އޮފްބީޓް

ވިޓަމިން ގުޅައެއް ކަމަށް ހީކޮށް ދިރުވާލީ އެއާޕޮޑްސް

އެމެރިކާގެ އަންހެނަކު ވިޓަމިން ގުޅައެއް ކަމަށް ހީކޮށް އޭނާގެ އެޕަލް އެއާޕޮޑްތަކުގެ ތެރެއިން އެއާޕޮޑެއް ދިރުވާލައިފި އެވެ.

ޓަނާ ބާކާ ވަނީ އެފަދަ ކަމެއް ކުރެވުނު ކަމަށް ޓިކްޓޮކްގައި އާންމުކުރި ވީޑިއޯއެއްގައި ބުނެފަ އެވެ.

ރައްޓެއްސަކާއެކު ހިނގާލަން ނުކުމެ ވާހަކަ ދައްކަމުން ދިޔަ ޓަނާ ބާކާ ކަންފަތުގައި އިން އެއް އެއާޕޮޑް ނެގީ ރަހްމަތްތެރިޔާ ދައްކާ ވާހަކައަށް އިތުރަށް ސަމާލުކަން ދިނުމަށް ކަމަށް މި ވީޑިއޯގައި ޓަނާ ބުނެ އެވެ.

އޭގެފަހުން ޓަނާ އޭނާގެ ވިޓަމިން ގުޅަތައް ދަބަހުން ނަގަން ނިންމައި އެއް އަތަށް އެއާޕޮޑް އަދި އަނެއް އަތަށް ވިޓަމިންތައް އެޅުމަށް ފަހުގައި ބަލައިވެސް ނުލައި ކޮންމެވެސް އެއް އަތެއްގައި ހުރި އެއްޗެހި އަނގަޔަށް އަޅައި ދިރުވާލި ކަމަށް ބުންޏެވެ. ދިރުވާލި ފަހުން އަތުގައި ވިޓަމިން ގުޅަތައް ހުރި ތަން ފެނުމުން އޭނާއަށް ދިރުވާލެވުނީ އަނެއް އަތުގައި އޮތް އެއާޕޮޑްކަން ކަން ފަހުން ޔަގީންވި ކަމަށްވެސް ޓަނާ ބުންޏެވެ.

"ހިނގާލުމުގެ މެދުތެރެއިން އަހަރެންގެ ވިޓަމިންތައް ނަގަން ނިންމިން. ދެން އަހަރެންގެ ވިޓަމިންތައް ނަގައި، ފެންފޮދަކާއި އެކީ ބޯލިން، ދެން ފާޑަކަށް ކަރުގައި އަޅައިގަންނަން ފެށި" ޓަނާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި ފެންފޮދެއް ބޯލުމަށް ފަހުގައި ކަރުގައި އަޅައިގެންފާ އޮތް އެއާޕޮޑް ދިރުވާލި އެވެ. މީގެ އިތުރުން ޓަނާ ބުނީ އޭނާއަށް އެއްވެސް އުނދަގުލެއް އެވަގުތު ދިމާ ނުވާ ކަމަށާއި ފަހުން އުދަނގޫތަކެއް ވާން ފެށުމާ އެކު ޑޮކްޓަރުންނަށާއި، ރައްޓެހިންނަށް ގުޅާ ކަންކުރަންވީ ގޮތުގެ އިރުޝާދު ހޯދި ކަމަށެވެ. އަދި ގުދުރަތީ ގޮތުން އެއާޕޮޑް ހަށިގަނޑުން ނިކުންނަންދެން ހަމަޖެހިގެން ހުރުމަށް އިރުޝާދު ލިބުނު ކަމަށްވެސް ބުންޏެވެ.

ޓަނާގެ ނަސީބު ރަނގަޅު ކަމުން އެއާޕޮޑް މިހާރު ވަނީ ހަށިގަނޑުން ބޭރުވެފަ އެވެ.