ރިޕޯޓް

މުރައިދޫގެ ރަތްރޮނގު ބަހުސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިހާރު ދިރިއުޅުއްވަނީ މުރައިދޫގޭގައެވެ. އެއީ މަޖިލީހުގެ ރައީސަށް ހާއްސަކޮށް ދައުލަތުން ހަމަޖައްސާފައިވާ ގެކޮޅެވެ. ދަައުލަތުގެ ތިން ބާރުގެ ވެރިންނަށް ގެކޮޅު ހަމަޖައްސަން ނިންމީ މެއި ހަވަނަ ދުވަހު ރައީސް ނަޝީދަށް އަމާޒުކޮށް ދިން ވަރުގަދަ ޓެރަރިސްޓް ހަމަލާއަށް ފަހު އެވެ. އެ ހަމަލާގައި އެމަނިކުފާނުގެ ހަށިކޮޅަށް ބޮޑެތި އަނިޔާތަކެއް ލިބިވަޑަައިގަތެވެ. ހަމަލާގެ ފުނަށް ވާސިލުނުވެވުނު ނަމަވެސް އެއީ އެމަނިކުފާނު އަވަހާރަކޮށްލަން އަމާޒުކޮށް ދީފައިވާ ނުރައްކާތެރި ހަމަލާއެއްކަން ކަށަވަރު ކުރެވެއެވެ. އެ ހަމަލާގައި ލިބިވަޑައިގެންނެވި ޒަހަމުތަކަށް ފަރުވާ ހޯއްދެވުމަށް އެމަނިކުފާނު ވަނީ ވަރަށް ގިނަ ދުވަހު ރާއްޖެއިން ބޭރުގައި ހުންނަވާފައެވެ. ކުއްލި ގޮތަކަށް ރާއްޖެ ވަޑައިގެން ހުންނެވީ ސަލާމަތީ ވަރުގަދަ ފިޔަވަޅުތަކާއެކު މަޝްހޫރު ހޮޓެލް ޖެންގައެވެ. އޭގެ ފަހުން ކޮޕް ސަމިޓަށް ކުރެއްވި ދަތުރުފުޅަށް ފަހު މި ފަހަރު ވަޑައިގެން ހުންނަވަނީ މުރައިދޫގޭގައެވެ.

އެމަނިކުފާނު މުރައިދޫގެއަށް ބަދަލުވެވަޑައިގެންނެވުމުން މި ފަހަރު އަޑުގަދަވީ މުރައިދޫގެ ކަައިރީގައި ސެކިއުރިޓީ ސަބަބުތަކަށްޓަކައި "ރަތް ރޮނގު" ދަމާ އެއީ ރެޑް ޒޯނެއްގެ ގޮތުގައި ކަނޑައެޅުމެވެ. މާލޭގެ މަގެއްގައި ރަތް ރޮނގު ދެމި މިއީ ފުރަތަމަ ފަހަރެވެ.

އެއްގަމުގެ ދަތުރުފަތުރުގެ ގަވާއިދުގައި ބުނާ ގޮތުން މި ފާހަގަ ޖަހާފައިވާ އެއްވެސް ސަރަހައްދެއްގައި އެއްވެސް މީހަކު އަދި ވެހިކަލެއްވެސް މަޑުކުރުމަކީ މުޅީން މަނާ ކަމެކެވެ. އެއްވެސް ބޭނުމެއްގައި އަދި އެއްވެސް ހާލެއްގައިވެސް އެފަދަ ސަރަހައްދެއްގައި މަޑުކުރުމަކީ މަނާކަމެކެވެ. އެކަމުން އިސްތިސްނާ ވަނީ ހަމައެކަނި ސަލާމަތީ ހިދުމަތްތަކުން ބޭނުންކުރާ ވެހިކަލްތައް ކަމަށް ބުނެފައިވެއެވެ.

ރައީސް ނަޝީދު ދިރިއުޅުއްވާ ގެކޮޅު ކުރިމަތީ "ރަތް ރޮނގު" ދެމުމުން އެކަން އެކި މީހުންނަށް ސިފަވީ އެކި ގޮތަށެވެ. ބައެއް މީހުން އެ ނިންމުމަށް ވަރަށް ބޮޑަށް ފާޑުކިޔެވެ. އަނެއް ބަޔަކު އެ ނިންމުމަށް ތައުރީފުކުރިއެވެ.

