ނީލަން ފިހާރަ ސަރަހައްދުގައި ރޯވުން

އަލިފާންގަނޑު ކޮންޓްރޯލް ކޮށްފި

މާލޭގައި ހުންނަ ނީލަން ފިހާރަ ސަރަހައްދުގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި މި އަލިފާންގަނޑުގެ 70 ފަސެންޓު ވަނީ ކޮންޓްރޯލް ކުރެވިފަ އެވެ. ދެ ފަރާތުން ރޯވެފައި ހުރި އަލިފާންގަނޑު ނިއްވާލާފައިވީ ނަމަވެސް، އެ ސަރަހައްދުގެ މެދު ތެރޭގައި އަދިވެސް ވަނީ ރޯވެފަ އެވެ.

ނީލަން ފިހާރައިގައި ރޯވި އަލިފާން ފެތުރި އެ ސަރަހައްދުގައި ހުރި މާލޭ ސިޓީ ކައުންސިލްގެ އެކޮމޮޑޭޝަން ބްލޮކްތަކުގެ ތެރެއިން އެއް ބްލޮކް ވަނީ އަނދާ ހުލިވެފަ އެވެ. އަދި މި އެކޮމޮޑޭޝަން ބްލޮކް ތަކުގައި ދިރިއުޅުނު ބިދޭސީން ވަގުތީ ހިޔާތަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް ސެންޓާ (އެންއެމްޑީސީ) ގެ ޗީފް އެކްޒެކިއުޓިވް ހިސާން ހަސަން އަވަސްއަށް ވިދާޅުވި އެވެ.

މި އެކޮމޮޑޭޝަން ބްލޮކްގެ ތެރެއިން އެއްވެސް މީހަކު ފެނިފައި ނުވާއިރު، މި ހާދިސާގައި މީހަކަށް އަނިޔާވި ކަމުގެ މައުލޫމާތު އަދި ނުލިބެ އެވެ.

މި ހާދިސާއާ ގުޅިގެން އެ ސަރަހައްދުން ބޮޑުތަކުރުފާނު މަގާއި އެ ސަރަހައްދުގެ ބައެއް މަގުތައް ވަނީ ވަގުތީ ގޮތުން ބަންދުކޮށްފަ އެވެ. އަދި އިމާދުއްދީން ސްކޫލާއި އިއްޒުއްދީން ސްކޫލުގެ ކިޔެވުން ވަނީ މެދުކަނޑާލާފަ އެވެ.

އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަމުގެ ރިޕޯޓް ފަޔާ އެންޑް ރެސްކިޔުއަށް ލިބުނީ މިއަދު ހެނދުނު 5:43 ހާއިރު އެވެ.