ލައިފްސްޓައިލް

ކިލާ ފައިތިލައިގެ ފޮޓޯ ވިއްކައިގެން މުއްސަނދި ވެވޭނެ!

ހުސްފަޔާ އުޅެގެން މުއްސަނދި ވެވިދާނެކަމަށް ގަބޫލުކުރާ މީހަކު ފައިވާނަކަށް ނާރައި ބިންމަތީގައި ހިނގާތާ އެތައް މަހެއް ވެއްޖެ އެވެ.

އޭނާ ގަބޫލުކުރާ ގޮތުގައި އޭނާގެ ކިލާވެފައިވާ ފައިތިލައިގެ ފޮޓޯ ނަގައި އެ ވިއްކައިގެން އޭނާއަށް މުއްސަނދި ވެވޭނެ އެވެ.

ޖޯޖް ވުޑްވިލް، 20، ހުސްފައިގައި އުޅޭތާ 10 މަހަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު އޭނާގެ މިހާރުގެ އަޒުމަކީ "މަރުވަންދެން" ހުސްފައިގައި އުޅުމެވެ. އަދި އެއްގޮތަކަށް ވެސް އެ ފައި ދޮވުމަކީ ވެސް އޭނާ ކުރާ ކަމެއް ނޫނެވެ. ސަބަބަކީ ވީހާވެސް ހަޑި މުޑުދާރުކޮށް ފައިތިލަ ހުރުމަކީ އޭނާ ބޭނުންވާ ގޮތް ކަމަށް ވާތީ އެވެ.

އޭނާ އަރައިގެން ހުރި ފައިވާން އެއްލާލަން ނިންމީ މީގެ 10 މަސް ކުރިން ޕްލައިމައުތު އަށް ޗުއްޓީ އަށް ގޮސް އުޅުމުގެ ތެރޭގަ އެވެ. ފުރަތަމަ ފަހަރަށް ފައިވާން އެއްލާލުމާއެކު ވެސް އޭނާއަށް 'މިނިވަންވީ' ކަމުގެ އިހްސާސް ކުރެވުނު ކަމަށް ޖޯޖް ބުންޏެވެ.

އޭގެ ފަހުން މިއަދާ ހަމައަށްވެސް އޭނާ މަގުމަތީގަޔާއި ރެސްޓޯރަންޓްތަކުގައި އަދި ސުޕަމާކެޓް ތަކާއި ނައިޓްކްލަބް ތަކަށްވެސް ދަނީ ހުސް ފައިގަ އެވެ.

ޖޯޖް ވަނީ އޮންލީފޭންސް ކިޔާ އެކައުންޓެއް ޖޫން މަހު ޓިކްޓޮކްގައި ހުޅުވާފަ އެވެ. އޭނާގެ މުޑުދާރު ފައިތިލައިގެ ފޮޓޯތައް ވިއްކައިގެން މުއްސަނދި ވެވިދާނެ ކަމަށް އޭނާއަށް ގަބޫލު ކުރެވުނީ މި އެކައުންޓަށް މެސެޖްކުރާ މީހުން އޭނާގެ ހުސްފައިގައި އުޅޭ ވާހަކަ އެނގިގެން އެ ފައިތިލައިގެ ފޮޓޯތައް ޕޯސްޓްކުރަން އެދޭލެއް ގިނަކަމުންނެވެ.

އެހެންވެ ޖޯޖް މިހާރު ގަބޫލުކުރަނީ އޭނާގެ ކިލާ ފައިތިލައަކީ އާމްދަނީ ލިބޭނެ ވަރަށް ރަނގަޅު ވަސީލަތަކަށް ވާނެ ކަމަށެވެ.

"އަހަރެންގެ ފައިތިލައިން އަހަރެންގެ ބިލްތައް ދެއްކިދާނެ ކަމަކަށް ކުރިން ހީކުރެވިފައި ނެތް. އެކަމާ ވަރަށް އަޖައިބުވެފަ މިހިރީ. އަހަންނަށް މިހާރު ގަބޫލު ކުރެވޭ މިގޮތަށް ފައިތިލައިގެ ފޮޓޯ ވިއްކައިގެން މިލިނިއަނަރަކަށް ވެސް ވެވިދާނެކަން،" ޖޯޖް ބުންޏެވެ.

އޮންލީފޭންސްގައި ހަޑި ފައިތިލައިގެ ފޮޓޯ ވިއްކައިގެން ފުރަތަމަ މަހު ޖޯޖް އަށް ލިބުނީ އެންމެ 100 ޕައުންޑެވެ. އެއަށް ވުރެ ހުސް ފައިގައި އުޅޭތީ މީހުން އޭނާއާ ދިމާލަށް ބަލާ ނަފްރަތުގެ ބެލުންތައް މާ ގިނަ އެވެ. ނަމަވެސް ޖޯޖް އެކަމާ އަޅައެއް ނުލަ އެވެ.

"ބައެއް މީހުން ވަރަށް ފަކުރުން އުޅޭ. އަހަރެން މަގުމަތިން ހިނގާފައި ދާއިރު އެ ފަދަ މީހުން ކިޔާ ބައެއް އެއްޗެތި އަޑު އިވޭ. އަނެއް ބަޔަކު އަހަރެން ކައިރީ އަހާނެ ކީއްކުރަން ކުރާ ކަމެއްހޭ ތީ. ސުޕަމާކެޓް ފަދަ ތަންތަނަށް ހުސް ފަޔާ ވަނީމަ އެތާގަ ތިބޭ މެނޭޖަރުން އައިސް އަހަރެން އެތަނުން ބޭރަށް ވެސް ނެރެލާ. އެކަމަކު އަހަރެން އެކަމަކާ ލަދެއް ނުގަނޭ. އެހެން މީހުން އުޅޭ ގޮތަކާ އަހަރެން ނުބެހެން. އެހެންވީމަ އެހެން މީހުން ވެސް އަހަރެން އުޅެ ގޮތާ ނުބެހޭނެކަމަށް އުންމީދުކުރަން،" ޖޯޖް ބުންޏެވެ.

ފިނި މޫސުމުގައި ހުސްފަޔާ ހިނގުމަށް ބައެއް ފަހަރު އުނދަގޫކަމަށް ޚުދް ޖޯޖް ވެސް އެއްބަސްވި އެވެ. ނަމަވެސް އޭނާ ބުނަނީ މިހާރު އެހެން އުޅެ އުޅެ ހޭނިއްޖެ ކަމަށެވެ.