އިޓަލީ ހޮސްޕިޓަލެއްގައި މަސައްކަތްކުރި މީހަކު 15 އަހަރު ވަންދެން އެއްގޮތަކަށް ވެސް ހޮސްޕިޓަލަށް މަސައްކަތު ނުނުކުމެ ފުލް މުސާރަ ނެގިކަން ފަޅާ އަރައިފި އެވެ.
ސަލްވަޓޯރޭ ސްކޫމޭސް ނަމަކަށް ކިޔާ އެ މީހާގެ މައްސަލަ އެ ގައުމުގެ ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ. ފުލުހުން ބުނި ގޮތުގައި ސަލްވަޓޯރޭ މަސައްކަތް ކުރި ޕަގްލީސް ސިއާސިއޯ ހޮސްޕިޓަލަށް އެންމެ ފަހުން އޭނާ މަސައްކަތަށް ނުކުމެފައި ވަނީ 2005 ވަނަ އަހަރު އެވެ. އޭގެ ފަހުން އޭނާ އެއްގޮތަކަށް ވެސް ވަޒީފާއަށް ނުކުމެ ފާއިތުވީ 15 އަހަރު ދުވަހު ބަރާބަރަށް މުސާރަ ނަގާފައިވާކަން ވެސް މި ތަހުގީގަށް ވަނީ ފަޅާ އަރާފަ އެވެ. އެގޮތުން އޭނާ ވަނީ ވަޒީފާ އަށް ނުކުތުމަކާ ނުލައި އޮޅުވާލައިގެން 650،000 ޔޫއެސް ޑޮލަރު މުސާރައިގެ ގޮތުގައި ނަގާފަ އެވެ.
އިނގިރޭސި ވިލާތުގެ "ދަ ގާޑިއަން" ނޫހުން ބުނި ގޮތުގައި 67 އަހަރުގެ މި މީހާގެ މައްޗަށް މަކަރާއި އޮޅުވާލުމާއި އޮފީހުގެ މަސައްކަތަށް ނުނިކުމެ މުސާރަ ނެގުމުގެ ކުށް ސާބިތުވެ ދައުވާ ކުރަން ވަނީ ނިންމާފަ އެވެ.
މި މީހާ ވަޒީފާއަށް ނުނިކުމެ މުސާރަ ނެގުމުގައި އެ ހޮސްޕިޓަލުގެ ހަ މުވައްޒަފަކު އެހީތެރިވެދީފައިވާ ކަންވެސް ފުލުހުންގެ ތަހުގީގަށް އެނގިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އެހެންވެ މި ހަ މީހުންގެ މައްސަލަ ވެސް މިހާރު ދަނީ ބަލަމުންނެވެ.
މި މީހާގެ މައްސަލަ ފަޅާއެރީ ވަރަށް ގިނަ ދުވަސްތަކެއް ވަންދެން މި މައްސަލަ ތަހުގީގު ކުރުމުންނެވެ. ފުލުހުން ބުނި ގޮތުގައި 2005 ގައި ސްކޫމޭސް ހޮސްޕިޓަލުގެ ޑައިރެކްޓަރަކަށް ބިރު ދައްކައި އޭނާގެ މަސައްކަތަށް ފަރުވާކުޑަކޮށް މަސައްކަތަށް ހާޒިރު ނުވާ ކަމާއި އަޚުލާގު ގޯސްކަމަށް ބުނެ ތައްޔާރުކުރަމުންދިޔަ ރިޕޯޓަކަށް ހުރަސް އަޅައި އެ ރިޕޯޓު ތައްޔާރުކުރިޔަ ނުދީފައި ވެއެވެ.
އޭގެ ފަހުން އޭނާ ވަނީ ސެންޓެންޒާރޯ ހޮސްޕިޓަލުގެ ފަޔާ އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރަށް ވަޒީފާ ބަދަލުކޮށްފަ އެވެ. އެތާގެ ޑައިރެކްޓަރު ރިޓަޔާ ކުރުމަށްފަހު އޭނާގެ މަގާމަށް ހިއުމަން ރިސޯސް ޑިޕާޓްމަންޓަށް އައި މީހާ ސްކޫމޭސް ވަޒީފާއަށް ނުކުމޭތޯ ބަލާފައެއް ނުވެ އެވެ.
އިޓަލީގެ ޕަބްލިކް ސެކްޓާގައި ވަޒީފާ އަދާކުރާ މީހުން ސަލާމް ބުނާލެއް ގިނަ ކަމުން އަދި މިކަން މާ ބޮޑަށް އާންމުކަމަކަށް ވުމުން 2016 ގައި މިކަމާ ގުޅޭ ގަވާއިދުތައް ހަރުކަށި ކޮށްފައި ވެއެވެ.