ދީނީ ގޮތުން ހަރުކަށި ފިކުރުގެ އަށް މީހެއްގެ ފައިގައި ޓެގް އަޅުވައި ބެލެހެއްޓުމަށް މޮނިކޮން އަމުރުތަކެއް ހައިކޯޓުން ނެރެފި އެވެ. އެ އަމުރުތައް ނެރެފައިވަނީ އިއްޔެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އަށް މީހުންގެ ފައިގައި ޓެގް އެޅުވުމަށް ވެސް އަމުރު ނެރުނީ އިއްޔެ ހައިކޯޓު ހުޅުވައި ފަނޑިޔާރުން މަސައްކަތަށް ނުކުންނަވައިގެންނެވެ. މިއީ ލޮކްޑައުންއަށްފަހު ހައިކޯޓު ހުޅުވި ފުރަތަމަ ފަހަރެވެ.
ނަމަވެސް ފުލުހުން އެދިގެން އެ އަމުރުތައް ނެރެދިންކަން ހައިކޯޓުން ހާމަ ކޮށްފައެއް ނުވެ އެވެ.
މިރޭ ރާއްޖެ ޓީވީގައި ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވަނީ އަށް މީހެއްގެ މައްޗަށް މޮނިކޮން އަމުރު ނެރެފައިވާ ކަމާއި އެމީހުންގެ ފައިގައި ޓެގް އަޅުވައި ބަލަހައްޓަމުންދާ ކަމަށެވެ.
އިމްރާން ވިދާޅުވި ގޮތުގައި އެ އަށް މީހުންނަކީ ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް ފުލުހުން ހިންގާ އޮޕަރޭޝަނަކުން ފާހަގަވި ބައެކެވެ.
މޮނިކޮން އަމުރު އެންމެ ފުރަތަމަ އަޅުވަމުން ދިޔައީ ހޯމް މިނިސްޓަރުގެ އެންގުމަށެވެ. އެއީ މިނިސްޓަރު ކަމުގައި އުމަރު ނަސީރު ހުންނެވި އިރު އެވެ. އޭރު ގިނަ ގޭންގްތަކެއްގެ ބޮޑުންގެ ފައިގައި ޓެގް އެޅުވި އެވެ. ނަމަވެސް ފަހުން އެކަން ހޫނުވެ، ހޯމް މިނިސްޓަރު އަތުން އެ ބާރު ނަގައި ހައިކޯޓުގެ އަމުރެއްގެ ދަށުން ޓެގް އަޅުވާ ގޮތަށް ބަދަލުކުރި އެވެ. އޭގެ ފަހުން ޓެގް އެޅުވުން މަދުވި އެވެ.