މިނިސްޓްރީ އޮފް ހޯމް އެފެއާޒް

މޮނިކޮން ޓެގް ހޯދުމަށް އިއުލާންކޮށްފި

Nov 15, 2021

އެއް ފަހަރާ ގިނަ އަދަދެއްގެ ބައެއްގެ ހަރަކާތްތައް ބަލައި މޮނިޓާކުރެވޭ ގޮތަށް މޮނިކޮން ޓެގް ހޯދުމަށް އިއުލާންކޮށްފި އެވެ.

ހޯމް މިނިސްޓްރީން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މީހުން މޮނިޓާ ކުރުމަށްޓަކައި އިލެކްޓްރޯނިކް ނިޒާމު ގާއިމުކުރުމަށް ބޭނުންވާ ތަކެއްޗާއި އެ ހިދުމަތް ގާއިމުކޮށްދިނުމާއި އަދި ޓްރޭނިން ދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށެވެ.

ބީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން އަންނަ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 1:00ގެ ކުރިން [email protected] އަށް މެއިލްކޮށްގެން ބީލަމުގައި ރަޖިސްޓަރީވުމަށް މިނިސްޓްރީން ވަނީ އެދިފަ އެވެ.

އިއުލާންގައިވާ ގޮތުން ބީލަން ހުށަހެޅުމާއި، ހުޅުވުން އޮންނާނީ މިމަހުގެ 24ވާ ބުދަ ދުވަހުގެ މެންދުރުފަހު 1:00 ގައި ހޯމް މިނިސްޓްރީގަ އެވެ.

ބީލަން ހުށަހެޅުމަށް ދީފައިވާ ގަޑިއަށް ހާޒިރު ނުވާ ފަރާތްތަކުގެ ބީލަން ބަލައިނުގަނެވޭނެ ކަމަށްވެސް ހޯމް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

މޮނިކޮން ޓެގް ހޯދުމަކީ މިއަހަރުގެ ބަޖެޓުަގައި ފައިސާ ހިމަނާފައިވާ ކަމެއް ނޫނެވެ. ހޯމް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ މިވަގުތަށް ޓެގް ހޯދަންޖެހޭތީ އެކަމަށް ހާއްސަ ބަޖެޓެއް ހަމަޖެއްސީ ކަމަށެވެ.

މޮނިކޮން ޓެގް ހޯދަން އިއުލާންކޮށްފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ބޮމުގެ ހަމަލާއަށްފަހު އެ ތަހުގީގު ހިނގަމުންދާ ގޮތް ބެލުމަށް އެމްޑީޕީގެ ތެރެއިން އުފައްދާފައިވާ މެއި ހައެއް ކޮމިޓީގެ މުގައްރިރު ހަސަން އަފީފް، މޮނިކޮން ޓެގް ހުސްކޮށްފައިވާ ކަމަށް ވިދާޅުވެފައި ވަނިކޮށެވެ.

ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ 29 ވަނަ މާއްދާގައި ދަށުން ނެރޭ މޮނިކޮން އަމުރަކީ ނުރައްކާތެރި ކުށްތައް ކުރާ ކަމަށް ތުހުމަތު ކުރާ މީހުން އުޅޭނޫޅޭ ގޮތް ބަލައި ފާރަލުމަށް ހޯމް މިނިސްޓަރު ހުށަހަޅާ ހުށަހެޅުމަކަށް ބިނާކޮށް ހައި ކޯޓުން ނެރޭ އަމުރެކެވެ. އެ އަމުރުގެ ދަށުން އެ މީހުންގެ ހަރަކާތްތައް ބަލައި މޮނިޓާކުރަނީ މޮނިކޮން ޓެގް އަޅުވައިގެންނެވެ.