އެމްއެންޑީއެފް

އުޅަނދުތައް އޮޕަރޭޓްކުރަން އިންޑިއާ 75 ސިފައިން ރާއްޖޭގައި!

Nov 13, 2021
3

ރާއްޖޭގައި ދުއްވާ އިންޑިއާގެ ޑޯނިއާ މަތިންދާ ބޯޓު ދުއްވުމަށް 25 އިންޑިއާ ސިފައިންނާއި އެކު އެ ގައުމުން ހަދިޔާކޮށްފައިވާ ކަމަށް ބުނާ ދެ ހެލިކޮޕްޓަރު ދުއްވަން ޖުމްލަ 75 އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި ކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ.

އެމްއެންޑީއެފުން އެ މައުލޫމާތު ހާމަކުރީ ޑޯނިއާ އޮޕަރޭޓް ކުރުމަށް އިންޑިއާ އާއި ދިވެހި ސަރުކާރާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމުގެ މައުލޫމާތު އޮޅުންފިލުވުމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީއާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނަރަލް އަބްދުﷲ ޝަމާލް އާއި ސިފައިންގެ އިސްވެރިން މަޖިލީހުގެ 241 ކޮމިޓީ އަށް ހާޒިރުކޮށް މެންބަރުން ކުރެއްވޮ ސުވާލުތަކަށް ދެއްވި ޖަވާބުތަކުގަ އެވެ.

ކޮމިޓީގައި ހާމަކުރި މައުލޫމާތަށް ބަލާއިރު ޑޯނިއާ ދުއްވަން އެކަނި އިންޑިއާގެ 25 ސިފައިން ރާއްޖޭގައި އެބަތިއްބެވެ. އަދި ދެ ހެލިކޮޕްޓަރު އޮތް ދެ ސަަރަހައްދުގެ ތެރެއިން ކޮންމެ ސަރަހައްދަކު ތިބޭ 25 ސިފައިންނާ އެކު ޖުމްލަ 50 އިންޑިއާ ސިފައިން އެ ދެ ސަރަހައްދުގައި އެބަތިއްބެވެ.

ޑޯނިއާ މަތިންދާ ބޯޓު އޮޕަރޭޓް ކުރުމަށް އިންޑިއާ އާއި ދިވެހި ސަރުކާރުން ސޮއިކޮށްފައިވާ އެއްބަސްވުމުގެ މައިގަނޑު ބައިތައް ޕްރެޒެންޓޭޝަނެއްގެ ގޮތުގައި ހިއްސާކުރައްވަމުން އެމްއެންޑީއެފްގެ ލެފްޓިނެންޓް ކާނަލް ހަސަން އާމިިރު ވިދާޅުވީ ރާއްޖެއަކީ ކަނޑުގެ ސަރަހައްދު ބޮޑު ގައުމަކަށް ވެފައި ބައިނަލްއަގްވާމީ މަސްތުވާތަކެތީގެ ވިޔަފާރިކުރުމަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބޭނުންކުރާތީ ޑޯނިއާ މަތިންދާ ބޯޓެއް ރާއްޖެ އަށް މުހިއްމުވާ ކަމަށެވެ. ރާއްޖޭގެ އިގްތިސާދީ ސަރަހައްދުގައި ގާނޫނާއި ގަވައިދުތަކާ ހިލާފަށް ކުރާ މަސްވެރިކަން ހުއްޓުވުމަށާއި ނުރައްކާތެރި ޓެރަރިސްޓް ހަމަލާތައް ހުއްޓުވުމަށާއި ކަނޑު ފޭރޭ މީހުންގެ ނުރައްކަލުން ރައްކާތެރިކަން ހޯދުމަށް ވައިގެ މަގުން ބަލަންޖެހޭ ބެލުންތަކަށް ވެސް ޑޯނިއޯ ބޯޓު މުހިއްމުވާ ކަމަށެވެ.

ޑޯނިއާ އެއްބަސްވުމުގައިވާ ގޮތުން ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިންނާއި ޓެކްނިކަލް މީހުންނަށް ޑިޕްލޮމެޓިކް އިމިއުނިޓީ ނުވަތަ ހާއްސަ އިމްތިޔާޒުތަކެއް ލިބެ އެވެ. އެކަމަކު އާމިރު ވިދާޅުވި ގޮތުގައި ބަޔަކަށް އެހީވުމަށް ވެސް އަދި ހާއްސަ އޮޕަރޭޝަނަކަށްވެސް ޑޯނިއާ އަށް ދަތުރުކުރެވޭނީ ޗީފް އޮފް ޑިފެންސް ފޯސްގެ އޮތަރައިޒޭޝަނަކާ އެކު އަދި ކޯސްޓްގާޑް ކޮމާންޑުގެ ޓާސްކިން އޯޑަރެއް ލިބިގެންނެވެ.
އަދި ފްލައިޓު ދުއްވާ އިންޑިއާ ސިފައިންނާއި ޓެކްނިކަލް މީހުން އަދި ފްލައިޓުގެ އެއްވެސް ވަސީލަތެއް ވެސް ބަދަލުކުރާނަމަ ދިވެހި ސަރުކާރުގެ ހުއްދަ ހޯދަން ޖެހެ އެވެ.

