ހަބަރު

ޖިންސީ ގޯނާގެ ޝަރީއަތްތައް އަވަސްކުރަން ޖޭއެސްސީއިން ފިޔަވަޅު އަޅަނީ

Jan 19, 2020

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާ ގުޅިގެން ދައުވާ އުފުލާފައިވާ މީހުންގެ މައްސަލަތައް ކޯޓުތަކުގައި އަވަސް ކުރުމަށް ފިޔަވަޅުތައް އެޅުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމައިފި އެވެ.

ޖޭއެސްސީގެ މިއަދުގެ ބައްދަލުވުމުގައި މިކަމާ ގުޅިގެން ވަނީ މަޝްވަރާކޮށްފަ އެވެ. އެއަށްފަހު ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނީ ޖިންސީ ގޯނާގެ މައްސަލަތައް ކޯޓުތަކުގައި ލަސްވުމަށް ދިމާވާ ސަބަބު ދެނެގަތުމަށް ނިންމާފައިވާ ކަމަށެވެ.

އެކަން ކުރާނީ ކޯޓުތަކުގެ އިސް ފަނޑިޔާރުންނާ ބައްދަލުކޮށްގެން ކަމަށާއި އަދި އަވަސް ފިޔަވަޅުތައް ވެސް އަޅާނެ ކަމަށް ޖޭއެސްސީއިން ބުންޏެވެ. މި މަސައްކަތް މި ހަފުތާގެ ތެރޭގައި ނިންމަން ވެސް ކޮމިޝަނުން ވަނީ ނިންމާފަ އެވެ.

މީގެއިތުރުން ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާ ގުޅޭ ގޮތުން ކޯޓުތަކަށް ހުށަހެޅޭ މައްސަލަތައް ބްލޮކް ޓްރައިލްސް ނިޒާމެއްގެ ތެރެއިން ބަލަން ފެށޭނެ ނިޒާމެއް ގާއިމް ކުރުމަށާއި މިފަދަ މައްސަލަތައް ކޯޓުތަކުގައި ލަސްވުމެއް ނެތި ކުރިއަށް ގެންދެވޭނެ ގޮތަކަށް ކަންކަން ރޭވުމަށް ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނަށް އެންގުމަށް ވެސް ވަނީ ޖޭއެސްސީއިން މިއަދު ނިންމާފަ އެވެ.

ޖޭއެސްސީއިން މި ނިންމުންތައް ނިންމީ ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތަކާމެދު މުޅި ގައުމު ކަންބޮޑުވެފައިވަނިކޮށެވެ. އެއީ ގއ. ކަނޑުހުޅުދޫގައި ދެ އަހަރުގެ އަންހެން ކުއްޖަކަށް އެ ކުއްޖާގެ މުނި ކާފަ އާއި ކާފަ ޖިންސީ ގޯނާ ކުރި ކަމުގެ މައްސަލަ ހޫނުވެފައިވުމާ ގުޅިގެންނެވެ. އެ ކާފައިން ވެސް މިހާރު ވަނީ ހައްޔަރުކޮށް ބަންދު ޖަހާފަ އެވެ. އެ މައްސަލާގައި އިހުމާލުވި ކަމުގެ ތުހުމަތުގައި ކުއްޖާގެ ބައްޕަ ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.

ދެ އަހަރުގެ ކުއްޖާ މިހާރު ވަނީ ބެލުމުގެ ދަށަށް ގެނެސްފަ އެވެ. އެ ކުއްޖާއަށް ފަރުވާ ދެމުންދާއިރު ސީރިއަސް އަނިޔާތަކެއް ކުއްޖާއަށް ލިބިފައިވާ ކަމަށްވެ އެވެ. މި މައްސަލަ ފަޅާއަރުވާލީ އެ ކުއްޖާ ފެންވަރުވަން އެ ގެއަށް ދިޔަ ކުއްޖާގެ ބޮޑުދައިތަ އެވެ.