އަހުމަދު ޝިޔާމް

އެމްއެންޑީއެފްގެ ޕައިލެޓުންގެ މުސާރަ ބަޖެޓުގައި ހިމަނަން ހުށަހަޅާނަން: ޝިޔާމް

އަންނަ އަހަރުގެ ބަޖެޓުގައި އެމްއެންޑީއެފް ޕައިލެޓުންގެ މުސާރަ ހިމަނާނަށް ހުށަހަޅުއްވާނެ ކަމަށް އިދިކޮޅު ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ޝިޔާމް އެފަދައިން ވިދާޅުވީ އެމްއެންޑީއެފްގެ ޕައިލެޓުންނަށް ދޭން ބަޖެޓެއް ނެތް ކަމަށް ޗީފް އޮފް ޑިފެންސް ފޯސް އަބްދުﷲ ޝަމާލް ވިދާޅުވުމާ ގުޅިގެން ނެވެ. ޝަމާލު ވިދާޅުވި ގޮތުގައި ޑޯނިއާ ބޯޓުތައް އިންޑިއާ ސިފައިން ދުއްވަން ޖެހެނީ ވެސް ޕައިލެޓުންނަށް ދޭން ޖެހޭ މަުސާރަ ހަމަނުޖެހިގެން ނެވެ.

މާރިޔާގެ ވާހަކަތަކާ ގުޅިގެން ޝިޔާމް މިއަދު ކުރެއްވި ޓުވީޓެއްގައި ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

ޝިޔާމް ވިދާޅުވީ މި ސަރުކާރުން ވެރިކަމަށް އައިފަހުން އެންމެ އަހަރަކު ވެސް އެމްއެންޑީއެފްގެ ޕައިލެޓުންނަށް މުސާރަ ދޭން ބަޖެޓުގައި ހިމަނަށް ހުށަނާޅާ ކަމަށެވެ.

"ކޮންމެހެންވެސް 2022 ބަޖެޓު ދިރާސާކުރާއިރު އެމްއެންޑީއެފް ޕައިލެޓުންނަށް މުސާރަދޭނެ ފައިސާ ޖަހައިދޭން އެދޭނަން. އެވަރު ކަމެއް ކޮށްދެވޭ ބަޔަކަށް ސަރުކާރޭތޯ ހަމަ ކިޔަަންވީ." ޝިޔާމް ވިދާޅުވި އެވެ.

ޝަމާލު ވިދާލުވެފައިވާ ގޮތުގައި އެމްއެންޑީއެފްއަށް ޕައިލެޓުން ލިބުމުގައި ދަތިވަނީ އަމިއްލަ އެއާލައިންތަކުން ދޭ އަދަދަށް ޕައިލެޓުންނަށް މުސާރަދޭން ދަތިވާތީ އެވެ. ޑޯނިއާ ބޯޓު ދުއްވަން އެމްއެންޑީއެފްއިން ތިން ދިވެހި ޕައިލެޓަކު ތަމްރީން ވެސް ކުރި އެވެ. ނަަމަަވެސް މުސާރަ ކުޑަކަމުން އެއް ޕައިލެޓަކު ވަނީ އެމްއެންޑީއެފްއިން ވަކިވެފަ އެވެ.

ރާއްޖޭގައި ދުއްވާ އިންޑިއާގެ ޑޯނިއާ މަތިންދާ ބޯޓު ދުއްވުމަށް 25 އިންޑިއާ ސިފައިންނާއި އެކު އެ ގައުމުން ހަދިޔާކޮށްފައިވާ ކަމަށް ބުނާ ދެ ހެލިކޮޕްޓަރު ދުއްވަން ޖުމްލަ 75 އިންޑިއާ ސިފައިން ރާއްޖޭގައި މިވަގުތު ތިބެއެވެ.