ޑޯނިއާ އެއްބަސްވުމުގައިވާ ގޮތުން ބޯޓު ދުއްވާނީ އިންޑިއާ އާއި ދިވެހި ސިފައިން ގުޅިގެންނެވެ. ބޯޓު މަރާމާތުކުރުމާއި، އޮޕަރޭޓް ކުރަން ތިބޭ އިންޑިއާ ސިފައިންގެ ހުރުމާއި ކެއުމާއި، ލޮޖިސްޓިކް ކަންކަމާއި އަދި ބޯޓަށް އަޅާ ތެލުގެ ހަރަދުތައް ކުރާނީ އިންޑިއާ އިންނެވެ. އަދި ބޯޓުގެ އޮޕަރޭޝަންގައި ހަރަކާތްތެރިވާ މީހުންނާއި އަދި ވަސީލަތްތަކަށް ޒިންމާވާނީ ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ކަމަށްވެސް އެއްބަސްވުމުގައިވެ އެވެ.

ޑޯނިއާ މަތިންދާ ބޯޓެއް ބޭނުންވެގެން ދިވެހި ސަރުކާރުން އެންމެ ފުރަތަމަ ހުށަހެޅީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އޭރުގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން، އިންޑިއާގެ އޭރުގެ ފޮރިން މިނިސްޓަރު ސުޝްމާ ސުވަރާޖާ އެކު އޮކްޓޫބަރު 15، 2015ގައި ބޭއްވި މޯލްޑިވްސް-އިންޑިއާ ޖޮއިންޓް ކޮމިޝަންގެ ފަސްވަނަ ބައްދަލުވުމުގަ އެވެ. އެކަމަކު އޭރު ކުރެވުނު މަޝްވަރާތަކުގައި އެއްބަސްވެވުނު ކަންކަމުގެ ތެރޭގައި ޑޯނިއާ ދުއްވަން ދިވެހި ޕައިލެޓުން ތަމްރީން ކުރުން ހިމެނިފައެއް ނުވެ އެވެ. ދިވެހި ޕައިލެޓުން ތަމްރީން ކުރަންޖެހޭ ގޮތަށް އެއްބަސްވުން އެކުލަވާލީ މިދިޔަ އަހަރު މިސަރުކާރުގަ އެވެ. އަދި ޑޯނިއާ ދުއްވަން ސިފައިންގެ ތިން އޮފިސަރަކު އިންޑިއާ އިން ތަމްރީންކޮށް ދެ އޮފިސަރަކަށް ވަނީ ދުއްވުމުގެ ހުއްދަދީ ބެޖު ހަވާލުކޮށްފަ އެވެ. ތިންވަނަ ޕައިލެޓް ވަނީ އެމްއެންޑީއެފްގެ ވަޒީފާ އިން ވަކިވެފަ އެވެ.

ޑޯނިއާ ދުއްވުމަށް ދިވެހި ސިފައިން ތަމްރީންވުމުން އިންޑިއާ ސިފައިން އެތަކެތި ދުއްވަން ރާއްޖޭގައި ތިބޭނެތޯ ކުރީގެ ޑިފެންސް މިނިސްޓަރު އަދި ކޮމިޓީގައި ހިމެނޭ މަޑުއްވަރީގެ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ސުވާލުކުރެއްވުމުން ޝަމާލް އެ ސުވާލަށް ސާފު ޖަވާބެއް ދެއްވާފައެއް ނުވެ އެވެ. ޝަމާލް ވިދާޅުވީ ސިފައިންގޭގެ ވަޒީފާތަކުގައި ޓެކްނިކަލް މަސައްކަތްތައް ކުރައްވާ އެކި ދާއިރާތަކުގެ ބޭފުޅުން ތިއްބަވަނިކޮށް ދިވެހި ޕައިލެޓުންގެ މުސާރަ އަށް އެކަނި ބޮޑު އަދަދެއް ދީފައި ދިވެހި ޕައިލެޓުން ސިފައިންގެ ވަޒީފާތަކުގައި ގެންގުޅެން ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ.

