ރައްޔިތުންގެ މަޖިލިސް

ޗެނަލް 13އަށް އިންޒާރުދީގެން ކުއްލި މައްސަލައެއް

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ޗެނަލް 13 އަށް އިންޒާރު ދިނުމުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި ކުއްލި މައްސަލަ ހުށަހެޅުއްވީ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް އެވެ.

ކުއްލި މައްސަލައަށް ބަހުސް ކުރަން ނުފެންނަ ކަމަށް 26 މެންބަރުން ވޯޓު ދެއްވިއިރު ފެންނަ ކަމަށް ވޯޓު ދެއްވީ 20 މެންބަރުންނެވެ.

މެންބަރު ޝިޔާމް މި ކުއްލި މައްސަލަ ހުށަހެޅުއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ފާޑުކިޔައި ޗެނަލް 13 އިން ދެއްކި ލަވަތަކުގެ އަޑާއި މަންޒަރު ވަކި ގޮތެއް އަންގަންދެން ބްރޯޑްކާސްޓް ނުކުރުމަށް ބްރޯޑްކޮމް އިން އެ ޗެނަލަށް އަންގާފައި ވަނިކޮށެވެ.

ކުއްލި މައްސަލަ ހުށަހަޅުއްވަމުން ޝިޔާމް ވިދާޅުވީ ގާނޫނު އަސާސީ އިން ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރުކޮށްދޭ ކަމަށެވެ.

ޝިޔާމް ވިދާޅުވީ ސަމާސާ އަދަބަކީ ހިޔާލުފާޅުކުރުމުގެ އެންމެ އަސާސީ އެއް އުސްލޫބު ކަމަށެވެ.

ދުނިޔޭގެ ޑިމޮކްރެޓިކް މުޖުތަމައުތަކުގައި ދީނީ، ވަތަނީ ކަންކަން ފިޔަވައި ސިޔާސީ ލީޑަރުންނާއި ޕާޓީތަކާއި އާންމު ޝަހުސިއްޔަތުތަކާމެދު ސަމާސާ އަދަބު ބޭނުންކުރުމަކީ ހިޔާލު ފާޅުކުރުމުގެ ހައްގެއް ކަމަށެވެ. އެކަން އެ ގައުމުތަކުގެ ކޯޓުތަކުން ނިންމާފައިވާ ނިންމުންތަކުންނާއި ބައިނަލްއަގްވާމީ މުއާހަދާތަކުން އެނގޭ ކަމަށްވެސް ޝިޔާމް ވިދާޅުވި އެވެ.