ގއ. ކަނޑުހުޅުދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް ހަސަން ދީދީގެ ހަތް މައްސަލައެއް ބަލަމުންދާ ކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ބުނެފި އެވެ.
ޖޭއެސްސީއިން މިކަން ހާމަކުރީ ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތަކާމެދު މުޅި ގައުމު ކަންބޮޑުވެފައިވަނިކޮށެވެ. އެއީ ކަނޑުހުޅުދޫގައި ދެ އަހަރުގެ އަންހެން ކުއްޖަކަށް އެ ކުއްޖާގެ މުނި ކާފަ އާއި ކާފަ ޖިންސީ ގޯނާ ކުރި ކަމުގެ މައްސަލަ ހޫނުވެފައިވުމާ ގުޅިގެންނެވެ. އެ ކާފައިން ވެސް މިހާރު ވަނީ ހައްޔަރުކޮށް ބަންދު ޖަހާފަ އެވެ. އެ މައްސަލާގައި އިހުމާލުވި ކަމުގެ ތުހުމަތުގައި ކުއްޖާގެ ބައްޕަ ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.
ކަނޑުހުޅުދޫއިން މި ހަޑި އަމަލު ފެންމަތިވެފައިވަނިކޮށް އެ ރަށު ކޯޓުގެ މެޖިސްޓްރޭޓްގެ ވާހަކަތައް ވެސް ސޯޝަލް މީޑިއާގައި ފެންމަތިވި އެވެ. އަދި އެ ކޯޓުގެ ކޮމްޕިއުޓަރުތަކުގައި އޮރިޔާން ކާޑް ގެންގުޅުނު ކަމުގެ އަޑުތައް އެރި އެވެ.
މިކަމަށް އިޝާރަތްކޮށް ޖޭއެސްސީއިން މިއަދު ނެރުނު ނޫސް ބަޔާނުގައިވާ ގޮތުން ހަސަން ދީދީގެ ހަތް މައްސަލައެއް އެ ކޮމިޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ. އެ މައްސަލަަތައް އެންމެ ފުރަތަމަ ހުށަހެޅީ މިދިޔަ އަހަރުގެ އޭޕްރީލް މަހު އެވެ.
އެ ހަތް މައްސަލައަކީ މުވައްޒަފުންނަށް ޖިންސީ ގޯނާކޮށް މާލިޔަތު ގާނޫނާ ހިލާފުވުމަށް އެންގުމާއި އޮރިޔާން ވީޑިއޯ މުވައްޒަފުންނަށް ދައްކާ މައްސަލަ އާއި ކޯޓުގެ މުދާ އަމިއްލަ ބޭނުމަށް ބޭނުންކުރާ މައްސަލަ އާއި ހެކިންގެ ބަޔާން ނެގުމަށް ހުރަސް އަޅާ މައްސަލަ އާއި މާރާމާރީ ހިންގަން ހިތްވަރު ދިން ކަމުގެ މައްސަލަ އާއި ހުތުރު އެއްޗެހި ގޮވި ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލަ އެވެ.
މި މައްސަލަތާ ގުޅިގެން ހަސަން ދީދީ ވަނީ ޖޭއެސްސީއަށް ހާޒިރުކޮށް މައްސަލަތާ ގުޅޭ ގޮތުން އޭނާގެ ބަސް ހޯދާފަ އެވެ. އަދި އޭނާ ސަސްޕެންޑް ވެސް ކުރި އެވެ. މައްސަލަތަކުގައި ޖިނާއީ ކަންކަން ފާހަގަކުރެެވޭތީ ޖޭއެސްސީއިން ވަނީ އެ މައްސަލަތައް ތަހުގީގު ކުރުމަށް ފުލުހަށް ވެސް ހުށަހަޅާފަ އެވެ. މިހާރު މި މައްސަލަތަކާ ގުޅިގެން ޖޭއެސްސީއިން ކުރަމުންދާ އެންމެ ފަހުގެ ރިޕޯޓް ތައްޔާރު ކުރުމުގެ މަސައްކަތްތައް ކަމަށް ވެސް ޖޭއެސްސީއިން ބުންޏެވެ.