މޯލްޑިވސް ބްރޯޑްކާސްޓިން ކޮމިޝަން

ގެއްލުމުގައި ހިންގަން ހުށައެޅުމުން ސަން ޓީވީއަށް ހުއްދަ ނުދޭން ނިންމައިފި

Jun 6, 2022
3

ވިޔަފާރިވެރިޔާ އަދި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދުގެ "ސަން ޓީވީ" އަށް ހުއްދަ ނުދޭން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން އިން ނިންމައިފި އެވެ.

ކުރީން ހިންގުމަށް ފަހު ހުއްޓާލާފައި އޮތް ސަން ޓީވީ އަލުން ފެށުމަށް އައު ލައިސަންސް އަކަށް ވަނީ އެދިފައެވެ. އެކަމާއި ގުޅިގެން ގޮތް ނިންމުމަށް މިއަދު އޮތް ބްރޯޑްކާސްޓިން ކޮމިޝަންގެ ބައްދަލްވުމުގައި ކޮމިޝަންގެ މެންބަރުންގެ އަޣުލަބިއްޔަތުން ވަނީ އެ ޓީވީ ހިންގުމަށް ހުއްދަ ނުދޭން ނިންމާފައެވެ.

އަވަސްއަށް އެނގިފައިވާ ގޮތުގައި ހުއްދަ ނުދޭން ނިންމީ އެ ކުންފުނިން ހުށައަޅާފައިވާ ޕްރޮޕޯސަލްގައި ކުރިއަށް އޮތް ދިހަ އަހަރު އެ ޓީވީ ސްޓޭޝަން ހިންގަން ޖެހޭނީ ގެއްލުމުގައި ކަމަށް ބުނެފައިވާތީ އެވެ. އެ ގޮތަށް އޮތުމުން އެ ހުއްދަ ދޭން ނުފެންނަ ކަމަށް މެންބަރުން ނިންމީ އެވެ.

އެކަމާއި ގުޅޭގޮތުން ބްރޯޑްކާސްޓިން ކޮމިޝަނުން ރަސްމީކޮށް އެއްޗެއް ނުބުނެއެވެ.

ސަން ޓީވީއަށް ހުއްދަ ނުދޭން ނިންމި ނަމަވެސް މިހާރު ހުށައަޅާފައިވާ ޕްރޮޕޯސަލަށް ބައެއް ބަދަލުތައް ގެނެސް އަލުން ހުށައެޅުން ހުއްދަ ދޭނެ ކަމަށް ބެލެވެއެވެ. ސަން މީޑިއާ ގުރޫޕް އިތުރަށް ވަރުގަދަ ކުރުމުގެ މަސައްކަތް ސިޔާމް ވަނީ ފައްޓަވާފައެވެ. އެ ގޮތުން ޓީވީ ހިންގަން ހާއްސަކޮށްގެން މަސައްކަތް ވަނީ ފަށާފައެވެ.

އަލުން ސަން ޓީވީ ފަަށަން މަސައްކަތް ކުރާއިރު ސިޔާމްގެ އަރިސް ބޭފުޅުން ގެންދަވަނީ 2023 ގެ ރިޔާސީ ރޭހަށް ސިޔާމް ނިކުންނަވާނެ ކަމަށް ވިދާޅުވެ ކެމްޕެއިންވެސް ކުރައްވަމުންނެވެ. ނަމަވެސް އެކަމާއި ގުޅޭގޮތުން ސިޔާމް އެއްޗެއް ވިދާޅެއް ނުވެއެވެ.