ރައްޔިތުންގެ މަޖިލީހުގެ ގޮނޑިތަކުގެ ތެރެއިން 33 ގޮނޑި އަންހެނުންނަށް ހާއްސަ ކުރަންޖެހޭ ކަމަށް އެމްޑީޕީގެ ހިތަދޫ އުތުރު ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.
އަސްލަމް މިހެން ވިދާޅުވީ ރާއްޖޭގައި އަންހެނުންނާ މެދު ގެންގުޅޭ ތަފާތުކުރުންތައް ދެނެގަނެ އެކަންކަން ހުއްޓުވަން ކުރަންވީ ކަންކަން ދެނެގަތުމުގެ ބޭނުމުގައި ރައްޔިތުންގެ މަޖިލީހުން ކުރިއަށް ގެންދިޔަ އިންކުއަރީގެ ރިޕޯޓަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
މިރިޕޯޓަކީ މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ މީގެ އަހަރެއްހާ ދުވަސް ކުރިން މަޖިލީހަށް ހުށަހެޅުއްވި ގަރާރަކާ ގުޅިގެން ތައްޔާރުކުރި ރިޕޯޓެކެވެ. ރިޕޯޓްގެ ބޭނުމަށް ހެދި ދިރާސާ ކުރިއަށް ގެންދިޔައީ ގައުމީ ޔުުނިވަސިޓީ (އެމްއެންޔޫ)އާ ހަވާލުކޮށްގެންނެވެ. އެމްއެންޔޫގެ އިސް ބޭފުޅުން މިއަދު މަޖިލީހަށް ވަޑައިގެން ވަނީ ދިރާސާގެ ޕްރެޒެންޓޭޝަނެއް މެންބަރުންނާ ހިއްސާކުރައްވާފަ އެވެ.
އަސްލަމް ވިދާޅުވީ ލޯކަލް ކައުންސިލްތަކުގައި 33 ޕަސަންޓް ގޮނޑި އަންހެނުން ހާއްސަކުރި ގޮތަށް މަޖިލީހުގައި ވެސް އެ އަދަދަށް އަންހެނުންނަށް ގޮނޑި ހާއްސަކުރަން ޖެހޭ ކަމަށެވެ.
"[ލޯކަލް ކައުންސިލްތަކުގައި] އަންހެނުން ތަމްސީލުކުރަން އޮންނަ އޮތުން ރައްޔިތުންގެ މަޖިލީހުގައި ވެސް ހަމަޖައްސަަން ޖެހޭ. ގާނޫނުއަސާސީއަށް ނުވަތަ ގާނޫނުތަކަށް ގެނެވޭ ބަދަލެއްގެ ތެރެއިން ވިޔަސް [އެކަން ކުރަންޖެހޭ]" އަސްްލަމް ވިދާޅުވި އެވެ.
މަޖިލީހުގައި އަންހެނުންނަށް ގޮނޑިތަކެއް ހާއްސަކުރަންޖެހޭ ކަމަށް ވިދާޅުވެ އަސްލަމް ވާހަކަ ދެއްކެވި ނަމަވެސް އެކަމާ ގުޅޭ ބިލެއް އޭނާ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަކަށް ވިދާޅުވެފައެއް ނުވެ އެވެ.
އަސްލަމް ވިދާޅުވީ ގާނޫނު ހެދުމުގެ މަރުހަލާގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރަން ޖެހިފައިވިޔަސް މިވަގުތު އެކަން ކުރެވޭނެ ގޮތެއް މަޖިލީހުގައި ނެތް ކަމަށެވެ. މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވެސް އަދި އިގްތިސާދީ ކޮމިޓީގައި ވެސް އަންހެން މެންބަރަކު ނެތުމުން ބަޖެޓު ދިރާސާކުރުމުގެ މަސައްކަތް ޖެންޑާ ރެސްޕޮންސިވްކޮށް ކުރެވެން ނެތީ ކަމަށް އަސްލަމް ވިދާޅުވި އެވެ.
ދައުލަތުގެ ބަޖެޓް ދިރާސާކުރާ ކޮމިޓީ އެކުލެވިގެން ވަނީ މާލިއްޔަތު ކޮމިޓީއާއި އިގްތިސާދީ ކޮމިޓީގެ މެންބަރުންގެ މައްޗަށެވެ.
މަޖިލީހުގައި ތިއްބެވި 87 މެންބަރުންގެ ތެރޭގައި ހިމެނެނީ އެންމެ ހަތަރު މެންބަރުންނެވެ. އެއީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު ކަން ކުރައްވަމުން ގެންދަވާ މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ އާއި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމާއި، ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދުގެ އިތުރުން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސަައިން އެވެ.
ރޮޒައިނާ އާއި ޖީހާން އަކީ މަޖިލީހުގެ ދާއިމީ ދެ ކޮމިޓީގެ މުގައްރިރުންނެވެ. ހިސާން ހުސައިން އަކީ މަޖިލީހުން ޖޭއެސްސީ ކަނޑައަޅުއްވާފައިވާ މެންބަރުގެ އިތުރުން އެ ކޮމިޝަންގެ ރައީސް އެވެ.
މިހާރު އަމަލުކުރަމުންދާ ފެހި ގާނޫނުއަސާސީ އެކުލަވާލި ހާއްސަ މަޖިލީހުގައި މެންބަރު އަސްލަމް އޭރު ވަނީ އައްޑޫ އަތޮޅުގެ މެންބަރުކަން ކުރައްވާފަ އެވެ. ހާއްސަ މަޖިލީހުން ގާނޫނުއަސާސީ އެކުލަވާލި ދުވަސްވަރު ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަހްމަދު ޒާހިރު (ސީނާ ޒާހިރު) ވަނީ މަޖިލީހުގައި އަންހެނުންނަށް ގޮނޑިތަކެއް ހާއްސަކުރަން ހުށަހަޅުއްވާފަ އެވެ. ނަމަވެސް އިސްލާހު ފާސްކުރަން ބޭނުންވާ ވަރަށް މެންބަރުންގެ ތާއީދު ލިބިވަޑައިނުގަތުމުން އެ އިސްލާހު އޭރު ވަނީ ބޭރުވެފަ އެވެ.