ރައްޔިތުންގެ މަޖިލިސް

ރީ ބްރޯޑްކާސްޓިންގެ ދާއިރާއަށް ނުފޫޒު ފޯރުވުން ހުއްޓުވަން ގަރާރެއް

ދިވެހިރާއްޖޭގައި ރީ ބްރޯޑްކާސްޓިން ހިދުމަތްދޭ ހުރިހާ ފަރާތްތަކަށް ތަފާތުކުރުމެއްނެތި އިންސާފުވެރިކަމާއި ވާދަވެރިކަމާއެކު ވިޔަފާރިކުރެވޭނެ މާހައުލެއް ގާއިމުކޮށްދިނުމަށް ސަރުކާރަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.

ރައްޔިތުންގެ މަޖިލީހަށް މި ގަރާރު ހުށަހެޅުއްވީ އިދިކޮޅު ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް އެވެ. މިއަދު އޮތީ ހަމައެކަނި މި ގަރާރު މަޖިިލީހަށް ތައާރަފްކުރުމެވެ.

ވަކި ބައެއްގެ ނުފޫޒުން ކުދި އޮޕަރޭޓަރުންގެ ވިޔަފާރިތައް ހަލާކުކޮށްލުމަށް ދައުލަތުގެ މުއައްސަސާތައް މެދުވެރިކޮށް އަޅާފައިވާ ހުރަސްތައް ނައްތާލުމަށް މި ގަރާރުގައި ވަނީ ސަރުކާރަށް ގޮވާލާފަ އެވެ.

ގަރާރުގައި ބުނެފައިވަނީ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރުންގެ މައްޗަށް މަތިކޮށްފައިވާ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމުގެ ބަދަލުގައި ސިޔާސީ އަދި އެހެނިހެން ނުފޫޒުތަކުގައި މެންބަރުން އުޅުއްވާ ކަމަށެވެ.

ގާނޫނުން ކޮމިޝަނަށް ލިބޭ ބާރުތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިފައިގެން ހަދާފައިވާ ރީބްރޯޑްކާސްޓް ކުރުމުގެ ގަވާއިދަކީ ރާއްޖޭގެ ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ހަމަހަމަކަމުގެ އުސޫލުތަކާއި ބްރޯޑްކާސްޓްކުރުމުގެ ގާނޫނާއި ހިލާފު ގަވާއިދެއް ކަމަށްވެސް ބުނެފައިވެ އެވެ.

ވޯލްޑް ކަޕް ޕީއެސްއެމް އިން ދެއްކުމަށްޓަކައި މީޑިއާނެޓަށް ފައިސާ ދައްކާފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި ރާއްޖޭގެ އެކި ރިސޯޓުތަކާއި ކަންކޮޅުތަކުގައި ތިބި ރައްޔިތުންނަށް ދައުލަތުގެ ޓީވީ މެދުވެރިކޮށް އެ މުބާރާތް ބެލޭނެކަން ކަށަވަރުކުރަން ބޭނުންވާ ކަމަށްވެސް ގަރާރުގައިވެ އެވެ.

ގަރާރުގައި ވަނީ ބްރޯޑްކާސްޓިން ވިޔަފާރީގައި ހަރަކާތްތެރިވާ ވަކިބަޔަކު ބްރޯޑްކޮމް މެންބަރުން ކޮންޓްރޯލްކޮށް ފޯރުވާ ނުފޫޒުތައް ދެނެގަނެ އެ ބޭފުޅުން ޖަވާބުދާރީ ކުރުވުމަށްޓަކައި މަޖިލީހުގެ ކަމާގުޅޭ ކޮމިޓީން ޕާލިމެންޓަރީ އިންކުއަރީއެއް ހެދުމަށްވެސް ގޮވާލާފަ އެވެ. އަދި ރީބްރޯޑްކާސްޓިން ހިދުމަތް މިނިވަން އިންސާފުވެރި ވިޔަފާރީގެ މާހައުލެއްގައި ކުރިއަށް ގެންދެވޭނެ މަގެއް ހޯދައިދިނުމަށްޓަކައި ގެންނަންޖެހޭ އިސްލާހުތައް ލަސްނުކޮށް ގެނައުމަށްވެސް ގަރާރުގައި ވަނީ ގޮވާލާފަ އެވެ.