ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑުގެ އެހީ ފަސް ރަށަކަށް

މިއަހަރުގެ ހަތަރުވަނަ ކުއާޓަރުގައި ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ އެހީ ލިބޭ ރަށްތައް ހާމަކޮށްފި އެވެ.

އަމިއްލަ ފަރުދުންނާއި ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ދެމެހެއްޓެނިވި ގޮތެއްގައި ރަށްރަށުގައި ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީވުމުގެ ގޮތުން ބޭންކުން ހިންގާ އަހަރެންގެ ބޭންކް ކޮމިނިއުޓީ ފަންޑުގެ މިއަހަރުގެ ހަތަރުވަނަ ކުއާޓަރުގައި ހުށަހެޅުނު، ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ފަސް ޕްރޮޖެކްޓެއް ވަނީ ހޮވާފަ އެވެ.

ބީއެމްއެލްގެ އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަކީ، އަމިއްލަ ފަރުދުންނާއި ޖަމއްޔާ، ޖަމާއަތްތަކުން ރަށްރަށުގައި ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށް ބޭނުންވާ މަޝްރޫއުތައް ހިންގުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ދޭ އެހީ އެކެވެ.

އެގޮތުން އެހީދޭ ޕްރޮޖެކްޓްތަކަކީ ނ. ހެނބަދޫ ގައި ބާބެކިއު ހެދުމަށް ސަރަހައްދެއް ތަރައްގީކުރުމާއި، ކ. މާފުށީގައި އައުޓްޑޯ ލައިބްރަރީއެއް ގާއިމުކުރުމާއި، ފ. ފީއަލީގައި އައުޓްޑޯ ލައިބްރަރީއެއް ގާއިމުކުރުމާއި، ތ. ބުރުނީގެ ރާގޮނޑި ބީޗް ތަރައްގީކުރުން އަދި ގދ. ތިނަދޫގައި އިސްރަށްވެހިންނަށް ހާއްސަ ޕާކެއް ހެދުމަށެވެ.

މިކަމާ ގުޅޭގޮތުން ބީއެމްއެލްގެ މެނޭޖާ ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު ވިދާޅުވީ ބޭންކުގެ އަމާޒަކީ މި ފަންޑުގެ ދަށުން މުޖުތަމައަށް ފައިދާކުރާނެ މުހިންމު ޕްރޮޖެކްޓްތަކަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.

"މިފަހަރުވެސް ރަނގަޅު ޕްރޮޕޯސަލް ތަކެއް ކޮމިއުނިޓީ ފަންޑަށް ލިބުނުކަން އުފަލާއެކު ފާހަގަކޮށްލަން. މިއިން ދައްކުވައިދެނީ އަމިއްލަ ފަރުދުންނާއި ޖަމިއްޔާތަކުން ރަށުގެ ތަރައްގީ އާއި މުޖުތަމައުގެ ލާބައަށް މަސައްކަތްކުރުމަށް ބޭނުންވާ މިންވަރު" ސައީދު ވިދާޅުވި އެވެ.

ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑުގެ ދަށުން މިހާތަނަށް މިވަނީ 60 ރަށެއްގައި މުޖުތަމައަށް ފައިދާކުރާ ޕްރޮޖެކްޓްތަކެއް ހިންގުމަށް އެހީތެރިކަން ފޯރުކޮށްދީފަ އެވެ.