މޯލްޑިވސް ބްރޯޑްކާސްޓިން ކޮމިޝަން

އަންނަ އަހަރު ބްރޯޑްކާސްޓަރުންނަށް އެވޯޑް ދެނީ

Nov 26, 2021

ބްރޯޑްކާސްޓަރުންގެ ހިދުމަތުގެ އަގުވަޒަން ކުރުމުގެ ގޮތުން ހާއްސަ އެވޯޑެއް ދޭން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން -- ބްރޯޑްކޮމް އިން ނިންމައިފި އެވެ.

ބްރޯޑްކޮމްގެ އެވޯޑް އިއުލާންކުރީ އިއްޔެ ކްރޮސްރޯޑްގައި ބޭއްވި ބްރޯޑްކާސްޓިން ފޯރަމްގައި ކޮމިޝަންގެ ނައިބް ރައީސް އަހްމަދު ގައިސް އެވެ.

ބްރޯޑްކާސްޓަރުންނަށް އެވޯޑް ދިނުމަށް ހަމަޖައްސާފައިވަނީ އަންނަ އަހަރުން ފެށިގެންނެވެ.

ގައިސް ވިދާޅުވީ ބްރޯޑްކާސްޓިން ޓެކްނޮލޮޖީ އަށް އަންނަ ބަދަލުތަކުގެ ސަބަބުން ބްރޯޑްކާސްޓަރުންގެ ކޮންޓެންޓް މޮނިޓާކުރުމަށް ހުރި ގޮންޖެހުންތައް އިތުރުވެފައިވާ ކަމަށެވެ.

ބްރޯޑްކާސްޓަރުންގެ ކުރިއެރުމަށް ކޮމިޝަނުން މަސައްކަތް ކުރާނެކަން ފާހަގަކުރައްވަމުން ގައިސް ވިދާޅުވީ ހުރިހާ ބްރޯޑްކާސްޓަރުންނާ ކޮމިޝަނުން ގުޅިގެން ކުރާ މަސައްކަތުން ކުރިއެރުން ހޯދޭނެ ކަމަށެވެ. އެހެންކަމުން ބްރޯޑްކާސްޓަރުންގެ އެއްބާރުލުމަށް އެދިވަޑައިގެންނެވި އެވެ.

ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާ ވިދާޅުވީ ބްރޯޑްކާސްޓްކުރުމުގެ ދާއިރާގެ ކުރިއެރުމާއި ތަރައްގީއަށް މަގުފަހިކުރުމަށާއި ބްރޯޑްކާސްޓަރުންނަށް މާލީ އެހީއާއި އެހެނިހެން އެހީތެރިކަން ފޯރުކޮށްދިނުމަށް ޓްރަސްޓް ފަންޑެއް ގާއިމުކުރުމުގެ މަސައްކަތް ކޮމިޝަނުން ކުރަމުންދާ ކަމަށެވެ.

ރާއްޖޭގެ ހުރިހާ ބްރޯޑްކާސްޓަރުންނަށް ދައުވަތު ދިން މި ފޯރަމްގައި ބައިވެރިވެފައިވާ ބްރޯޑްކާސްޓަރުންނަކީ، ޕަބްލިކް ސާވިސް މީޑިއާ، ވީ މީޑިއާ، މޯލްޑިވްސް ބިޒްނަސް ނެޓްވާކް، އެމްވީ ޓީވީ، ޗެނަލް 13، އަލްކައުން، ނެކްސްޓް ޓީވީ، ޗެނަލް އޯޝަން، ދަރިވަރު ޗެނަލް އަދި ދާރިސް ޓީވީ އެވެ.