ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑުން ތޮއްޑޫގައި ރީޑިން ޕާކެއް

Nov 27, 2021

ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން އއ. ތޮއްޑޫގެ ބަނދަރު ސަރަހައްދުގައި ފޮތް ކިޔަން ހާއްސަ، ޕާކެއް ގާއިމް ކޮށްފި އެވެ.

ތޮއްޑޫގައި ގާއިމްކުރި ރީޑިން ޕާކުގެ މަސައްކަތް ރާވައި ހިންގީ ތޮއްޑޫ ސްކޫލްގެ ލީޑިން ޓީޗަރެއް ކަމަށްވާ އާދަމް އަފްސަލެވެ.

ބީއެމްއެލް އިން ބުނިގޮތުގައި މި ޕްރޮޖެކްޓަކީ ފޮތް ކިޔުމުގެ ޝައުގު އުފެއްދުމާއި ފަސޭހަ ކަމާއެކު ފޮތް ކިޔޭނެ މާހައުލެއް ގާއިމްކޮށް އާއިލާތަކުގެ މެދުގައި ގުޅުން ބަދަހި ކުރުމެެވެ.

މި ޕާކުގައި ދަރިވަރުންނަށް ހާއްސަ ކޮށްފައިވާ މިނީ ލައިބްރަރީ އެއްވެސް ހިމެނެ އެވެ. އަދި ޒިޔާރަތް ކުރާ ބެލެނިވެރިންނަށް ހާއްސަކޮށް ޖޯއްޔާއި އުނދޯލި ވެސް ބަހައްޓައިފައި ވެއެވެ.

މާ ބަގީޗާއެއްގެ ގޮތުގައި ތަރައްގީކޮށްފައިވާ ރީޑިން ޕާކުގައި ތުއްތު ކުދިންގެ މޮޓޯ ސްކިލްސް ތަރައްގީ ކުރުމަށް ޗެސް، ޑޮމިނޯ ފަދަ ސިކުނޑި ތަރައްގީކޮށްދޭ ކުޅިވަރުތައް ކުޅުމުގެ ފުރުސަތު ވެސް މަގުފަހިކޮށްދީފައިވާނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.

ބީއެމްއެލް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކާއި ތައުލީމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒު ކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެކެވެ.

މިއަހަރަކީ މެދުކެނޑުމެއްނެތި ކޮމިއުނިޓީ ފަންޑު ހިންގާތާ ތިންވަނަ އަހަރުކަން ބީއެމްއެލް އިން ވަނީ ފާހަގަކޮށްފަ އެވެ. މިހާތަނަށް މި ފަންޑުގެ ދަށުން 55 ޕްރޮޖެކްޓަކަށް ވަނީ މާލީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.