އާދަމް ޝަރީފު އުމަރު

"ހޯމް ސްޓޭ" އަކީ ނުރައްކަލެއް: އާދަމް ޝަރީފް

ހޯމް ސްޓޭގެ ވިޔަފާރި ރާއްޖޭގައި ރަސްމީކޮށް ކުރަން ފަށާއިރު ހަރުދަނާ އުސޫލުތަކެއް އެކުލަވާނުލެވިއްޖެނަމަ މުޖުތަމައު ނުރައްކަލުގެ ތެރެއަށް ހުށަހެޅިގެން ދާނެ ކަމަށް ކުރީގެ ޑިޕެންސް މިނިސްޓަރު އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރިފް ވިދާޅުވެއްޖެ އެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވީ ކ. މާފުށީގައި ފަތުރުވެރިކަމަށް ދޫކޮށްފައިވާ ބައެއް ބިންތަކުގައި އެހެނިހެން ޣައިރު ދީންތަކުގެ ދުވަސްތައް ފާހަގަކުރަމުން އަންނާތީ، ބިން ދޫކުރި އެއްބަސްވުން ބާތިލްކުރާނެ ކަމުގެ އިންޒާރު އެ ރަށުގެ ކައުންސިލުން ދިނުމާ ގުޅޭގޮތުން އަވަސް އިން ކުރި ސުވާލަކަށް ޖަވާބު ދެއްމަވުންނެވެ.

އޭނާ ވިދާޅުވީ މާފުށީގައި ލޯކަލް ޓޫރިޒަމް ފެށްޓީވެސް އެއްވެސް ޕްލޭނެއް ނެތި ކަމަށެވެ. އޭގެ ނަތީޖާއަކީ މިއަދު މާފުށީގައި އެހެން ދީންތަކުގެ ދުވަސްތައް ފާހަގަކުރަމުން ދިއުމަން ކަމަށެވެ.

"އެ ރަށުގެ ކައުންސިލުން އިސްނަގައިގެން އެ ހަރަކާތްތައް ހުއްޓުމަށް ފިޔަވަޅު އަޅަން ފެށުމުން އުފާވޭ. ނަމަވެސް އެކަންކަން ހުއްޓުވަން ގޮންޖެހުންތަކަކާއި ކުރިމަތިވާނެ." އާދަމް ޝަރީފް ވިދާޅުވި އެވެ.

މީގެ އިތުރުން މި ސަރުކާރުން ރާއްޖޭގައި އަލަށް ފަށަން އުޅޭ ހޯމް ސްޓޭ ޓޫރިސްޓު ވިޔަފާރިއާއި ގުޅޭގޮތުން ވިދާޅުވީ ހަރުދަނާ ފިޔަވަޅުތަކެއް ދުރާލާ ނާޅައިފިނަމަ ހޯމް ސްޓޭއިން ރާއްޖޭގެ އިޖްތިމާއީ ފޭރާން އިތުރަށް ހަލާކުވުމުގެ ފުރުސަތު ބޮޑު ކަމަށެވެ. އަދި ގެއަށް ގެންނަ ޓޫރިސްޓުގެ ވަނަވަރު ބެލުމަކީ ކުރެވޭނެ ކަމެއް ނޫންކަން ފާހަގަކުރަމުން ވިދާޅުވީ ބޭރު މީހުން ރާއްޖޭގައި ހިންގާ ޖަރީމާތައް އިތުރުވަމުންދާ ކަމަށެވެ.

އާދަމް ޝަރީފް އިތުރަށް ވިދާޅުވީ ރަނގަޅު ފިޔަވަޅުތަކެއް ނޭޅިއްޖެނަމަ ހޯމް ސްޓޭއަކީ މުޖުތަމައަށް ނުރައްކަލަކަށް ވެގެންދާނެ ކަމަށެވެ. އެއީ އެ މީހުންގެ ދީން މުޖުތަމައުގެ ތެރޭގައި ފެތުރުމުގެ ފުރުސަތު ބޮޑުކޮށް ހުޅުވާލެވިފައިވާތީ އާއި އިޖުތިމާއީ ގިނަ މައްސަލަތައްވެސް އެކަމުގެ ތެރެއިން ނިކުންނާނެތީ ކަމަށެވެ.

ހޯމްސްޓޭގެ ވިޔަފާރި އަކީ އަމިއްލަ ގޭގައި ބާކީ ހުންނަ ކޮޓަރި ޓޫރިސްޓުންނަށް ވިއްކާލައިގެން ދުވާލަކަށް ވަކި އަގެއް ނެގުމަށްފަހު އެމީހުން ގޭގައި ބައިތިއްބައިގެން އާމްދަނީ ހޯދުމުވެ. މިއީ ފައިދާވާނެ ވިޔަފާރި އަކަށް ވިޔަސް އަމިއްލަ ގޭގައި މިފަދަ ވިޔަފާރިއެއް ކުރަންޖެހުމުން ނިކުމެދާނެ އެތައް މައްސަލަތަކެއް ހުރުމުން ފަތުރުވެރިކަމުގެ ދާއިރާގައި ތަފާތު ވިޔަފާރިތައް ކުރައްވާ ބޭފުޅުން ގެންދަވަނީ ހޯމްސްޓޭއާ މެދު ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ މެނިފެސްޓޯގައިވާ ގޮތުން ހޯމްސްޓޭ ތައާރަފް ކުރުމުގެ އިތުރަށް ގެސްޓްހައުސްގެ ވިޔަފާރިވެސް އިތުރަށް ފުޅާކޮށް ކުރިއަރުވާ ހުރިހާ ރައްޔިތުންނަށް ވެސް ފަތުރުވެރިކަމުގެ ދާއިރާއިން އާމްދަނީ ހޯދޭނެ ގޮތްތަކެއް ފަހި ކުރުމަށްޓަކައި އައިލެންޑް ހޮޓަލާއި ބުޓީކް ހޮޓާ ތައާރަފް ކުރަންވެސް ހިމަނާފައިވެ އެވެ.