މާލެ ސިޓީ ކައުންސިލުން ބުނި ގޮތުގައި މުރައިދޫގެ ސަރަހައްދުގައި ރަތް ރޮނގު ދެމީ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އަންގައިގެންނެވެ. ސިފައިން އެ އެކަން ކުުރުމަށް އެއީ ސަލާމަތީ ސަބަބުތަކަށްޓަކައެވެ. އެހެން ކަމުން ސިފައިންގެ އެންގުމަށް އެ މަަަސައްކަތް ކުރީއެވެ. މޭޔަރު މުއިއްޒު ވިދާޅުވި ގޮތުގައި ސަލާމަތީ ހިދުމަތްތަކުން އަންގާ އެންގުންތަކަށް އެ ކައުންސިލުން ފުރިހަމައަށް ބޯލަނބާނެއެވެ.

ސިޔާސީ ބައެއް ބޭފުޅުންވެސް "ރަތް ރޮނގު" ގެ ބަހުސްގެ ތެރެއަށް ވަދެވަޑައިގަތެވެ. އެ ބަހުސްގެ ތެރެއަށް ބައެއް ބޭފުޅުން ވަދެވަޑައިގެންނެވީ ނަޝީދު ދައްކަވާ ބައެއް ވާހަކަތަކަށް ރައްދު ދެއްވުމުގެ ތެރެއިންނެވެ. މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު އެ ބަހުސްގެ ތެރެއަށް ވަދެވަޑައިގެންނެވީ ހިޔާ ފްްލެޓްތަކުގެ ސެކިއުރިޓީ ބެލެހެއްޓުމަކީ އެއްވެސް ސަރުކާރަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެ ނަޝީދު ދެއްކެވި ވާހަކަފުޅަށް ރައްދު ދެއްވަމުންނެވެ.

އެކަމާއި ގުޅިގެން ސައީދު ވަނީ ރައީސް ނަޝީދުގެ ގަނޑުވަރާއި މަގާއި ވަަަށައިގެންވާ މަގުތަކާއި ރުއްގަހާއި ވަޅާއި ވަޅުފަދަ ތަންތަނުގެ ސެކިޔުރިޓީއަށް 50 މިލިއަން ރަނގަޅު ނޫންތޯ ނަޝީދާ ސުވާލުކުރައްވާފަައެވެ.

ޕީއެންސީގެ ނާއިބު ރައީސް އަދި ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު ވިދާޅުވި ގޮތުގައި އަންނަ އަހަރުގެ ބަޖެޓުން ގަނޑުވަރަށް 50 މިލިއަން ހަރަދުކުރަން ނިންމާފައިވެއެވެ. ނަމަވެސް އާސަންދަ ފައިސާ ކޮޅާއި އެކަނިވެރި މައިން މަތިން ނަޝީދު މިހާރު ހަނދާން ނެތިއްޖެ ކަމަށެވެ.

"ހިތްތިރި ރައީސުން ހިތްމަތި ވެއްޖެ. ރައްޔިތުން ވިސްނާ،" ރަތް ރޮނގު ބަހުސްގައި ޝުޖާއު ވިދާޅުވިއެވެ.

މި ސަރުކާރުގެ ސިޔާސަތުތައް ދިފާއުކުރައްވާ ދީނީ އިލްމުވެރިޔާ ޝައިހް އަލީ ޒައިދުވެސް ރަތް ރޮނގު ދެމުމުން އެކަމަށް ފާޑުވިދާޅުވެފައެވެ.

"އިހު ޒަމާނުގެ ރަސްކަމުގެ އުސޫލުތަކަށް އަޅުގަނޑުމެން އެނބުރި ދިޔަައީ ކޮން އިރަކުތޯ،" ޒައިދު ސުވާލު ކުރެއްވިއެވެ.

ރަތް ރޮނގަށް ފާޑުކިޔާ ފާޑުކިޔާ ބޭފުޅުންނަށް ރައީސް ނަޝީދުގެ ވަފާތެރި މެންބަރުން ވަނީ ރައްދުވެސް ދެއްވާފައެވެ. އެއް ބޭފުޅަކީ ނަޝީދަށް އަމާޒުވާ ފާޑުކިޔުންތަކާއި ދެކޮޅަށް އެންމެ ބޮޑަށް ވާހަކަ ދައްކަވާ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) އެވެ.

