ކޮންމެ މީހަކުވެސް ނަމަވެސް ހައިރާންވާނެ ކަމެކެވެ. ދެރަވެސް ވާނެ ކަމެކެވެ. އެމެރިކާގެ އަންހެނަކަށް މިފަހަރު މިވަނީ މިފަދަ ކަމެއް ކުރިމަތިވެފަ އެވެ.

ސޫޒަން ހޮޖްސަން އެހެން ގައުމެއްގައި ޗުއްޓީ ހޭދަކުރަމުން ދަނިކޮށް އަވަށްޓެރިއަކު އޭނާއަށް ގުޅައި ދިން ހަބަރަކުން ލިބުނީ ކުއްލި ސިހުމެކެވެ. އަވައްޓެރިޔާގެ ސުވާލަކަށްވީ ސޫޒަން ދިރިއުޅޭ ގެ ތަޅާލުމަށް ބަޔަކާ ހަވާލުކޮށްފައިވޭތޯ އެވެ. އޭރުވެސް ސޫޒަންގެ ގެ ވަނީ ބިމާހަމަކޮށްލާފަ އެވެ.

އޭނާގެ ޖަވާބަކަށްވީ އެއްވެސް ބަޔަކާ އެފަދަ މަސައްކަތެއް ހަވާލުކޮށްފައި ނުވާނެ ކަމަށެވެ.

"މިކޮޅުގައި މަސައްކަތް ކުރަން ތިބި މީހުން ހަމަ މުޅި ގެ ތަޅާލައި ނިންމައިިފި" އަވައްޓެރިޔާ ބުންޏެވެ.

ސޫޒަން ދިން ޖަވާބާ ގުޅިގެން ސޫޒަންގެ ގެ ތަޅާލުމުގެ މަސައްކަތް ކުރަމުން ދިޔަ މީހުންނާ އަވަށްޓެރިޔާ ސުވާލުތައް ކުރަން ފެށި އެވެ. ނަމަވެސް އެމީހުން ވަރަށް ހަޑި ހުތުރު ބަހުން ސޫޒަންގެ އަވަށްޓެރިޔާއާ މުއާމަލާތު ކުރި އެވެ. އަދި އޭނާގެ އަމިއްލަ ކަންކަމައިގެން އުޅުމަށް ނަސޭހަތްތެރިވި އެވެ.

ހޮޖްސަން މިކަމާ ގުޅިގެން އާއިލާގެ ގާތް މީހަކު އެތަނަށް ފޮނުވާ އެތަން ތަޅާލުމަށް އޮތް ހުއްދަ ރަނގަޅަށް ބަލައި ޗެކް ކުރި އެވެ. އެ ލިޔުމުގައި އޮތީ ހޮޖްސަންގެ އެޑްރެހެއް ނޫނެވެ. މާނައަކީ އެއީ ނުބައި އެޑްރެހެއް ކަމަށް އިމާރާތް ތަޅާލި މީހުން އިއުތިރާފްވުމެވެ.

ހޮޖްސަން ބުނީ މިކަމާ ޒިންމާވާންޖެހޭ ކުންފުނިން އަދި އެއްވެސް ބަހެއް ބުނެފައި ނުވާ ކަމަށާއި، މިފަދަ ކަމެއް ކުރުމުގެ ހައްގު އެއްވެސް ފަރާތަކަށް ލިބިގެން ނުވާނެ ކަމަށާއި ބަދަލު ހޯދަން ދައުވާވެސް ކުރާނެ ކަމަށެވެ.

އިމާރާތް ތަޅާލި ކުންފުނިން ބުނީ މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.