ޝަރުއީ ދާއިރާ ރިފޯމް ކުރުން

އިސް މެޖިސްޓްރޭޓް ހަސަން ދީދީ ސަސްޕެންޑްކޮށްފި

ގއ. ކަނޑުހުޅުދޫ މެޖިސްޓްރޭޓް ކޯޓުގެ ކޯޓް އިސް މެޖިސްޓްރޭޓް ހަސަން ދީދީ ވަޒީފާއަށް ނުނުކުންނަވައި މަޑު ކުރައްވަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ން އަންގައި އޭނާ ސަސްޕެންޑް ކޮށްފި އެވެ.

ޖޭއެސްސީން މިއަދު ބޭއްވި އެ ކޮމިޝަނުގެ ބައްދަލުވުމުގައި ނިންމާފައި ވަނީ، ކަނޑުހުޅުދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ހަސަން ދީދީއާ ގުޅިގެން، އެ ކޮމިޝަނުން ބަލަމުންދާ ޝަކުވާގެ ތަހުގީގު ވަކި ގޮތަކަށް ނިމެންދެން ވަޒީފާއަށް ނުނުކުންނަވައި ގޭގައި މަޑުކުރަން އަންގާށެވެ.

މީގެ އިތުރުން ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގައި ވަގުތީ ގޮތުން މަސައްކަތް ކުރައްވާ މެޖިސްޓްރޭޓް ހުސައިން ރަޝީދު އެ ކޯޓަށް ބަދަލުކުރި މަގުސަދު ހާސިލްވަމުން ނުދާ ކަމަށް އޭނާގެ މައްސަލަ ބަލާ ކޮމިޓީއަށް ފެންނާތީ، އެ ކޯޓުގައި ވަގުތީ ގޮތުން މަސައްކަތް ކުރެއްވުމަށް ނިންމި ނިންމުން ރިވިއު ކުރުމަށާއި އޭނާ ކުރިން މަސައްކަތް ކުރެއްވި ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށް 7 އޮގަސްޓް 2019 އިން ފެށިގެން ބަދަލު ކުރަން ވެސް މިއަދު ނިންމާފައި ވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށްފަހު، ޖޭއެސްސީން ވަނީ ފަނޑިޔާރުންނާއި، ގުޅޭ ގިނަ އަދަދެއްގެ މައްސަލަތައް ފުލުފުލުގައި ބަލާ ފިޔަވަޅު އަޅަން ފަށާފަ އެވެ.