ރައީސް މުހައްމަދު ނަޝީދު

މުރައިދޫގެ ރެޑް ޒޯނަށް، މަޑުކުރުން މަނާ!

މުރައިދޫގެ ހިމެނޭ ސަރަހައްދުގައި ރަތް ރޮނގު ދަމާފައި --
0%
0%
0%

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދިރިއުޅުއްވުމަށް ހާއްސަކޮށްފައިވާ މުރައިދޫގެ ހިމެނޭ ސަރަހައްދުގައި ރަތް ރޮނގު ދަމާ ރެޑް ޒޯނެއްގެ ގޮތުގައި ކަނޑައަޅައިފި އެވެ. މިއީ ސެކިއުރިޓީ ވަރުގަދަ ކުރުމުގެ ގޮތުން އެޅި ފިޔަވަޅެކެވެ.

ތިމާވެއްޓާ ބެހޭ އެންމެ ބޮޑު ކޮންފަރެންސް "ކޮޕް 26" ގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ނަޝީދު ބޭރަށް ވަޑައިގެންނެވުމަށްފަހު 23 ދުވަސް ފަހުން ރޭ ވަނީ ރާއްޖެ ވަޑައިގެންފައެވެ. އެމަނިކުފާނު ރާއްޖެ ވަޑައިގެން ދިރިއުޅުއްވުން އެ ގެއަށް ވަނީ ބަދަލުކޮށްފައެވެ.

އަދި މިއަދު މުރައިދޫގެ ހިމެނޭ ސަރަހައްދަކީ ރެޑް ޒޯން ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅާ ރަތް ރޮނގު ވަނީ ދަމާފައެވެ. މިއީ މާލޭގައި މި ފަހުން ރެޑް ޒޯންގެ ގޮތުގައި ކަނޑައެޅި ފުރަތަމަ ފަހަރެވެ. ރައީސުލްޖުމްހޫރިއްޔާ އާއި ނާއިބު ރައީސް އަދި އުއްތަމަފަނޑިޔާރު ދިރިއުޅުއްވާ ގެކޮޅުގައިވެސް ރަތް ރޮނގު ދަމާފައެއް ނުވެއެވެ.

އަވަސްއަށް އެނގިފައިވާ ގޮތުގައި މާލެ ސިޓީ ކައުންސިލުން މުރައިދޫގެ ހިމެނޭ ސަރަހައްދުގައި ރަތް ރޮނގު ދަމާފައިވަނީ އެމްއެންޑީއެފުން އަންގައިގެންނެވެ. އެމްއެންޑީއެފުން ސިޓީ ކައުންސިލަށް އަންގާފައިވަނީ ސެކިއުރިޓީ ސަބަބުތަކަށްޓަކައި މުރައިދޫގެ ހިމެނޭ ސަރަހައްދުގައި ރަތް ރޮނގު ދެމުމަށެވެ. އެހެން ކަމުން މުރައިދޫގެ ދޮރުމައްޗާއި ކުރިމަތިން ހިމެނޭ ސަރަހައްދުގައިވެސް ވަނީ ރަތް ރޮނގު ދަމާފައެވެ.

ދެން އެ ގެ ހިމެނޭ ސަރަހައްދުގައި މަޑުކުރުން މަނާވާނެ އެވެ. މިކަމާއި ގުޅޭގޮތުން ސިފައިން އެއްޗެއް ނުބުނެއެވެ.

ރައީސް ނަޝީދަށް މެއި ހައެއްގައި ދެވުނު ހަމަލާއަށްފަހު ބޭސް ފަރުވާ އަށް ގިނަ ދުވަސް ތަކަކު ޖަރުމަނާއި އިނގިރޭސިވިލާތުގައި ހުންނެވުމަށްފަހު ރައީސް ނަޝީދު މާލެ ވަޑައިގަތީ އޮކްޓޫބަރު މަހުގެ 11 ވަނަ ދުވަހު އެވެ. އެމަނިކުފާނުގެ ސެކިއުރިޓީ ވަރަށް ބޮޑަށް ވަރުގަދަކޮށް ދައުލަތުގެ ހަރަދުގައި އެމަނިކުފާނު ފުރަތަމަ ހުންނެވީވެސް ހޮޓެލް ޖެންގަ އެވެ. މިދިޔަ މުއްދަތުގައި ދުވާލަކު 33،000 ރުފިޔާ ޖެންގައި ހުންނެވުމަށް ނަޝީދަށް ހަރަދު ކުރަން ޖެހުމުން އާންމުންގެ ފާޑުކިޔުން ވަރަށް ބޮޑަށް އަމާޒުވިއެވެ.

މިފަހަރު ވަޑައިގެން މުރައިދޫގޭގައި ހުންނެވި ނަމަވެސް ނަޝީދު ދިރިއުޅުއްވާ ކޮޓަރިކޮޅު ފިޔަވައި އެހެން އެއްވެސް ތަނެއްގެ މަސައްކަތް އަދި މުޅީން ނުނިމެއެވެ. ނަމަވެސް ޕްލޭނިން މިނިސްޓްރީން ބުނީ މުރައިދޫގެ ނިންމާ މަޖިލީހަށް ހަވާލުކޮށްފައިވާ ކަމަށެވެ. މަޖިލީހުން އެކަން ދޮގުކުރެއެވެ.

7 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910