ފާޑުކިޔާ މީހުންނަށް އަމާޒުކޮށް ވަހީދު ވަނީ އެއް ހަމަލާއިން ފުރާނަ ސަލާމަތްވީމަ އަނެއް ހަމަލާދޭން އުނދަގޫވެދާނެ ހެން ކަންބޮޑުވަނީތޯ ސުވާލު ކުރައްވާފައެވެ.

މީގެ އިތުރުން އެމްޑީޕީގެ ބައެއް މެންބަރުން ވަނީ ރައީސް ނަޝީދަށް ސެކިއުރިޓީ ދެނީ އެއީ ކުރަން ޖެހޭ ކަމެއް ކަމަށްވާތީއޭ ބުނެ އެމަނިކުފާނު ދިފާއުކޮށްފައެވެ. އަދި ރަތް ރޮނގު ބަހުސަކީ އެއީ ޒާތީ ބަހުސެއްގެ ގޮތުގައި ސިފަކޮށްފައިވެއެވެ.

ނަޝީދާ ދެކޮޅު އާންމުން މި ބަހުސްގައި ކުރިއަށް ނެރެފައިވަނީ އެމަނިކުފާނު މީގެ ކުރީން ރައީސް މައުމޫނާއި ދެކޮޅަށް ދައްކަވާފައިވާ ވާހަކަތަކެވެ. މައުމޫންގެ ވެރިކަމުގައި އެމަނިކުފާނުގެ ސެކިއުރިޓީއަށް ނަޝީދާއި އެމަނިކުފާނުގެ ސަޕޯޓަރުން ކުރެއްވި މަލާމާތް ވަނީ ހަނދާންކޮށްދީފައެވެ. އަދި ރައީސް ޔާމީނަށް އަމާޒުކޮށް އެމަނިކުފާނު ދަތުރުކުރެއްވި ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާގެ ސީރިއަސްކަން ގެއްލުވާލަން އެމްޑީޕީގެ ބައެއް މެންބަރުން ދެއްކެވި ވާހަކަތަކާއި އެއީ ކުޅުއްވި ޑްރާމާއެއް ކަމަށް ވިދާޅުވި ވިދާޅުވުންވެސް ބައެއް އާންމުން ހަނދާންކޮށްދިނެވެ. އެ ހަމަލާއަށް ފަހު ރައީސް ޔާމީން ދަތުރުކުރައްވާއިރު ސެކިއުރިޓީ ވަރުގަދަ ކުރުމާއި ހަތިޔާރާއެކު ސިފައިން ހަރަކާތްތެރިވާން ފެށުމުން "މިއީ ނޯތުކޮރެއާ ތޯ" އެމްޑީޕީގެ އިސް ވެރިން އޭރު ސުވާލުކުރިކަންވެސް ބައެއް މީހުން ހަނދާން ކޮށްދިނެވެ. މިހެން ގޮސް ކިތަންމެ ވާހަކައެއް "ރަތް ރޮނގު" ބަހުސްގެ ތެރެއިން ވަނީ އިވިގެން ގޮސްފައެވެ.

"ހަގީގަތަކީ މިފަދަ ކަންކަން ސިޔާސީ ކޮށްގެން ނުވާނެކަން. މިއަދު ކޮންމެ ކަމެއް ސިޔާސީ ކަމަކަށް މިވަނީ ކުރީން އަމަލު ކުރި ގޮތުން. ރައީސް މައުމޫންގެ ސެކިއުރިޓީއަށް ޖޯކު ޖެހި ބަޔަކު އުޅުނު. ރައީސް ޔާމީންގެ ސެކިއުރިޓީއަށް ޖޯކު ޖެހި ބަޔަކު އުޅުނު. މިއަދު ރައީސް ނަޝީދަށްވެސް ބަޔަކު އެބަ ޖޯކު ޖަހާ. މިއީ ހުއްޓާލަން ޖެހޭ ކަމެއް،" ރަތް ރޮނގު ބަހުސްގައި ބައިވެރިވި މީހަކު ލިޔެފައި އޮތެވެ.