މާލެ ސިޓީ ކައުންސިލްގެ އިހްތިސޯސްގައި ހިމެނޭ މަސައްކަތްތައް ކުރުމަށް ސަރުކާރުގެ އިދާރާތަކުން ހުރަސް އަޅާތީ އެ މައްސަލަތައް ހައްލު ކޮށްދިނުމަށް މާލެ ސިޓީ ކައުންސިލުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އެހީތެރި ކަމަށް އެދިއްޖެ އެވެ.
މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒާއި ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް އާއި ބައެއް ކައުންސިލަރުން ހިމެނޭ ގޮތަށް މަޖިލީހުގެ އިދާރާގައި މިއަދު ވަނީ ރައީސް ނަޝީދާ ބައްދަލުކުރައްވާފަ އެވެ.
މިބައްދަލުވުމާ ގުޅޭގޮތުން އަވަސް އަށް މައުލޫމާތު ދެއްވަމުން ނަރީޝް ވިދާޅުވީ ސަރުކާރުގެ ބައެއް އިދާރާތަކުން ހުރަސް އަޅަމުން ދާތީ މާލެ ސިޓީ ކައުންސިލަށް ގާނޫނީ ގޮތުން ލާޒިމްވާ މުނިސިޕަލް ހިދުމަތްތަކެއް ދިނުމަށް ވަރަށް ބޮޑަށް ދަތިވެފައިވާ ކަމަށެވެ.
އެގޮތުން ފުރަތަމަ މައްސަލައެއްގެ ގޮތުގައި ނަރީޝް ފާހަގަކުރެއްވީ ހުޅުމާލޭގެ މުނިސިޕަލް ހިދުމަތް ސިޓީ ކައުންސިލާ ހަވާލުކުރުމަށް ސަރުކާރު ހިއްސާވާ ކުންފުނި އެޗްޑީސީން ހުރަސް އަޅާ މައްސަލަ އެވެ. ހުޅުމާލޭގައި ސިޓީ ކައުންސިލުން ކުރަންޖެހޭ ކޮންމެ ކަމެއްގައި އެޗްޑީސީގައި "އާދޭސް ދަންނަވައިގެން" ރައްޔިތުންނަށް ހިދުމަތް ދިނުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.
"ހުޅުމާލޭގެ ރައްޔިތުންގެ ވަރަށް ބޮޑެތި ކަންބޮޑުވުންތައް، ވަރަށް ގިނަ ޝަކުވާތައް އެބަހުރި އެޗްޑީސީން އަމަލުކުރާ ގޮތުން. އަޅުގަނޑުމެން އެތަނުގެ އިހްތިސާސް ހޯދަން މިކުރާ މަސައްކަތުގައި އެއްވެސް ވަރަކަށް އެއްބާރުލުމެއް ނުލިބޭ،" ނަރީޝް ވިދާޅުވި އެވެ.
ދެވަނަ މައްސަލައެއްގެ ގޮތުގައި ނަރީޝް ފާހަގަކުރެއްވީ މާލޭގެ ނޯތު ހާބަރާއި ޓީޖެޓީ ހާބަރުގެ އިހްތިސާސް ނުލިބޭ މައްސަލަ އެވެ. ނަރީޝް ވިދާޅުވީ އެ ދެ ހާބަރަކީ ލާމަރުކަޒީ ގާނޫނު ބުނާ ގޮތުން މާލެ ސިޓީ ކައުންސިލްގެ ބާރު ހިނގާނެ ތަންތަން ކަމަށެވެ. ނަމަވެސް ދާދިފަހުން ރައީސް އޮފީހުން ފޮނުވި ސިޓީއެއްގައި އެ ދެ ބަނދަރަކީ ކައުންސިލަށް އިހްތިސާސް އޮތް ތަނެއް ނޫން ކަމަށް އަންގާފައިވާތީ އެއީ ސިޓީ ކައުންސިލަށް އާމްދަނީ ހޯދުމަށް އޮތް ވަރަށް މުހިއްމު ވަސީލަތެއް ގެއްލުންވާލުން ކަމަށް ވިދާޅުވި އެވެ.
"އެ ދެ ބަނދަރު އަޅުގަނޑުމެންނަށް ލިބޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާއާ އެކި ފަހަރު އެކި ގޮތްގޮތުން ދިމާވި ބައްދަލުވުންތަކުގައިވެސް ވިދާޅުވެފައިވޭ. އެކަމަކު ރައީސް އޮފީހުން ސިޓީ ލިބުނުއިރު މިއޮތީ ބަނދަރުވެސް ނަގާފައި. އަނެއްކާ ދެ ބަނދަރުގެ މައްސަލާގައި މަޖިލީހަށް ގޮސްގެން ހައްލު ހޯދަން އަޅުގަނޑުމެން ކައުންސިލް ބައްދަލުވުމެއްގައި ވެސް އޮންނާނީ ނިންމާފައި،" ނަރީޝް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މާލެ ސިޓީ ކައުންސިލްގެ އިހްތިސާސްގެ ތެރޭގައި ދުއްވާ އުޅަނދުތަކުގެ އަހަރީ ފީ ކައުންސިލަަށް ނުލިބުމަކީ ވެސް ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. އެ މައްސަލަ ހައްލުކުރުމަށް މީރާއާއި ފިނޭންސް މިނިސްޓްރީއާއި ޓްރާންސްޕޯޓް މިނިސްޓްރީއާ އެކު އެކި ފަހަރު ބައްދަލުވުންތައް ބޭއްވި ނަމަވެސް މައްސަލަ އަށް ހައްލު ލިބިފައި ނުވާ ކަމަށެވެ.
"މާލޭގައި ދެ ލައްކައާއި ގާތްކުރާ އަދަދަކަށް މީހުން ދިރިއުޅޭއިރު އަޅުގަނޑުމެން ކިިހިނެއްތޯ ސަރުކާރުން ދޭ ބްލޮކް ގްރާންޓަކަށް ބަރޯސާ ވެގެން މި އެންމެންނަށް ހިދުމަތް ދޭނީ. މި ދެންނެވީ އަޅުގަނޑުމެންނަށް އާމްދަނީ ލިބެން ހުރި މައިގަނޑު ދިމާތައް. އެ ހުރިހާ ދިމާލަކުން އަޅުގަނޑުމެންނަށް ލިބެންޖެހޭ އާމްދަނީ އެވަނީ ހުއްޓިފައި އިހްތިސާސްގެ މައްސަލާގައި އިދާރާތަކުން އެއްބާރުލުން ނުލިބޭތީ،" ނަރީޝް ވިދާޅުވި އެވެ.
އިދިކޮޅު ޕީޕީއެމްގެ މެޖޯރިޓީ އޮތް ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އިތުރަށް ވިދާޅުވީ މާލެ ސިޓީ ކައުންސިލްގެ އިހްތިސާސްއާ ގުޅިފައި ހުރި މައްސަލަތައް ހައްލުކުރުމަށްޓަކައި ކަމާ ގުޅޭ އިދާރާތަކާ އަންނަ ހަފްތާ އިން ފެށިގެން ބައްދަލުކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ނަޝީދު ދެއްވެވި ކަމަށެވެ. މާލެ ސިޓީގެ އިހްތިސާސްއާ ގުޅިފައިވާ 70 ގާނޫނެއް އިސްލާހު ކުރަންޖެހޭތީ އެ ގާނޫނުތަކުގެ ތަފްސީލްތައް ސިޓީ ކައުންސިލުން މީގެކުރިން ވަނީ މަޖިލީހު އިދާރާއާ ހިއްސާކޮށްފަ އެވެ.