ރީ ބްރޯޑްކާސްޓިންގެ ދާއިރާއަށް ނުފޫޒު ފޯރުވުން ހުއްޓުވުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރު މަޖިލީހަށް ބަލައިގެންފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ގަރާރު ބަލައިގަންނަން ފެންނަ ކަމަށް ވޯޓު ދެއްވީ 28 މެންބަރުންނެވެ. ނުފެންނަ ކަމަށް އަށް މެންބަރުން ވޯޓު ދެއްވިއިރު ވަކިކޮޅަކަށް ވޯޓު ނުދެއްވާ އެއް މެންބަރު އިންނެވި އެވެ.
ދިރާސާކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އާއި ގަވާއިދު ކޮމިޓީގެ މެންބަރުން ހިމެނޭ ޖޮއިންޓް ކޮމިޓީއަކަށް ވަނީ ފޮނުވާފަ އެވެ.
ރާއްޖޭގައި ރީ ބްރޯޑްކާސްޓިން ހިދުމަތްދޭ ހުރިހާ ފަރާތްތަކަށް ތަފާތުކުރުމެއް ނެތި އިންސާފުވެރިކަމާއި ވާދަވެރިކަމާއެކު ވިޔަފާރިކުރެވޭނެ މާހައުލެއް ގާއިމުކޮށްދީ ވަކިބައެއްގެ ނުފޫޒުން ކުދި އޮޕަރޭޓަރުންގެ ވިޔަފާރިތައް ހަލާކުކޮށްލުމަށް ދައުލަތުގެ މުއައްސަސާތައް މެދުވެރިކޮށް އަޅާފައިވާ ހުރަސްތައް ނައްތާލުމަށް ސަރުކާރަށް ގޮވާލައި މި ގަރާރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރު ޝިޔާމް ވިދާޅުވީ ދައުލަތުގެ މުއައްސަސާތަކުގެ ތެރެއިން އެކަމުގައި އެންމެ ބޮޑު ހުރަހެއް އަޅާ މުއައްސަސާއަކީ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން ކަމަށެވެ. ބްރޯޑްކާސްޓިން ކޮމިޝަންގެ މައިގަނޑު މަގުސަދުތަކާއި ހިލާފަށް އަމަލުކުރާ ތަން ފެންނަ ކަމަށް ވިދާޅުވި އެވެ.
ޝިޔާމް ވިދާޅުވީ ބްރޯޑްކާސްޓްކުރުމުގެ ގާނޫނުގެ މައިގަނޑު މަގުސަދާއި އަދި އެ ގާނޫނުގެ ދަށުން ބްރޯޑްކާސްޓް ކޮމިޝަނުން ހަދާފައި އޮތް ގަވާއިދުގެ މައިގަނޑު މަގުސަދުތަކާ ވެސް ހިލާފަށް ވަކި ބަޔަކަށް ނާޖާއިޒު ފައިދާ ލިބޭ ގޮތަކަށް އަމަލުކުރަމުންދާ ކަމަށެވެ.
މި ގަރާރުގެ ބަހުސްގައި މީގެ ކުރިން އެމްޑީޕީ އާއި ޕީޕީއެމްގެ މެންބަރުންވެސް ވިދާޅުވީ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން -- ބްރޯޑްކޮމްގެ ގަވާއިދުގެ ސަބަބުން ވާދަވެރިކަމާއެކު ރީ ބްރޯޑްކާސްޓް ކުރުމުގެ ފުރުސަތު ހަނިވާ ކަމަށެވެ.