ބައްޔެއްގެ ސަބަބުން އަޑު އިވޭ ބަސް ބަހުން ވަސް ދުވާ، ރަހަލައި އަދި އެ ބަހެއް އިހްސާސް ކުރެވޭ މީހުން ތިބޭ ކަން އެނގޭ ހެއްޔެވެ؟
ވަރަށް މަދުން ނަމަވެސް މިފަދަ މީހުން ވެސް ދުނިޔޭގައި އުޅެ އެވެ.
މިފަދަ އެކަކީ ހެންރީ އެވެ. ހެންރީއަށް ލެކްސިކަލް-ގަސްޓެޓަރީ ސިނެސްތީސިއާ ނަމަކަށް ކިޔާ މިބަލި ޖެހިފައިވަނީ ވަރަށް ކުޑައިރު އެވެ.
އޭނާ ބުނި ގޮތުގައި ކުޑައިރުއްސުރެ ވެސް އޭނާއަށް ލަފުޒު ނުވަތަ އިނގިރޭސި ބަހުން ބުނާނަމަ ވާޑުން ވަސް ދުވާ ރަހަ ލައެވެ. އަދި އެ ލަފުޒެއް އިހްސާސް ވެސް ކުރެވެ އެވެ.
އޭނާއާ އެކު ކުލާހުގައި ކިޔަވާ ކުދިންގެ ނަން ނަމުން ދުވާ ވަހާ ގުޅޭ ގޮތުން އޭނާ ކޮމެންޓް ކުރާކަން ޓީޗަރުންނާއި މައިންބަފައިންނަށް ވެސް ވަރަށް ކުރިއްސުރެ ވަނީ ފާހަގަ ކުރެވިފަ އެވެ.
އޭނާ ބުނި ގޮތުގައި "ކްރިސްޓީ" ފަދަ ނަންނަމުން އޭނާއަށް ދުވަނީ ކުޑަކަމުދާ ނަޖިސް ވަހެވެ. އޭނާ ބައެއް ފަހަރަށް އެ ނަން ލިޔެފައި ހުންނަ ތަންތަނަށް ނުވަދެ ވޭތޯ ބަލަ އެވެ.
ޖެނިފާ ލޯރެންސްގެ ނަމުން އޭނާއަށް ދުވަނީ ބޫޓުގެ އެތެރޭން ދުވާ ވަސް ކަމަށާއި ކިމް ކާޑޭޝިއަންގެ ނަން އިވުމުން ހީވަނީ އަތު ތެރޭގައި ރުމާލެއް ބޮނޑި ކޮށްލީމަ ކުރެވޭ އިހްސާސް ކަމަށްވެސް ހެންރީ ބުންޏެވެ.
ޑޮނަލްޑް ޓްރަމްޕްގެ ނަން އިވުމުން އޭނާއަށް ހީވަނީ ފައި ޖަހާފައިވާ ރަބަރު އަސްދޫންޏެއްގެ ވައި ދުއްވާލާއިރު ކުރެވޭ ކަހަލަ އިހްސާސެކެވެ.
މި އިހްސާސް ތަކާ ހެދި ކޮންމެ ކޮންމެ ނަމެއް ކިޔާ މީހަކާ ލޯބީގެ ގޮތުން ގުޅިގެން ނޫޅެވޭ ކަމަށްވެސް ހެންރީ ބުންޏެވެ.
ސިނެސްތީސިއާ އަކީ ނިއުރޮލޮޖިކަލް ޑީސްއޯޑާ އެކެވެ. މި މައްސަލަ ހުންނަ މީހުންނަށް ބަޔެއް އަޑު އިވޭއިރަށް ނުވަތަ ބަހެއް ބުނެވޭއިރަށް ނުވަތަ އެއްޗެއްގައި ލިޔެފައި އޮއްވާ ބަހެއް ކިޔާލެވޭއިރަށް ނުވަތަ ބަހަކާ މެދު ވިސްނާ ލެވޭއިރަށް އެ ބަހަކުން ވަސް ދުވާ ރަހަ އިހްސާސް ވާނެ އެވެ.
މެޓްރޯ ޔޫކޭގައި ހެންރީ އާ ހަވާލީ ބުނެފައިވާ ގޮތުގައި އެކަން ކުރަން ކިތަންމެ އުނދަގޫ ކަމަކަށް ވިޔަސް އެމީހެއްގެ ނަމުން އޭނާއަށް އެ ވާ އިހްސާސްތަކުގެ ސަބަބުން އޭނާ އެމީހަކު ޖަޖެއް ނުކުރެ އެވެ. އޭނާއަށް މީހުންގެ ނަމުން އެންމެ ގަދަޔަށް ވަސް ދުވާ، ރަހަ ލަނީ ފުރަތަމަ ފަހަރަށް އަޑު އިވޭ ވަގުތު އެވެ.
ހެންރީ އަށް އެންމެ މީރުވަސް ދުވާ ހިތްގައިމު ނަމަކީ ފްރެންސިސްކާ އެވެ. އެނަން އޭނާގެ ފޭވަރިޓް ނަމަކަށް ވަނީ އެ ނަމުން އޭނާއަށް ދުވަނީ ހޫނު ޗޮކްލެޓް ކޮފީ ތައްޓެއްގައި ދުވާ ވަސް ކަމަށް ވާތީ އެވެ.