ބޮލީވުޑް

ޖީތެންދުރަގެ ފިލްމު ސެޓުތަކަށް ކުޑައިރު އެކްތާ ނުގެންދޭ

މި ހަފުތާގެ "ދަ ކަޕިލް ޝަރުމާ ޝޯ" ގެ އެއް އެޕިސޯޑުގައި ބައިވެރިވެފައި ވަނީ ކުރީގެ މަޝްހޫރު އެކްޓަރު ޖީތެންދުރަ އާއި އޭނާގެ ދަރިފުޅު އަދި ޕްރޮޑިއުސަރު އެކްތާ ކަޕޫރެވެ. ޝޯގައި އެކްތާ ބުނި ގޮތުގައި އޭނާގެ ބައްޕަ އެންމެ ބިޒީކޮށް ފިލްމު ކުޅުމުގެ މަސައްކަތުގައި އުޅުނު ދުވަސްވަރު ފިލްމު ސެޓުތަކަށް އޭނާ ގެންދަން ބައްޕަ ވަރަށް ދެކޮޅެވެ. ސަބަބަކީ ބައްޕަ ދެކެ އޭނާ ވާ ލޯބީގެ ސަބަބުން އެހެން ބަތަލާއިންނާއެކު ގައިގޯޅިވެ ރޮމޭންސްކޮށް ހަދާތަން ބަލަން މަޑުން ނުހުރެވޭތީ އެވެ.

"ފިލްމު ސެޓަކަށް ބައްޕަ އަހަރެން ގޮވައިގެން ހިނގައްޖެއްޔާ އެ ދުވަހަކު ބައްޕައަކަށް ޝޫޓިންގްގައި ބައިވެރިއެއް ނުވެވޭނެ. އެ ޝޫޓިންގެއެއްގައި ބައިވެރިވާ ބަތަލާއެއް ދެކެ އަހަރެން ހަސަދަވެރިވެ އޭނާ އާއެކު ބައްޕަ ރޮމޭންސްކޮށް ހަދާކަށް އަހަރެން ބޭނުމެއް ނުވޭ،" އެކްތާ ބުންޏެވެ.

ޖީތެންދުރަ ފިލްމު އިންޑަސްޓްރީގައި މަސައްކަތް ކުރަން ފެށިތާ 50 އަހަރު ވެއްޖެ އެވެ. އޭނާގެ ދިގު ފިލްމީ ކެރިއަރުގައި ފުރަތަމަ ކާމިޔާބީގެ ރަހަ އިހްސާސް ކުރެވުނީ 1967 ގައި ރިލީޒްކުރި "ފަރްޒް" ސުޕަހިޓް ވުމުންނެވެ. އޭގެ ފަހުން 1976 ގައި ރިލީޒްކުރި "ނާގިން" އާއި 1977 ގައި ރިލީޒްކުރި "ދަރަމް ވީރް"، 1983 ގައި ރިލީޒްކުރި "ހިއްމަތުވާލާ"، 1984 ގައި ރިލީޒްކުރި "ތޮހްފާ"، އަދި 1994ގައި ރިލީޒްކުރި "ތާނޭދާރް" އަކީ ޖީތެންދުރަގެ ކާމިޔާބު ފިލްމުތަކެވެ.

ފިލްމީ މަސައްކަތުން ޖީތެންދުރަ ރިޓަޔާ ކުރިތާ މިހާރު އެތައް އަހަރެއް ވެއްޖެ އެވެ. އޭނާ އެންމެ ފަހުން ސްކްރީނުން ފެނިފައި ވަނީ 2013 ގައި ރިލީޒްކުރި "މަހާބާރަތު އައުރު ބަރްބަރީކް" ގައި ކުޅުނު ޚާއްސަ މެހެމާނެއްގެ ރޯލުންނެވެ.

އަދި މިދިޔަ އަހަރު ޖީތެންދުރަ ވަނީ ޑިޖިޓަލް ޕްލެޓްފޯމް ސީރީޒް އެއްގައި މެހެމާނެއްގެ ރޯލު ކުޅެފަ އެވެ. އެއީ އެކްތާގެ ބާލާޖީ ސީރީޒް "ބާރިޝް" ގައެވެ.