ހަބަރު

އެހެން ކޯޓަކަށް ބަދަލުވާން އެދޭ މެޖިސްޓްރޭޓުންނަށް ފުރުސަތު ހުޅުވާލައިފި

Aug 6, 2020

މެޖިސްޓްރޭޓުންގެ ތެރެއިން އެހެން ކޯޓަށް ބަދަލުވާން އެދޭ މެޖިސްޓްރޭޓުންނަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފުރުސަތެއް ހުޅުވާލައިފި އެވެ.

ޖޭއެސްސީން މިއަދު ކުރި އިއުލާނެއްގައިވާ ގޮތުން މެޖިސްޓްރޭޓުންނަށް ބަދަލުވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ 14 ރަށެއްގެ މެޖިސްޓްރޭޓް ކޯޓުތަކުގެ ތެރެއިން ކޯޓަކަށް ބަދަލުވާން އެދޭ މެޖިސްޓްރޭޓުންނަށެވެ. އެއިން ކޯޓަށް ބަދަލުވުމުގެ ޝައުގުވެރިކަން ހުރި މެޖިސްޓްރޭޓުން އަންނަ ބުދަ ދުވަހުގެ ކުރިން ސަބަބު ބަޔާންކޮށް ސިޓީއަކުން އެ ކޮމިޝަނަށް ހުށަހަޅަން ޖެހޭނެ ކަމަށް އެ އިއުލާނުގައި ބުނެފައިވެ އެވެ.

މި ގޮތުން އިސް މެޖިސްޓްރޭޓު ކަމުގެ މަގާމަށް ކޯޓަކަށް ބަދަލު ވުމުގެ ފުރުސަތު ހުޅުވާލީ ހދ. ނޮޅިވަރަމް، ރ. މަޑުއްވަރީ، ބ. ތުޅާދޫ، ފ. ފީއަލި، ފ. ބިލެތްދޫ، ގއ. ކޮލަމާފުށި، ގއ. ކަނޑުހުޅުދޫގެ އިތުރުން ގދ. ފަރެސްމާތޮޑާ ކޯޓަށެވެ. މެޖިސްޓްރޭޓް ކަމުގެ މަގާމ ށ. ފުނަދޫ، ނ. މަނަދޫ، ވ. ފެލިދޫގެ އިތުރުން ގދ. ތިނަދޫ ކޯޓަށެވެ.

މި ގޮތަށް ފުރުސަތު ހުޅުވާލުމުން ކުރިމަތިލާ މެޖިސްޓްރޭޓުންނަށް ކޯޓު ބަދަލު ކޮށްދިނުމުގައި އެ މެޖިސްޓްރޭޓަރަކު މިހާރު ހުރި ކޯޓާއި އެ ކޯޓު ހިމެނޭ ކްލާސްޓާގައި ތިބި ފަނޑިޔާރުންނަށާއި އެ ކްލަސްޓާގެ ކޯޓުތަކަށް ހުށަހެޅޭ މައްސަލައިގެ ނިސްބަތަށް ރިއާޔަތް ކުރެވޭނެ ކަމަށް ޖޭއެސްސީގެ އިއުލާނުގައި ބުނެފައިވެ އެވެ.