އަލިފާން

މޯނިންވިއު އަށް ލިބުނު ގެއްލުން ބަލަން ފެށޭނީ މާދަމާ

May 29, 2021

މއ. މޯނިންވިއުގައި ހިނގި އަލިފާނުގެ ހާދިސާގައި އެ ގެއަށް ލިބުނު ގެއްލުންތައް ދެނެގަތުމުގެ މަސައްކަތް ރަސްމީކޮށް ފަށައިގަނެވޭނީ މާދަމާ ކަމަށް ނެޝަނަލް ޑިޒާސްޓަ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ފަތިހު 5:00 ހާއިރު އަލިފާން ރޯވީ މއ. މޯނިވިއުގެ ހަތަރުވަނަ ފަންގިފިލާގަ އެވެ. އެކަމަކު އަލިފާނާ ގުޅިގެން އެ ގޭގެ ތިންވަނަ ފަންގިފިލާގައި ވެސް ރޯވެ ބޮޑެތި ގެއްލުންތަކެއް ލިބިފައިވެ އެވެ.

އަލިފާން ރޯވެ ހަތަރުވަނަ ފަންގިފިލާ އެއްކޮށް އަނދާ ހުލިވެ އަދި ތިންވަނަ ފަންގިފިލާ އަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބުނީ އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ޓީމު އެތަނަށް އައުން ވަރަށް ބޮޑަށް ލަސްވުމާ ގުޅިގެން ކަމަށް ގެއްލުން ލިބުނު މީހުންނާއި އެ ސަރަހައްދުގައި ދިރިއުޅުނު ބައެއް މީހުންވެސް އަވަސް އަށް މައުލޫމާތު ދެމުން ބުނެފައިވެ އެވެ.

އާންމުންގެ ތުހުމަތުތައް ދޮގުކޮށް އެމްއެންޑީއެފުން ބުނެފައިވަނީ ރިޕޯޓް ކުރިތާ ދެ މިނެޓެއްހާއިރު ތެރޭގައި ފުރަތަމަ ވެހިކަލް އެ ސަރަހައްދަށް ދިޔަ ކަމަށެވެ.

އަލިފާނުގެ މިހާދިސާއާ ގުޅިގެން އަވަސް އަށް މިއަދު މައުލޫމާތު ދެއްވަމުން އެންޑީއެމްއޭގެ ޗީފް އެގްޒެކްޓިވް ހިސާން ހަސަން ވިދާޅުވީ މއ. މޯނިންވިއު ގޭގައި ރޯވި ބައިތަކަށް ޕަބްލިކް ވޯކްސްއާއި މާލެ ސިޓީ ކައުންސިލްގެ ބޭފުޅުން ވަދެ އެތަން ސާފުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

އެމަސައްކަތް ހިނގަމުން ދިޔަ ނަމަވެސް މާދަމާ އެންޑީއެމްއޭގެ ޓީމެއް އެތަނަށް ވަދެ ލިބިފައި ހުރި ގެއްލުންތައް ވަޒަން ކުރުމުގެ މަސައްކަތް ފަށާނެ ކަމުގައި ހިސާން ވިދާޅުވި އެވެ. އެމްއެންޑީއެފްއާއި ޕްލޭނިން މިނިސްޓްރީއާއި ގުޅިގެން ލިބުނު ގެއްލުންތައް ބަލާއިރު އިމާރާތުގެ އޮނިގަނޑަށް ލިބިފައިވާ ގެއްލުމާއި އެތަނުގައި ހުރި މުދަލާއި ތަކެއްޗަށް ލިބިފައި ހުރި ގެއްލުން ވެސް ބަލާނެ ކަމުގައި ވިދާޅުވި އެވެ. ލިބުނު ގެއްލުމުގެ އަންދާޒީ އަދަދަކާ ގުޅޭގޮތުން އެއްޗެއް ދަންނަވަން އެނގޭނީ ދިރާސާ ރިޕޯޓަށް ފަހު ކަމަށްވެސް ވިދާޅުވި އެވެ.

"ދެން އުފެދޭނެ ސުވާލަކީ ކީއްވެގެންހޭ މިމަސައްކަތް ލަސްވަނީ. ހަގީގަތުގައި އަލިފާން ރޯވި ތަނަކަށް ވަދެވޭނީ އެ ތަނަކަށް ބޭރުފުށުން ވެސް ލިބިފައި ހުރި ގެއްލުމެއް ބަލާފައި. ހުރެދާނެ ވަންނަން ޖެހޭ ތަނެއްގައި ރެނދުތަކެއް ވެސް ލާފައި. މިހާރު ވެސް އެތަނުގައި ސާފުކުރުމުގެ ޓީމުތަކެއް ހަރަކާތްތެރިވާއިރު އެތަން ކޮންމެވެސް ވަރަކަށް ސާފުކޮށްލީމާ އެތަނަށް މާދަމާ އެންޑީއެމްއޭގެ ޓީމެއް ވަންނާނެ،" ހިސާން ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ މޯނިންވިއުގައި ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން އެހީތެރިކަން ބޭނުންވި ހުރިހާ ފަރާތްތަކަކަށް ވެސް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ. އެގޮތުން އެމީހުންގެ ކެއުމާއި އަންނައުނު ގަތުމަށް ކުއްލިއަކަށް ބޭނުންވި އެހީތެރިކަން ދީފައިވާނެ ކަމުގައިވެސް ވިދާޅުވި އެވެ. މީގެއިތުރުން އެމީހުން މިހާރު ތިބޭނީ މާލޭގެ ގެސްޓްހައުސްތަކުގައި ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައި ކަމަށްވެސް ވިދާޅުވި އެވެ.

"އެމީހުންނަށް ދެން ދިރިއުޅެވޭނެ ގޮތްތަކެއް ހަމަޖެހެން ދެން އެމީހުން ތިބޭނީ އަޅުގަނޑުމެންގެ އެހީތެރިކަމުގައި ވަގުތީ ހިޔާގައި،" ހިސާން ވިދާޅުވި އެވެ.

މއ. މޯނިންވިއުގައި އަލިފާން ރޯވާން ދިމާވި ސަބަބު ކަމާ ގުޅޭ އެއްވެސް އިދާރާ އަކުން އަދި ހާމަކޮށްފައެއް ނުވެ އެވެ.