ޑޯނިއާ ބޭނުންކުރަން ނިންމާފައިވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށާއި، ހާލުގައި ޖެހޭ މީހުންނާއި އެކިއެކި ހާދިސާތަކުގައި ގެއްލޭ މީހުން ހޯދާ ސަލާމަތްކުރުމަށާއި ދެ ގައުމުން ކުރަން ބޭނުންވާ އެހެން ބައެއް ދަތުރައް އެއްބަސްވެވޭ ގޮތަކަށް ކުރުމަށެވެ.

ޑޯނިއާ މަތިންދާ ބޯޓަކީ އިންޑިއާ އިން ރާއްޖެ އަށް ހަދިޔާކޮށްފައިވާ އެއްޗެއް ކަމަށް ކުރިން ވާހަކަދެކެވިފައިވީ ނަމަވެސް ޗީފް އޮފް ޑިފެންސް ފޯސް ޝަމާލް ވަނީ އެއީ ހަދިޔާކޮށްފައިވާ ބޯޓެއް ނޫން ކަމަށް ކޮމިޓީގެ މިބައްދަލުވުމުގައި ވިދާޅުވެފަ އެވެ. އެކަމަކު އެ ބޯޓު އޮޕަރޭޓް ކުރާނީ އެމްއެންޑީއެފްގެ ފުރިހަމަ ކޮންޓްރޯލް އޮވެގެން ކަމުގައި ވިދާޅުވި އެވެ.

"ފުރިހަމަ ކޮމާންޑާއި ކޮންޓްރޯލް ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުން ދޭ ގޮތަށް އޮންނާނީ. ވަކިން ހާއްސަކޮށް ޓާސްކިން ވެސް. އެއްވެސް ކަހަލަ އޮޕަރޭޝަނެއް ނުހިންގޭނެ ދިވެހި ގައުމީ ދިފާއީ ބާރުގެ ޓާސްކިން ނުދީ ނުވަތަ ކޮމާންޑް އަދި ކޮންޓްރޯލް ނެތިއެއް،" ޝަމާލް ވިދާޅުވި އެވެ.

ކޮމިޓީގައި ވާހަކަދައްކަވަމުން މިނިސްޓަރު މާރިޔާ ވެސް ޝަމާލް ވެސް ވިދާޅުވީ އެމެއެންޑީއެފްގެ ވައިގެ އަދި ކަނޑުމަގުން ހިންގާ އޮޕަރޭޝަންތަކުގައި ވެސް އެމްއެންޑީއެފްގެ އަމިއްލަ އުޅަނދު ގެންގުޅެން ބޭނުންވާ ކަމަށެވެ. ނަމަވެސް ތަކެތި ހޯދުމަށް ބަޖެޓުގެ ދަތިކަން ވަރަށް ބޮޑު ކަމަށެވެ.

ރޭގެ ބައްދަލުވުމުގައި ޑޯނިއާ މަތިންދާ ބޯޓުގެ އެއްބަސްވުން ކޮމިޓީގެ މެންބަރުންނަށް ދައްކާލުމަށް ކުޑަ ވަގުތުކޮޅަކަށް ކޮމިޓީ ސިއްރުކުރި އެވެ. އޭގެފަހުން ކޮމިޓީގެ ބައްދަލުވުން ހުޅުވާލުމާ އެކު ވިލިމާލެ ދާއިރާގެ މެންބަރު އަދި އެމްއެންޕީގެ ނައިބް ރައީސް އަހްމަދު އުޝާމު ވަނީ ޑޯނިއާ އެއްބަސްވުން ސިއްރުކުރެވޭނެ ކަމަށް އެއްބަސްވުމުގައި ނެތް އިރު އެ އެއްބަސްވުން ސަރުކާރުން ސިއްރުކުރަނީ ކީއްވެގެންތޯ ސުވާލު ކުރައްވާފަ އެވެ. އޭގެ ޖަވާބުގައި އެއްބަސްވުން ސިއްރުކުރެވޭނެ މާއްދާއެއް އޮންނާނެ ކަމަށް މާރިޔާ ވިދާޅުވުމާ ގުޅިގެން އުޝާމް ވިދާޅުވީ އެއްބަސްވުމުގައި އޮތީ ޑޯނިިއާ އޮޕަރޭޝަންސްތަކުގައި ލިބޭ މައުލޫމާތުތައް ސިއްރު ކުރުމުގެ ވާހަކައެއް ކަމަށެވެ. އެއީ މުޅި އެއްބަސްވުން ސިއްރުކުރުން ކަމަށް މާނަ ނުކުރެވޭނެ ކަމަށްވެސް އުޝާމް ވިދާޅުވި އެވެ.