ދައުލަތުގެ ބަޖެޓް

ކައުންސިލްތަކުގެ ބަޖެޓު ބޮޑު ކުރަން ގޮވާލައިފި

ކައުންސިލްތަކުގެ ބަޖެޓު ބޮޑު ކުރަން އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) ގޮވާލައްވައިފި އެވެ.

ވައްޑޭ އެފަދައިން ގޮވާލެއްވީ އަންނަ އަަހަރަށް ލަފާކުރާ ބަޖެޓާ ގުޅޭގޮތުން މިއަދު މަޖިލީހުގައި ކުރިއަށް ދިޔަ ބަހުސްގަ އެވެ. އޭނާ ވިދާޅުވީ ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައި އިރު ތިބީ އެންމެ ތިން ކައުންސިލަރުން ކަަމަށާއި އަދި ސެކެޓްރީ ޖެެނެރަލުންނާއި އަދި ވަކި އަދަދަކަށް އަންހެން މެމްބަރުން ވެސް ކަނޑައަޅާފައި ނެތް ކަމަށެވެ.

އެހެން ނަމަވެސް މިހާރު ކައުންސިލްތަކަށް ގިނަ އަދަދެއްގެ މެމްބަރުން އިތުރުވެ މުސާރަ ވެސް ބޮޑު ކޮށްފައި ވާތީއާއެކު އަންނަ އަހަރަށް ކައުންސިލްތަކަށް ދޭން ހުށަހަޅާފައިވާ ބަޖެޓުން ދެކޮޅު ނުޖެއްސޭނެ ކަމަށް ކައުންސިލްތަކުން ބުނަމުންދާ ކަމަށެވެ.

"އެހެން ނަމަވެސް އަޅުގަނޑުމެން ކަނޑައެޅި ބަޖެޓުގެ ފަސް ޕަސެންޓް ގްރާންޓުން މި ޖެހެނީ މި ހުރިހާ ކަމަކަށް ފައިސާ ހަރަދު ކުރަން. އެހެންވީމާ މިވާގޮތަކީ މި ފަސް ޕަސެންޓުން ކަނޑައެޅޭ ގާތްގަނޑަކަށް ދޮޅު ބިލިއަނެއްހާ ރުފިޔާ. ހަމައެކަނި ކައުންސިލްތަކުގެ ރިކަރަންޓު ހަރަދު ވެސް ނުޖެހޭނެ. ހަމައެކަނި މުސާރަ ދީފައި ކައުންސިލްތަކުގެ ބިލްތައް ދެއްކޭވަރު ވެސް ނުވޭ." އޭނާ ވިދާޅުވި އެވެ.

ކައުންސިލްތަކަށް ދޭން ސަރުކާރުން ކަނޑައަޅާފައި ވަނީ ދައުލަތަށް ބަޖެޓުގެ ފަސް ޕަސެންޓެވެ. ނަަމަވެސް ވައްޑޭ ވިދާޅުވީ ބަޖެޓުގެ އަށް ޕަސެންޓުން ނޫނީ ކައުންސިލްތަކުގެ އަސާސީ ހަރަދުތައް ވެސް ދެކޮޅު ނުޖެއްސޭނެ ކަމަށެވެ.