ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓުގައި އެންމެ ފަގީރު އާބާދީގެ 20 ޕަސެންޓުގައި ހިމެނޭ ގޭބިސީތަކުގެ ތެރެއިން ކޮންމެ ގޭބިސީއަކަށް މަހަކު 2،450 ރުފިޔާ ޖަމާކޮށްދޭން ހިމަނައިފި އެވެ.
ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓުގެ ތަފްސީލް ރިޕޯޓްގައި ބުނެފައިވަނީ ސަބްސިޑީގެ އާ ސިޔާސަތު އެކުލަވާލާފައިވަނީ ސަބްސިޑީގެ ސިޔާސަތު މުރާޖައާ ކުރުމުން އެންމެ ފަގީރު ގޭބިސީތަކަށް އެކަމުން ކުރާ ނޭދެވޭ އަސަރު އެންމެ ކުޑަކުރެވޭނެ ގޮތަށް ކަމަށެެވެ.
އެގޮތުން އެންމެ ފަގީރު 20 އިންސައްތައިގައި ހިމެނޭ ގޭބިސީތަކުގެ ހަރަދު މަހަކު އެވްރެޖުކޮށް ގާތްގަނޑަކަށް 1،770 ރުފިޔާ އިން އިތުރުވާނެ ކަމަށް އަންދާޒާކޮށްފައިވެ އެވެ. ނަމަވެސް ކޭޝް ޓްރާންސްފާގެ ފަގީރު ގޭބިސީތަކަށް މަހަކު އެވަރެޖުކޮށް ގާތްގަނޑަކަށް 2،450 ރުފިޔާ ލިބޭނެ ކަމަށްވެސް ބަޖެޓްގައި ލަފާކޮށްފައިވެ އެވެ.
"އެހެންކަމުން މިހާރު ރާވާފައިވާ ގޮތަށް މި ނިޒާމު ބަދަލުކޮށްފިނަމަ އާމްދަނީގެ ގިންތީގެ ނިސްބަތުން 20 އިންސައްތަ އިން ދަށުގެ ގޭބިސީތަކުގެ ހަރަދު އިތުރުވާ މިންވަރަށް ވުރެ އެ ގޭބިސީތަކަށް ސަބްސިޑީގެ ގޮތުގައި ލިބޭ މިންވަރު އިތުރުވާނެ ކަމަށް ބެލެވެ އެވެ. އަދި ސަބްސިޑީ ލިބޭ އެހެން ފަރާތްތަކަށް އަގުތަކަށް އަންނާނެ ބަދަލުތަކާ ގުޅިގެން ކުރާނެ ނޭދެވޭ އަސަރު ބޮޑުތަނުން ކުޑަކުރެވޭނެ އެވެ."
ފިނޭންސް މިނިސްޓްރީން ބުނީ ސަބްސިޑީ ނިޒާމަށް ބަދަލު ގެންނާނީ ދައުލަތުގެ އެހީތެރިކަމަށް އެންމެ ބޭނުންޖެހިފައިވާ ފަރާތްތަކަށް އިސްކަންދެވޭ އެ ފަރާތްތަކަށް ސީދާ ގޮތުން މަންފާ ލިބޭ ގޮތަށް ކަމަށެވެ. މިބަދަލާ ގުޅިގެން ގޭބިސީތަކަށް ކުރާ އަސަރު ކުޑަކުރުމުގެ ގޮތުން އިއާދަކުރަނިވި ހަކަތައަށް އިންވެސްޓް ކުރުން އިތުރުކޮށް ކަރަންޓް އުފެއްދުމުގެ ހަރަދާއި ކަރަންޓް ބިލްތަކަށް ދައްކަންޖެހޭ ފައިސާގެ މިންވަރު ދަށްކުރުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށްވެސް މިނިސްޓްރީން ބުންނެވެ.
ސަބްސިޑީއަށް އެންމެ ބޭނުންޖެހިފައިވާ މީހުންނަށް ސަބްސިޑީ ދިނުމަށްޓަކައި އަންނަ އަހަރުގެ ބަޖެޓުގައި 900 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.
ފިނޭންސް މިނިސްޓްރީން އެއްކޮށްފައިވާ މައުލޫމާތަށް ބަލާއިރު ސަރުކާރުން މިހާރު ސަބްސިޑީ ދޭ އުސޫލުގެ ސަބަބުން ސަބްސިޑީއަށް ކުރާ ހަރަދުގެ 43 ޕަސެންޓް ލިބެނީ އެންމެ މުއްސަނދި މީހުން ދިރިއުޅޭ ގޭބިސީތަކަށެވެ. ފަގީރުންނަށް ލިބެނީ ސަބްސިޑީ ފައިސާގެ އެންމެ 17 ޕަސަންޓެވެ.
ސަރުކާރުން ސަބްސިޑީ ނިޒާމަށް ގެންނަ ބަދަލާ އެކު އާ ނިޒާމުގެ ތެރެއިން ޑައިރެކްޓް ސަބްސިޑީ އާބާދީގެ ގާތްގަނޑަކަށް 60 ޕަސަންޓަށް ލިބޭނެ ކަމަށް ބުނެވެ އެވެ. ސަބްސިޑީ ދިނުމަށް ހަމަޖެހިފައިވަނީ އެކަމަށް އެދި ހުށަހެޅުމުން އެ ގޭބިސީއެއްގެ އާމްދަނީ ވަޒަންކުރުމަށްފަހު އެވެ.
ފިނޭންސް މިނިސްޓްރީން ބުނީ އާ ނިޒާމުގެ ތެރެއިން ސަބްސިޑީއަށް އެދި ހުށަހެޅުމަށްޓަކައި ކައުންސިލްތަކާއި ގުޅިގެން ފަސޭހަ ނިޒާމެއް އެކުލަވާނެ ކަމަށެވެ.
ސަބްސިޑީ ދޫކުރުމުގެ އާ ނިޒާމަށް ގެންނަ ބަދަލުތަކަށް އަމަލުކުރަން ނިންމާފައިވަނީ އަންނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ.