އެޗްއާރްސީއެމް

ނީލަން ފިހާރަ އަލިފާން: އެޗްއާރްސީއެމުން މަސައްކަތްތެރިންގެ ހާލު ބަލަނީ

މާލޭގައި ހުންނަ ނީލަން ފިހާރައިގައި މިދިޔަ ހޯމަ ދުވަހު ހިނގި އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު ބިދޭސީ މަސައްކަތްތެރިންގެ ހާލު ގާތުން ބަލަމުންދާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބުނެފި އެވެ.

އެޗްއާރްސީއެމް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ހާދިސާގައި ގެއްލުން ލިބުނު ބިދޭސީންގެ ވަގުތީ ދިރިއުޅުމުގެ ހާލަތު އެ ކޮމިޝަނުން ވަރަށް ގާތުން މޮނިޓާ ކުރަމުންދާ ކަމަށެވެ.

މި ހާދިސާއާއި ގުޅިގެން ކޮމިޝަނުގެ ރެޕިޑް ރެސްޕޯންސް ޓީމުން ވަނީ ހާދިސާގައި ގެއްލުން ލިބުނު ފަރާތްތައް ވަގުތީ ގޮތުން ބޭތިއްބި އިމާދުއްދީން ސުކޫލަށް ޒިޔާރާތްކޮށްފަ އެވެ. އަދި އެ ފަރާތްތަކުގެ ފެނާ، ކެއުން ފަދަ ޒަރޫރީ ބޭނުންތަކަށް ހަމަޖެހިފައިވާ އިންތިޒާމު އެ ކޮމިޝަނުން ގާތުން ބެލި ކަމަށްވެސް ބަޔާނުގައިވެ އެވެ.

މީގެ އިތުރުން އެޗްއާރްސީއެމް އިން ވަނީ ނީލަން ފިހާރައިގައި ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން ސަރުކާރުގެ މުއައްސަސާތަކާއި، ޖަމިއްޔާ ޖަމާއަތްތަކުން ކުރަމުން އަންނަ މަސައްކަތުގެ އިތުރުން އާންމުގެ ފަރާތުން ލިބެމުން އަންނަ އެއްބާރުލުން ވެސް ފާހަގަކޮށްފަ އެވެ.

މި ހާދިސާގައި މާލެ ސިޓީ ކައުންސިލްގެ އެކޮމޮޑޭޝަން ބްލޮކެއް އަނދައި ހުލިވުމުގެ ސަބަބުން ކައުންސިލްގެ 166 މުވައްޒަފުން ވަނީ ހާލުގައި ޖެހި ވަގުތީ ހިޔާތަކަށް ބަދަލުކޮށްފަ އެވެ.

އަލިފާނުގެ މިހާދިސާއަށްފަހު ހާލުގައި ޖެހުނު ބިދޭސީންނަށް ވަގުތީ ހިޔަލެއްގެ ގޮތުގައި ހުޅުމާލޭގައި ކޮވިޑް ފެސިލިޓީގެ ގޮތުގައި ކުރިން ބޭނުންކުރި ފެސިލިޓީ މިހާރު ދަނީ ބޭނުންކުރަމުންނެވެ.