މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން -- ބްރޯޑްކޮމްގެ ގަވާއިދުގެ ސަބަބުން ވާދަވެރިކަމާއެކު ރީ ބްރޯޑްކާސްޓް ކުރުމުގެ ފުރުސަތު ހަނިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ އާއި ޕީޕީއެމްގެ މެންބަރުން ވިދާޅުވެއްޖެ އެވެ.
ރީ ބްރޯޑްކާސްޓިންގެ ދާއިރާއަށް ނުފޫޒު ފޯރުވުން ހުއްޓުވުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ ޕީޕީއެމް މެންބަރު އަހްމަދު ޝިޔާމް ހުށަހެޅި ގަރާރުގެ ބަހުސް މިއަދު ވަނީ މަޖިލީހުގައި ކުރިއަށް ގެންގޮސްފަ އެވެ.
ބަހުސްގައި މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު ވިދާޅުވީ ގާނޫނުއަސާސީން ހަނިނުކުރެވޭ ހައްގެއް ގަވައިދަކުން ހަނި ނުކުރެވޭނެ ކަމަށާއި ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރުން، އެންޓި ކޮރަޕްޝަން ކޮމިޝަން -- އޭސީސީ -- އަށް ހާޒިރުކުރަން ޖެހިފައިވާ ކަމަށެވެ. އޭސީސީ އިން ރަނގަޅަށް ބަލައިފިނަމަ ނާޖާއިޒު ފައިދާ ނެގިކަން ހޯދޭނެ ކަމަށްވެސް ތޯރިގު ވިދާޅުވި އެވެ.
މަޖިލީހުގެ އެމްޑީޕީގެ މެންބަރުންވެސް ވަނީ ބްރޯޑްކޮމް ބޭނުންވާހާ ގޮތަކަށް ގަވާއިދު ނުހެދޭނެ ކަމަށް ވިދާޅުވެ ކޮމިޝަންގެ މެންބަރުންނަށް ފާޑުވިދާޅުވެފަ އެވެ.
އެމްޑީޕީގެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގު ވިދާޅުވީ ބްރޯޑްކޮމް އިން ހަދައިގެން އުޅޭ ގަވާއިދު މިހާރުން މިހާރަށް އިސްލާހުކުރަން ޖެހޭ ކަމަށެވެ.
ބްރޯޑްކޮމްގެ ގަވާއިދުގެ މަގުސަދުތަކުގެ ތެރޭގައި އެކަށީގެންވާ އަގެއްގައި ހިދުމަތް ލިބޭނެ މާހައުލެއް އުފެއްދުން ހިމެނުނު ނަމަވެސް ވަކި ބަޔަކަށް ހިދުމަތް ކޮންޓްރޯލް ކުރެވޭ ގޮތަށް ގަވާއިދު ހެދުމަކީ މަގުސަދާ ހިލާފުވުން ކަމަށް އޭނާ ވިދާޅުވި އެވެ.
އެމްޑީޕީގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ވިދާޅުވީ އެއްބަޔަކަށް ފައިދާވެ އެހެން ބަޔަކަށް މަގު ބަންދުވުމަކީ ގަބޫލުކުރާނެ ކަމެއް ނޫން ކަމަށެވެ. ރީބްރޯޑްކާސްޓް ކުރުމުގެ ދާއިރާގައިވެސް ވާދަވެރިކަން އޮންނަން ޖެހޭ ކަމަށާއި ރައްޔިތުންނަށް ލިބޭ ހިދުމަތް ރަނގަޅުވާނީ ވާދަވެރިކަމުގެ ތެރެއިން ކަމަށް ވިދާޅުވި އެވެ.
މެންބަރު ޝިޔާމް ހުށަހެޅި ގަރާރުގައި ބުނެފައިވަނީ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރުންގެ މައްޗަށް މަތިކޮށްފައިވާ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމުގެ ބަދަލުގައި ސިޔާސީ އަދި އެހެނިހެން ނުފޫޒުތަކުގައި މެންބަރުން އުޅުއްވާ ކަމަށެވެ.
ގާނޫނުން ކޮމިޝަނަށް ލިބޭ ބާރުތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިފައިގެން ހަދާފައިވާ ރީބްރޯޑްކާސްޓް ކުރުމުގެ ގަވާއިދަކީ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ހަމަހަމަކަމުގެ އުސޫލުތަކާއި ބްރޯޑްކާސްޓްކުރުމުގެ ގާނޫނާއި ހިލާފު ގަވާއިދެއް ކަމަށްވެސް ބުނެފައިވެ އެވެ.
ގަރާރުގައިވާ ގޮތުން ބްރޯޑްކާސްޓިން ކޮމިޝަނުން ހެދި ގަވައިދުގެ ސަބަބުން ބޭރުގެ ހިއްސާއެއް އޮންނަ ކުންފުނިތަކަށް ރީބްރޯޑްކާސްޓިން ހިދުމަތް ނުދެވޭނެ އެވެ.