ދިވެހި މީޑިއާ

ދިވެހި ނޫސްވެރިން ދަފްތަރު ކުރުމުގެ އުސޫލަށް އަމަލުކުރަން ފަށައިފި

ދިވެހި ނޫސްވެރިން ދަފްތަރު ކުރުމުގެ އުސޫލަށް އަމަލުކުރަން ފަށައިފި އެވެ.

ރާއްޖޭގައި މީގެކުރިން ނޫސްވެރިން ދަފްތަރު ކުރުމުގެ އުސޫލެއް އެކުލަވާލާލާ އަމަލުކޮށްފައެއް ނުވެ އެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން އެކުލަވާލި މި އުސޫލުގެ މަގުސަދަކީ ރާއްޖޭގައި ރަސްމީގޮތުން މަސައްކަތްކުރާ ނޫސްވެރިންނަކީ ދައުލަތުގެ އިދާރާއެއްގައި ރަޖިސްޓްރީވެފައިވާ އަދި އެފަދަ އިދާރާއަކުން ގަބޫލުކުރާ ފެންވަރުގެ ނޫސްވެރިޔަކަށް ހެދުމަށް ބާރު އަޅުމެވެ.

މީގެއިތުރުން މީޑިއާތަކުގައި މަސައްކަތްކުރާ ނޫސްވެރިންނާއި ފްރީލާންސް ނޫސްވެރިން ދެނެގަތުން ވެސް އެއީ މި އުސޫލުގެ މަގުސަދެކެވެ.

މިއުސޫލުގައި ފްރީލާންސް ނޫސްވެރިންވެސް ބެލެވިގެންދާނީ ނޫސްވެރިންގެ ގޮތުގައި ކަމަށް ކަނޑައަޅާފައިވެ އެެވެ.

މި ދަފްތަރު އެކުލަވާލުމުގައި ނޫސްވެރިންގެ ގޮތުގައި ބަލާނީ އެޑިޓަރުން، ރިފޯޓަރުން، ވީޑިއޯ ނޫސްވެރިން އަދި އަދި ފޮޓޯއާއި އިންފޮގްރަފިކްސް ނޫސްވެރިންނެވެ.

ނޫސްވެރިންގެ ދަފްތަރުގައި ރަޖިސްޓްރީ ކުރެވޭނީ ފަސް އަހަރު ދުވަހަށެވެ. އަދި ފަސް އަހަރު ދުވަސް ހަމަވާން ތިންމަސް ދުވަހަށް ވުމުން ދަފްތަރު އާކުރަން މޯލްޑިވްސް މީޑިއާ ކައުންސިލަށް އަލުން ހުށަހަޅައިގެން އެކަން ކުރަންޖެހެ އެވެ.