އޮފްބީޓް

ޖެހިފައިވަނީ ކެންސަރު ނޫންކަން އެނގުނީ ދެ އަހަރު ފަހުން

އިނގިރޭސިވިލާތުގެ ޔޯކްޝަޔާގެ ރައްޔިތަކަށް ކެންސަރު ބަލި ޖެހިފައިވާ ކަމަށް ބުނެ ދެ އަހަރު ދުވަސް ވަންދެން ކެންސަރަށް ފަރުވާ ދިނުމާ ގުޅިގެން އެ މީހާއަށް ބަދަލު ދީފި އެވެ.

އީސްޓް ޔޯކްޝަޔާގެ އުމުރުން 33 އަހަރުގެ މެގަން ރޯއިލް އަށް 2019 ވަނަ އަހަރު ހަމުގެ ކެންސަރު ޖެހިފައިވާކަން ހީކުރެވުނެވެ.

އޭނާގެ ފަރުވާގެ ތެރެއިން އިމިއުނޯތެރަޕީ ދީ، އެގް ސެލް ރައްކާތެރި ކުރުމަށް ފިޔަވަޅުތައް އެޅީ ދަރިމައިވުމަށް އަސަރުތަކެއް ކޮށްފާނެ ކަމަށް ބަލައިގެންނެވެ.

މިވަގުތު އޭނާ ހުރީ ހަގީގަތުގައި ދުވަހަކުވެސް އެ ބަލި ނުޖެހުނު ނަމަވެސް ސާޖަރީއެއް ހެދިކަން އެނގުމުން މުޅިން އެކަން ގަބޫލު ނުކުރެވޭ ހާލަތެއްގަ އެވެ.

"ހަމަ ހަގީގަތުގައިވެސް ގަބޫލެއް ނުކުރެވޭނެ މިކަހަލަ ކަމެއް ދިމާވެދާނެ ކަމަކަށް. މިއަދާ ހަމައަށްވެސް އަހަންނަށް އެކަން ހިނގި ގޮތެއް ސާފެއް ނުވޭ. އަޅުގަނޑަށް ކެންސަރު ޖެހިފައިވާ ކަމަށް ގަބޫލުކޮށްގެން ދެ އަހަރު ހޭދަކޮށް، ހުރިހާ ފަރުވާއެއް ހޯދައި، ދެން ބުނީ އެއްގޮތަކަށްވެސް ކެންސަރެއް ނެތް ކަމަށް" ރޯއިލް ބުންޏެވެ.

ހަލްގައި ހުންނަ ހަޖެލް ސޮލިސިޓާސް އާއި އެކު، މިސް ރޮއިލް ވަނީ އެކަމުގައި ބައިވެރިވި ލަންޑަން އެންއެޗްއެސްގެ ދެ ޓްރަސްޓުންނާއި އެކު ކޯޓުން ބޭރުގައި ބަދަލު ހޯދުމުގެ މައްސަލައެއް ކާމިޔާބުކޮށްފަ އެވެ.

"އަހަރެމެންގެ ޓްރަސްޓްގައި މެގަން ރޮއިލްއަށް ލިބުނު ތަޖުރިބާގެ ސަބަބުން ލިބުނު އުނދަގުލަށް އިޚްލާސްތެރިކަމާއެކު މައާފަށް އެދެން. އަޅުގަނޑުމެންނަށް އުފާވެރިކަން ލިބުނީ ސެޓްލްމަންޓެއް އެއްބަސްވެފައި އޮތުމުން" ދަ ރޯޔަލް މާސްޑެން އެންއެޗްއެސް ފައުންޑޭޝަން ޓްރަސްޓްގެ ތަރުޖަމާނަކު ބުންޏެވެ.