ލައިފްސްޓައިލް

ލޮލުތެރޭގައި 23 ކޮންޓެކްޓް ލެންސް

ލޮލުގެ މައްސަލަތައް ހުންނަ ބައެއް މީހުންނަށް އައިނު އެޅުމަށްވުރެ ފަސޭހައީ ކޮންޓްރެކްޓް ލެންސް ލައްވާލާށެވެ.

ލޮލުގެ މައްސަލަ ނެތަސް ރީއްޗަކަށް ވެސް ކޮންޓެކްޓް ލެންސް ލައްވާ މީހުން އުޅެ އެވެ. ނަމަވެސް މިގޮތަށް ލައްވާ ލެންސްގެ މަތިން ހަނދާން ނެތި ކުރިން ލެއްވި ލެންސްގެ މައްޗަށް އެހެން ލެންސެއް އެގޮތަށް ލައްވަމުން ގޮސް މަތިމައްޗަށް 23 ލެންސު ލެއްވުނު މީހެއްގެ ވާހަކަ އަޑުއެހިން ހެއްޔެވެ؟

ޑރ. ކެޓުރީނާ ކުރުތޭވް ކިޔާ ލޮލުގެ ހާއްސަ ޑޮކްޓަރަކު އިއްޔެ އިންސްޓަގްރާމްގައި ޝެއާކޮށްފައިވާ ވީޑީއޯ އަކުން ފެންނަނީ މިގޮތަށް ލޮލުގެ ތެރެއަށް ލެންސް ލެއްވުނު މީހެއްގެ ލޮލުން 23 ލެންސް ނެގި ތަނެވެ. މި ލެންސްތައް ހުރީ އެމީހާގެ ލޮލުގެ މަތީ ބޮނޑީގަ އެވެ.

ލޮލުގެ ޚާއްސަ ޑޮކްޓަރު ބުނެފައިވާ ގޮތުގައި ޖައްސަ ޖައްސައިގެން 23 ދުވަސް ވަންދެން އެމީހާ ލޮލަށް ލެންސް ލައްވާފައިވަނީ ކުރިން ލެއްވި ލެންސްތައް ނުނަގަ އެވެ.

"ބަލި މީހަކު އޭނާގެ ލޮލަށް ކޮންމެ ދުވަހަކު ލައްވާ ކޮންޓެކްޓް ލެންސް ނަގަން ހަނދާން ނެތި އޭގެ މަތިން އަނެއްކާ އެހެން ލެންސެއް ލައްވަމުން ދިއުމަކީ ވަރަށް މަދުން ނޫނީ ދިމާވާތީ ފެންނަ ކަމެއް ނޫން. މި މީހާ މިގޮތަށް ކޮންމެ ދުވަހަކު ލެންސެއް ލައްވަމުން ގޮސް 23 ދުވަސް ތެރޭ 23 ލެންސް ވަނީ ލައްވާފަ. އަހަރެންގެ ކްލިނިކްގައި އިއްޔެ މި ހުރިހާ ލެންސް އެމީހާގެ ލޮލުން ނަގައިދީފިން،" ކެލިފޯނިއާ އައި އެސޯސިއޭޓްގެ އިންސްޓަގްރާމް ޕޭޖްގައި ޝެއާކުރި މި ވީޑިއޯގެ ތިރީގައި ޑޮކްޓަރު ލިޔެފައި ވެއެވެ.

މި ވީޑީއޯގައި ފެންނަނީ ޑރ. ކެޓުރީނާ، ކަފަބުރަކުން ވަރަށް ފަރުވާތެރިކަމާއެކު ފަހަރަކު ލެންސެއް ނަގަމުން ދިޔަ ތަނެވެ.

ޑޮކްޓަރު ޝެއާ ކުރި އެހެން ވީޑީއޯއެއްގައި ސާފުތާހިރުކަމާއެކު އަދި ރައްކާތެރިކަމާއެކު ކޮންޓެކްޓް ލެންސް ލެއްވުމަށް މީހުންގެ ހޭލުންތެރިކަން އިތުރުކުރުމުގެ ފުރުސަތު ލިބުނީތީ އުފާކުރާ ކަމަށް ވިދާޅުވެފައި ވެއެވެ.

"އަހަރެން ވަރަށް ފަރުވާތެރިކަމާއެކު ކޮންޓެކްޓް ލެންސްތައް ނަގާފައި ގުނިއިރު އޭގައި 23 ލެންސް އޮތް. މި ހުރިހާ ކޮންޓެކްޓް ލެންސް އަހަރެންނަށް ވަކި ކުރެވުނީ "ޖުވެލާޒް ފޯސެޕްސް" ކިޔާ ވަރަށް ކަވި މަސައްކަތަށް ހާއްސަ ސާޖިކަލް އިންސްޓްރޫމަންޓެއް ބޭނުންކޮށްގެން. ސަބަބަކީ މި އެއްޗެތި ހުރީ އެކަތި އަނެއްކާ ވަރަށް ބޮޑަށް ތަތްލާފައި ކަމަށް ވާތީ،" ޑޮކްޓަރު ވިދާޅުވި އެވެ.

ޑރ. ކެޓުރީނާ ވިދާޅުވީ ލޮލުގެ ހާއްސަ ޑޮކްޓަރެއްގެ ގޮތުގައި އޭނާ މަސައްކަތްކުރާތާ 20 އަހަރުވީ އިރު މިފަދަ ކަމެއް މީގެ ކުރިން ދުވަހަކުވެސް ދެކެވަޑައިނުގަންނަވަ އެވެ.

"ބަލި މީހާއަށް ވެސް ޔަގީނެއް ނޫން އޭނާގެ ލޮލުގައި މިހާ ގިނަ ކޮންޓެކްޓް ލެންސް ހުރެދާނެކަމެއް. އެހެންވެ އަހަރެން ކައިރި އެހި ޔަގީންހޭ ރަނގަޅަށްކަން ގުނީ،" ޑޮކްޓަރު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި ލެންސްތައް ނަގާފައި ލޮލަށް އަޅާނެ ބޭސް ފުޅިއެއް ދީފައި އެމީހާ ވަނީ ފޮނުވާލާފަ އެވެ. އަދި ލެންސްތައް ނެގުމުން އެމީހާގެ ލޮލަށް ފަސޭހަ ވެއްޖެ ކަމަށް އެމީހާ ބުނި ކަމަށްވެސް ޑޮކްޓަރު ވިދާޅުވި އެވެ