މިނިސްޓްރީ އޮފް ހޯމް އެފެއާޒް

ޓެކްނޮލޮޖީގެ ދާއިރާ އިން ކަޒަކިސްތާނާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

ޓެކްނޮލޮޖީގެ ދާއިރާއިން ދިވެހިރާއްޖެއާއި ކަޒަކިސްތާން ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ހޯމްލޭންޑް މިނިސްޓްރީން ބުނީ ޓެކްނޮލޮޖީގެ ދާއިރާއިން ކުުރިއަށް ދިއުމަށް ކަޒަކިސްތާނާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.

ރާއްޖޭގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ހޯމްލޭންޑް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. މުހައްމަދު ކިނާނަތު އެވެ. ކަޒަކިސްތާނުގެ ފަރާތުން ސޮއިކުރެއްވީ އެގައުމުގެ ޑިޖިޓަލް ޑިވެލޮޕްމަންޓް، އިނޮވޭޝަން އަދި އެއިރޯސްޕޭސް އިންޑަސްޓްރީގެ މިނިސްޓަރު ޒަސްލާން މެޑީވް އެވެ.

މިއެއްބަސްވުމުގެ ދަށުން ދެ ގައުމު ގުޅިގެން، ޓެކްނޮލޮޖީގެ ދާއިރާއިން ދެ ގައުމަށް ދިމާވާ ގޮންޖެހުންތައް ހައްލު ކުރުމަށް އެކުގައި މަސައްކަތް ކުރުމަށާއި ޓެކްނޮލޮޖީގެ ދާއިރާގެ ފަންނީ މަސައްކަތްތަކަށް މީހުން ބިނާކުރުމަށް އެކުގައި މަސައްކަތް ކުރުމަށް ހަމަޖެހިފައިވެ އެވެ.

މިއެއްބަސްވުމުގައި ސޮއި ކުރީ ކަޒަކިސްތާނުގައި މިހާރު ކުރިއަށްދާ އޭޝިއާ ޕެސިފިކް، މިނިސްޓީރިއަލް ކޮންފަރެންސް އޮން ޑިޖިޓަލް އިންކްލޫޝަން އެންޑް ޓްރާންސްފޮމޭޝަން ކޮންފަރެންސްގެ ތެރެއިންނެވެ.

މިއަދުގެ ނިޔަލަށް ކުރިއަށްދާ މި ކޮންފަރެންސްގައި ޑރ ކިނާނަތު ވަނީ ރާއްޖޭގެ ޓެކްނޮލޮޖީ ދާއިރާއާއި ގުޅޭގޮތުން ވާހަކަވެސް ދައްކަވާފަ އެވެ.