ހަބަރު

ބީއެމްއެލްއިން ސެން ކްލާސްތަކުގެ ކުދިންނަށް ބޮޑު އެހީއެއް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން 10 ސްކޫލެއްގައި ހިންގާ ސްޕެޝަލް އެޑިއުކޭޝަން ނީޑް (ސެން) ކްލާސްތަކުގައި ކުދިން ކިޔެވުމަށް ބޭނުންވާ ތަކެތި ހަދިޔާކޮށްފި އެވެ.

ބީއެމްއެލްއިން އެހީތެރިކަން ފޯރުކޮށްދީފައިވަނީ ކެލާ ސްކޫލް، އިހަވަންދޫ ސްކޫލް، ށ. މިލަންދޫ ސްކޫލް، ނ.އަތޮޅު ސްކޫލް، މާފުށި ސްކޫލް، ތޮއްޑޫ ސްކޫލް، ތ.އަތޮޅު ސްކޫލް، ގދ. ތިނަދޫ އަބޫބަކުރު ސްކޫލް، ފުވައްމުލަކު ހާފިޒް އަހުމަދު ސްކޫލް އަދި ސ. ހިތަދޫ ޝަރަފުއްދީން ސްކޫލަށެވެ.

ސްކޫލުތަކުގައި ހިންގާ ސެން ކްލާސްތަކަށް ދިމާވާ އެންމެ ބޮޑު ދައްޗަކީ ކުދިންނަށް ކިޔަވައިދޭން ބޭނުންވާނެ ވަސީލަތްތައް މަދުވުންކަމަށްވާއިރު މި އެހީ އާއެކު ޖުމްލަ 300 އެއްހާ ކުދިން ކިޔަވަމުންދާ މި ކްލާސްތަކަށް ވަނީ ތައުލީމީ އާ އަހަރާއެކު ކިޔަވައިދިނުމަށް އިތުރު ލުއި ފަސޭހަ ކަމެއް ލިބިފައިވާ ކަމަށް ބީއެޖމްއެލް އިން ބުނެ އެވެ. އަދި މީގެ އިތުރުން މި ތަކެއްޗާއެކު ކްލާސްތަކުގައި ކިޔަވަމުންދާ ދަރިވަރުންނަށް ކިޔަވައި ދިނުމުގައި އެކުލެވޭ ހާއްސަ ތެރަޕީތައް ދިނުމަށް އިތުރަށް މަގު ފަހިވެގެން ވެސް ދާނެ ކަމަށް ވެސް ބުންޏެވެ.

ސެންގެ ކްލާސްތަކުގެ ކުދިންނަށް ކިޔަވާދިނުމަށް ބޭނުންވާ ތަކެތި ހަދިޔާ ކުރުމަށްފަހު ބީއެިމްއެލްގެ ޕަބްލިކް ރިލެޝަން އޮފިސަރު މުހައްމަދު ސައީދު ވިދާޅުވީ ސެން ކްލާސްތަކުގެ ކުދިންނަށް ކިޔެވުމަށް ބޭނުންވާ ވަސީލަތްތައް 300 އެއްހާ ކުދިންނަށް ފޯރުކޮށްދެވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަަމަށެވެ.

ސައިދު ވިދާޅުވީ މި ވަސީލަތްތަކަކީ މި ކުދިންގެ ގާބިލިއްޔަތުކަމާއި، އެހެން މިހުންނާއި ގުޅިގެން މުޖުތަމައުގައި ހަރަކާތްތެރި ވުމަށް ބޭނުންވާ ހުނަރު ތަރައްގީ ކުރުމާއި އެކުދިންގެ ތައުލީމީ ބޭނުންތައް ބަލައިގެން ހޯދާފައިވާ ވަސީލަތްތަކެއް ކަމަށެވެ. އަދި މިކަމުގައި ސްކޫލްތަކުން ވެދެއްވި އެހީތެރިކަމާއި އެއްބާރުލުން ފާހަގަކޮށް އެ ފަރާތްތަކަށް އޭނާ ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.

ބޭންކުން ކުރިޔަށްގެންދާ "އަހަރެންގެ ބޭންކް" ޕްރޮގްރާމުގެ ދަށުން ފާއިތުވެދިޔަ އަހަރުތެރޭގައި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި މުޖުތަމައުއަށް ފައިދާ ކުރަނިވި 140 އަށް ވުރެ ގިނަ ތަފާތު ހަރަކާތްތަކެއް ވަނީ ހިންގާފަ އެވެ. އެގޮތުން ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް މޮޓޮރައިޒްޑް-ވީލްޗެއާ ހަދިޔާކުރުމާއި، ކުޅިވަރުގެ ހުނަރު ތަރައްގީކޮށް ދުޅަހެޔޮ ދިރިއުޅުމަކަށް ޒުވާނުން އަހުލުވެރިކުރުމުގެ ހަރަކާތްތަކުގެ އިތުރުން ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކާ ގުޅިގެން ހިންގުނު ޕްރޮޖެކްޓްތައް ހިމެނޭ ކަމަށް ބީއެމްއެލް އިން ބުނެ އެވެ. އަދި މީގެ އިތުރުން "ކޮމިއުނިޓީ ފަންޑު" ގެ ދަށުން އެއް މިލިއަން ރުފިޔާގެ ފަންޑަކާއެކު 20 ރަށެއްގައި މުޖުތަމައަށް ފައިދާ ކުރާނެ ހަރަކާތްތައް ހިންގުމަށްވަނީ މާލީ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ވެސް އެ ބޭންކުން ވަނީ ބުނެފަ އެވެ.